މިނިސްޓްރީން އޯޑަރުކޮށްފައިވާ އެމްބިއުލާންސްތައް ލިބުނުހާ އަވަހަކަށް ގދ. ނަޑެއްލާއަށް އައު އެމްބިއުލާންސެއް ފޮނުވައިދޭނެކަމަށް ސަރުކާރުން ބުނެފައިވާކަމަށް ނަޑެއްލާ ހެލްތް ސެންޓަރުގެ މެނޭޖަރ ފަސީހު އަލީ ވިދާޅުވެއްޖެއެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތުދެއްވަމުން ފަސީހު ވިދާޅުވީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި އެ ރަށަށް އެމްބިއުލާންސެއް ލިބިފައިވާކަމަށެވެ. އެ އެމްބިއުލާންސް ހަލާކުވީ 2019 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވެރިކަމަށް ވަޑައިގެންނެވި ފަހުން ކަމަށް ފަސީހު ވިދާޅުވިއެވެ.
އެމްބިއުލާންސް ހަލާކުވި ހިސާބުން ފެށިގެން އެހެން އެމްބިއުލާންސެއް ހޯދަން ހެލްތް މިނިސްޓްރީއާއި ކަމާގުޅުންހުރި އެހެނިހެން މުއައްސަސާތަކުގައި ވެސް އެކި ފަހަރުމަތިން އެދިފައިވާނެ ކަމަށް ފަސީހު ވިދާޅުވިއެވެ. އަދި އެމްބިއުލާންސް މަރާމާތުކުރުމުގެ ޚަރަދު ދިނުމަށް ވެސް އެދިފައިވާނެ ކަމަށާއި، އެ ޚަރަދު ސަރުކާރުގެ ފަރާތުން ދީފައިނުވާކަމަށް ފަސީހު ވިދާޅުވިއެވެ. އޭރުން ފެށިގެން ސަރުކާރުގެ ފަރާތުން ލިބެމުން އައި ޖަވާބަކީ އައު އެމްބިއުލާންސްތައް ލިބުމުން ނަޑެއްލާއަށް އެމްބިއުލާންސެއް ފޮނުވާނެކަން ކަމަށް ފަސީހު ވިދާޅުވިއެވެ.
ފަސީހު ވިދާޅުވީ އެމްބިއުލާންސެއް ނެތި 2 އަހަރު ފާއިތުވި ފަހުން މިދިޔަ ޖުލައި މަހުގެ 25 ވަނަ ދުވަހު އެރަށަށް ފޮނުވި އެމްބިއުލާންސް ގެނައިތާ އެއް ދުވަސް ފަހުން ހަލާކުވެފައިވާކަމަށް ފަސީހު ވިދާޅުވިއެވެ.
ފަސީހު ވިދާޅުވީ ދެ އަހަރު ފަހުން އެރަށަށް ފޮނުވި އެމްބިއުލާންސަކީ ވެސް މާލޭގައި ބޭނުންކޮށް، މަރާމާތު ކުރުމަށްފަހު ފޮނުވާފައިވާ އެމްބިއުލާންސެއް ކަމަށެވެ.
އެ އެމްބިއުލަންސް ހަލާކުވުމުން ވެސް އިތުރު އެމްބިއުލާންސެއް ފޮނުވައިދިނުމަށް މިނިސްޓްރީއާއި ކަމާ ގުޅުންހުރި އެހެނިހެން އިދާރާތަކުގައި އެދިފައިވާކަމަށް ފަސީހު ވިދާޅުވިއެވެ. މިފަހަރު ވެސް ލިބުނު ޖަވާބަކީ އެންމެ އަވަހަށް އަންނަ ޝިޕްމެންޓުން ނަޑެއްލާއަށް އެމްބިއުލާންސް ލިބޭނެކަން ކަމަށް ފަސީހު ވިދާޅުވިއެވެ.
އަތޮޅުތެރެއަށް ބޭނުންވާ އެމްބިއުލާންސް ގެނައުމަށްޓަކައި މިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހު މިނިސްޓްރީ އޮފް ހެލްތުން ވަނީ މިނިސްޓްރީ އޮފް ފިނޭންސާއި، އެސްޓީއޯއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން އަތޮޅުތެރެއަށް ބޭނުންވާ 96 އެމްބިއުލާންސެއް ގެނައުމަށް ވަނީ ނިންމާފައެވެ. މި އެމްބިއުލާންސްތައް 180 ދުވަސްތެރޭގައި މިނިސްޓްރީއާ ހަވާލުކުރަންޖެހެއެވެ.