ކ. މާލެ
|
2 އޯގަސްޓް 2021 | ހޯމަ 02:13
100 މީޓަރު ދުވުމުން ރަން މެޑަލް އިޓަލީގެ ދުވުންތެރިޔާ ލަމޯންޓް މާސެލް ޖޭކޮބްސް
100 މީޓަރު ދުވުމުން ރަން މެޑަލް އިޓަލީގެ ދުވުންތެރިޔާ ލަމޯންޓް މާސެލް ޖޭކޮބްސް
ގެޓީ އިމޭޖަސް
ޓޯކިއޯ އޮލިމްޕިކްސް
100 މީޓަރު ދުވުމުން ރަން މެޑަލް ޖޭކޮބްސްއަށް
ޖޭކޮބްސް އަކީ ބޯލްޓަށް ފަހު 100 މީޓަރުގެ އައު ޗެމްޕިއަން
ޖޭކޮބްސް ފައިނަލް އިވެންޓް ނިންމީ 9.80 ސިކުންތުން

ޓޯކިއޯ އޮލިމްޕިކް ގޭމްސް 2020 ގެ ފިރިހެނުންގެ 100 މީޓަރު ދުވުމުން ރަން މެޑަލް އިޓަލީގެ ދުވުންތެރިޔާ ލަމޯންޓް މާސެލް ޖޭކޮބްސް ހޯދައިފިއެވެ.

އެއާއެކު ޖޭކޮބްސް ވެގެން ގޮސްފައިވަނީ ދުނިޔޭގެ އެންމެ ބާރު ދުވުންތެރިޔާގެ ޝަރަފު ހޯދާފައިވާ ޖެމެއިކާގެ އުސައިން ބޯލްޓަށްފަހު، އޮލިމްޕިކްސްގެ މި އިވެންޓް ކާމިޔާބުކުރި ފުރަތަމަ އެތުލީޓަށެވެ. ބޯލްޓް ވަނީ އެންމެ ފަހުން ބޭއްވި ތިން އޮލިމްޕިކްސްގައިވެސް 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދާފައެވެ.

އެގޮތުން 2008 ވަަނަ އަހަރު ޗައިނާގައި ބޭއްވި ބެއިޖިން އޮލިމްޕިކްސް އާއި، 2012 ވަނަ އަހަރު އިންގްލެންޑުގައި ބޭއްވި ލަންޑަން އޮލިމްޕިކްސް އަދި 2016 ވަނަ އަހަރު ބްރެޒިލުގައި ބޭއްވި ރިއޯ އޮލިމްޕިކްސްގެ 100 މީޓަރު އިވެންޓުން ބޯލްޓް ވަނީ ރަން މެޑަލް ހާސިލުކޮށްފައެވެ. އަދި އެންމެ ފަހުން ބޭއްވި ރިއޯ އޮލިމްޕިކްސްގެ 200 މީޓަރު ދުވުމުންވެސް ބޯލްޓް ރަން މެޑަލް ހޯދިއެވެ. އޮލިމްޕިކް ރަން މެޑަލް ޖުމްލަ އަށް ފަހަރު ހޯދާފައިވާ ބޯލްޓް ދުވުމުން ރިޓާޔާވީ 2017 ވަނަ އަހަރު އޮތް ވޯލްޑް ޗެމްޕިއަންޝިޕަށްފަހުގައެވެ.

ބޯލްޓަށްފަހު 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދި އުމުރުން 26 އަހަރުގެ ޖޭކޮބްސް ފައިނަލް އިވެންޓް ނިންމީ 9.80 ސިކުންތުންނެވެ. މި އިވެންޓުން ރިހި މެޑަލް ހޯދީ 9.84 ސިކުންތުން ރޭސް ނިންމި އެމެރިކާގެ ފްރެޑް ކޭލީއެވެ. އަދި ލޯ މެޑަލް ލިބުނީ 9.89 ސިކުންތުން ރޭސް ނިންމި ކެނަޑާގެ އަންދްރޭ ޑެ ގްރާސޭއަށެވެ.

ބޯލްޓުގެ ކާމިޔާބީތަކަށްފަހު ޖޭކޮބްސް ވިދާލިއިރު، ޖޭކޮބްސް އަކީ 1992 ވަނަ އަހަރަށް ފަހު އޮލިމްޕިކްސްގެ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދި ޔޫރަޕުގެ ފުރަތަމަ ދުވުންތެރިޔާއެވެ. އަދި މިއީ އޭނާގެ ކެރިއަރުގައި އޮލިމްޕިކްސްއިން މެޑެއްޔެއް ލިބުނު ފުރަތަމަ ފަހަރެވެ.

- ކޮމެންޓް