ކ. މާލެ
|
1 އޯގަސްޓް 2021 | އާދީއްތަ 00:03
އައިވަރީ ކޯސްޓާއި ސްޕެއިން ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ސްޕެއިން މޮޅުވީ 5-2 ން
އައިވަރީ ކޯސްޓާއި ސްޕެއިން ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ސްޕެއިން މޮޅުވީ 5-2 ން
ގެޓީ އިމޭޖަސް
ޓޯކިއޯ އޮލިމްޕިކްސް
ސްޕެއިން، ބްރެޒިލް، ޖަޕާން އަދި މެކްސިކޯ ސެމީއަށް
ކުއާޓާގައި މިސްރު އަތުން ބްރެޒިލް މޮޅުވީ 1-0 ގެ ނަތީޖާއަކުން
އައިވަރީ ކޯސްޓް އަތުން ސްޕެއިން މޮޅުވީ 5-2 ގެ ނަތީޖާއަކުން

ޓޯކިއޯ އޮލިމްޕިކް ގޭމްސް 2020 ގެ ފިރިހެނުންގެ ފުޓްބޯޅަ އިވެންޓުގެ ސެމީ ފައިނަލަށް ސްޕެއިން، ބްރެޒިލް، ޖަޕާން އަދި މެކްސިކޯ ދަތުރުކޮށްފިއެވެ.

ސެމީގެ ޖާގައެއް ސްޕެއިން ހޯދީ ހޮނިހިރު ދުވަހު ކުޅުނު ކުއާޓާ ފައިނަލް މެޗުގައި އިތުރު ވަގުތުގެ ދެ ހާފު ކުޅެގެން އައިވަރީ ކޯސްޓް އަތުން 5-2 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

ޓޯކިއޯގެ މިއާގީ ސްޓޭޑިއަމުގައި ކުޅުނު މި މެޗު ފަށައިގެން 10 ވަނަ މިނެޓުގައި އައިވަރީ ކޯސްޓުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ގައުމަށް ކާމިޔާބުކޮށްދިނީ އެރިކް ބާއީއެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗުގެ 30 ވަނަ މިނިޓްގައި ޑެނީ އޮލްމޯ ވަނީ ލަނޑެއް ޖަހައި ސްޕެއިނަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މި މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި މެކްސް-އެލައިން ގްރަޑެލްގެ ލަނޑުން އައިވަރީ ކޯސްޓުން އަލުން ލީޑު ނެގި ނަމަވެސް، އޭގެ ދެ މިނެޓު ފަހުން ރަފާ މީރް ވަނީ ލަނޑެއް ޖަހައި ސްޕެއިން ސަލާމަތްކޮށްދީފައެވެ. އެހެންކަމުން ނަތީޖާ ނެރުމަށް އިތުރު ވަގުތުގެ ދެ ހާފު ކުޅުނުއިރު، ސްޕެއިނުން ވަނީ މި ދެ ހާފުގައި ތިން ލަނޑު ޖަހާފައެވެ. އެގޮތުން މި ދެ ހާފުގައި ދެ ލަނޑު ޖަހައި ރަފާ މީރް ހެޓްރިކް ހެދިއިރު، ސްޕެއިންގެ އަނެއް ލަނޑު ޖަހައިދިނީ މިކޭލް އޮޔާޒަބާލެވެ.

މި މޮޅާއެކު ސްޕެއިން ސެމީއަށް ދަތުރުކުރިއިރު، ސެމީގައި އެ ގައުމު ބައްދަލުކުރަން ޖެހޭނީ ނިއު ޒީލެންޑް އަތުން ޕެނަލްޓީ ޖަހައިގެން 4-2 ގެ ނަތީޖާއަކުން މޮޅުވި ޖަޕާނާއެވެ.

ބްރެޒިލާއި މިސްރު ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބްރެޒިލް މޮޅުވީ 1-0 ން - ގެޓީ އިމޭޖަސް

މީގެ އިތުރުން ސެމީއަށް އެންމެ ފަހުގެ ޗެމްޕިއަން ބްރެޒިލް ދަތުރުކުރި ހޮނިހިރު ދުވަހު ކުޅުނު ކުއާޓާ މެޗުގައި 1-0 ގެ ނަތީޖާއަކުން މިސްރު ބަލިކުރުމަށްފަހުއެވެ. ޓޯކިއޯގެ ސައިޓަމާ ސްޓޭޑިއަމުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 37 ވަނަ މިނެޓުގައި ރިޗާލިސަން ދިން ބޯޅައަކުން ބްރެޒިލަށް ކާމިޔާބުކޮށްދިނީ މަތިއަސް ކޫނިއާއެވެ.

މި މޮޅާއެކު ބްރެޒިލް ސެމީއަށް ދަތުރުކުރިއިރު، ސެމީގައި އެ ގައުމު ބައްދަލުކުރަން ޖެހޭނީ 6-3 ގެ ނަތީޖާއަކުން ދެކުނު ކޮރެއާ ބަލިކުރި މެކްސިކޯއާއެވެ.

ސެމީ ފައިނަލް މެޗުތައް:

  • މެކްސިކޯ - ބްރެޒިލް (އޮގަސްޓް 3)
  • ޖަޕާން - ސްޕެއިން (އޮގަސްޓް 3)
- ކޮމެންޓް