ރާއްޖޭގެ ހުރިހާ ޒުވާނުން ކޮވިޑް-19 ވެކްސިންގެ ޑޯޒްތައް ފުރިހަމަކުރުމަށް މޯލްޑިވްސް ތަރޑް-ވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އިން ގޮވާލައިފިއެވެ.
އެމްޓީޑީ އިން ނެރުނު ބަޔާނެއްގައި އެ ޕާޓީން ވަނީ ކޮވިޑް-19 ވެކްސިން ޖެހުމަކީ މިއަދު ގައުމީ، ވަތަނީ، ފަރުދީ އަދި އާއިލީ ޒިންމާ އެއްކަމަށް ބުނެ، ވެކްސިންގެ ޑޯޒްތައް ނުޖަހާ ތިބި ޒުވާނުން ވެކްސިން ޖެހުމަށާއި އަދި ދެޑޯޒް ފުރިހަމަކުރުމަށް އެދޭކަމަށް ބުނެފައެވެ. އެގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ވެކްސިން ނުޖަހާ ތިބި މީހުންގެ ތެރޭގައި 18 އަހަރާއި 26 އަހަރުގެ ދެމެދު ޒުވާނުން ގިނަކަމަށާއި މިއަދު އެންމެ މުހިއްމީ ވެކްސިން ޖެހުމަކީ ގައުމީ ކަމެއްގޮތުގައި ދެކި، ސިޔާސީ ހިޔާލު ތަފާތުތައް އެއްކިބާކޮށް، ރާއްޖޭގައި ވެކްސިންޖެހޭ އާބާދީ ކޮވިޑް ވެކްސިނޭޝަން ޑޯޒްތައް ފުރިހަމަ ކުރުން ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.
އެމްޓީޑީގެ އެދުމަކީ ރައީސް އިިބްރާހިމް މުހައްމަދު ޞާލިޙް ގޮވާލައްވާފައިވާ ގޮވާލެއްވުމާ އެއްގޮތަށް ފަރުދީ އަދި އާއިލީ ޒިންމާއެއްކަމަށް ދެކިގެން ވެކްސިން ފުރިހަމަކުރުމަށް ހުރިހާ ޒުވާނުން އަތުކުރި އޮޅާލައި އިސްނަގައިގެން ވެކްސިންޖަހަން ދިޔުންކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ. ކޮވިޑުން އަރައިގަތުމަށް ކުރަންޖެހޭ ހުރިހާކަމެއް ވެސް އެންމެންގެ އެއްބާރުލުމާއެކު ކުރުމަށް ވަނީ އެދިފައެވެ.
އެމްޓީޑީން ވަނީ ރައީސް ޞާލިހްގެ ލީޑަރޝިޕްގެ ދަށުން ރާއްޖެއަށް ބޭނުންވާވަރަށް ވެކްސިން ހޯދިފައިވާތީ އެކަން ފާހަގަކޮށް އެކަމަށް ރައީސަށް ޝުކުރުއަދާކުރައްވާފައެވެ. އަދި ރައީސް ޞާލިޙް އިންސާނިއްޔަތުކަން އިސްކުރައްވައި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން އިސްތިސްނާނުކޮށް މުޅި އާބާދީއަށް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމުތައް ހަމަޖައްސާދީފައި ވާތީ އެކަން ވެސް އެ ޕާޓީން ވަނީ ފާހަގަކޮށްފައެވެ.
އޭގެ އިތުރުން ރާއްޖޭގެ އާބާދީގެ 61 އިންސައްތަ މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް، 70 އިންސައްތަ މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާ ނިންމާފައިވާތީ އެކަން ޕާޓީން ވަނީ ފާހަގަކޮށްފައެވެ.
އެމްޓީޑީން ވަނީ ކޮވިޑާ ދެކޮޅަށް މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން އެޗް.ޕީއޭ، މޯލްޑިވްސް ރެޑް ކްރެސެންޓް، ޑަބްލިއު.އެޗް.އޯ މޯލްޑިވްސް އަދި ފްރަންޓް ލައިންގައި މަސައްކަތް ކުރާ ހުރިހާ ޚިދުމަތްތެރިން ކުރަމުންދާ ބުރަ މަސައްކަތްތަކަށް ޝުކުރުއަދާކޮށްފައެވެ.
ރާއްޖޭގެ އާބާދީގެ 90 އިންސައްތަ މީހުންނަށް ކޮވިޑް ވެކްސިންގެ ޑޯޒްތައް ޖަހައި ނިންމުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު، ވެކްސިނޭޝަން ޕްރޮގްރާމުގެ ދަށުން މުޅި ރާއްޖޭގައި ވެކްސިން ޖެހުމުގެ ބޮޑު ކެމްޕެއިނެއް މިހާރު ވަނީ ފަށާފައެވެ.