ކ. މާލެ
|
3 އޯގަސްޓް 2021 | އަންގާރަ 06:58
އަބްދުއްލާ ކަމާލުއްދީން - އައު ސިޔާސީ ޕާޓީގެ މަގްސަދަކީ، ރައްޔިތުން ބާރުވެރިކުރެވި ދައުލަތުގެ ބާރުތައް ވަކި ކުރެވިގެން ދިޔުމާއެކުވެސް، ޤައުމުގައި ޙައްލުނުކުރެވި މައްސަލަތައް ހައްލުކުރުން
އަބްދުއްލާ ކަމާލުއްދީން - އައު ސިޔާސީ ޕާޓީގެ މަގްސަދަކީ، ރައްޔިތުން ބާރުވެރިކުރެވި ދައުލަތުގެ ބާރުތައް ވަކި ކުރެވިގެން ދިޔުމާއެކުވެސް، ޤައުމުގައި ޙައްލުނުކުރެވި މައްސަލަތައް ހައްލުކުރުން
ރާއްޖެއެމްވީ
އައު ސިޔާސީ ޕާޓީއެއް އުފެއްދުން
ކަމާލުއްދީނަށް ޕާޓީ އުފެއްދުމުގެ މަސައްކަތްކުރުމަށް ހުއްދަދީފި
 
ކަމާލުއްދީނަށް ހުއްދަ ދެއްވީ، ހޯމަ ދުވަހު

ސިޔާސީ ޕާޓީއެއް އުފައްދަން މަސައްކަތްކުރުމަށް އަބްދުﷲ ކަމާލުއްދީނަށް ހުއްދަދޭން އިލެކްޝަން ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ "ގައުމީ އެއްބައިވަންތަކަމުގެ ޕާޓީ" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް މަސައްކަތްކުރުމުގެ ހުއްދަ ޢަބްދުﷲ ކަމާލުއްދީނަށް ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. މިއާއެކު ކަމާލުއްދީން ވަނީ އިލެކްޝަންސް ކަމިޝަނަށް ޝުކުރު އަދާ ކުރައްވާފައެވެ.

ޕާޓީ އުފެއްދުމުގެ މަސައްކަތް ކުރުމުގެ ހުއްދައަށް އެދުމުން އިލެކްޝަނުން އެންމެ ފުރަތަމަ ވަނީ އޭނާއަށް އެ ހުއްދަ ނުދޭން ނިންމާފައެވެ. އެ ގޮތައް ނިންމީ އެމްއާރުއެމް އިން ވަކި ނުވެ އޮތުމުންކަމަށް އިލެކްޝަންސް ކޮމިޝަނުންވަނީ ބުނެފައެވެ. އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފައިވަނީ، ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި ހުށަހަޅާ މީހެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތު ފުރިހަމަ ނުވާތީ، ސިޔާސީ ޕާޓީއެއް އުފެއްދެވުމަށް އެދި ޢަބްދުﷲ ކަމާލުއްދީން ހުށަހެޅުއްވި ފޯމަކީ ބާޠިލް ފޯމެއް ކަމުގައި އޭރު ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. އިލެކްޝަނުން އޭރު ބުނީ، ކަމާލުއްދީނަކީ އެމްއާރުއެމްގެ މެންބަރެއް ކަމަށާއި، އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި ކަމާލުއްދީން ރަޖިސްޓްރީވެފައިވަނީ އެމްއާރުއެމްގައި ކަމަށެވެ. އަދި އެމްއާރުއެމުން ވަކިވެވަޑައިގަތުމަށް އެދި ކަމާލުއްދީން އެ ޕާޓީއަށް ހުށަހަޅުއްވާފައި އޮވެދާނެ ކަމަށާއި، އެމްއާރުއެމުން އެކަން އީސީއަށް އަންގާފައި ނުވާ ކަމަށެވެ.

ރައީސް މައުމޫންގެ ދައުރުގައި ހޯމް މިިނިސްޓަރުކަން ވެސް ކުރައްވާފައިވާ ކަމާލުއްދީނަކީ ޑީއާރުޕީއާއި، ޖުމްހޫރީ ޕާޓީ، އަދި އެމްއާރުއެމްގައި ހަރަކާތްތެރިވެވަޑައިގެންފައިވާ ބޭފުޅެކެވެ. އައު ސިޔާސީ ޕާޓީއެއް ހެއްދެވުމަށް ނިންމަވައި، ޢަބްދުﷲ ކަމާލުއްދީން ނެރުއްވި ބަޔާނެއްގައި ވަނީ، އައު ޤާނޫނުއަސާސީގެ ދަށުން ރައްޔިތުން ބާރުވެރިކުރެވި ދައުލަތުގެ ބާރުތައް ވަކި ކުރެވިގެން ދިޔުމާއެކުވެސް، ޤައުމުގައި ހައްލުނުކުރެވި މައްސަލަތަކެއް އެބަހުރިކަމަށެވެ. އެހެންކަމުން އެ މައްސަލަތައް ހައްލުކުރުމަށް އައު ޢަޒުމެއްގައި އައު ސިޔާސީ ފަލްސަފާއެއް ވުޖޫދުވާންޖެހޭކަށެވެ. އެގޮތުން އެމަނިކުފާނާ އެއް ޚިޔާލުފުޅެއްގައި، އެއް މަގުސަދެއްގައި މަސައްކަތް ކުރައްވާ ފަރާތްތަކެއްގެ މަޝްވަރާގެ މަތިން، "ޤައުމީ އެއްބައިވަންތަކަމުގެ ޕާޓީ" ނުވަތަ "ނެޝަނަލް ސޮލިޑާރިޓީ ޕާޓީ"ގެ ނަމުގައި، އައު ސިޔާސީ ޕާޓީއެއް ރަޖިސްޓަރީކުރުމުގެ ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވާފައިވާކަމަށެވެ.

ކަމާލުއްދީންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ވެސް ވަނީ އަމިއްލަ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވައި، 3،000 ސޮއި ވެސް ހަމަކުރައްވާފައެވެ. އެ ޕާޓީ އުފެއްދުމުގެ ހުއްދަ އަށް ވަރަށް އަވަހަށް އީސީ އަށް ފޯމު ހުށަހަޅާނެ ކަމަށް ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް