ކަރަންޓު ބިލްތައް ބޮޑުވީ ސަބްސިޑީތައް ކަނޑާލުމުން ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ޙަސަން މުޣުނީ ވިދާޅުވީ މިދިޔަ މަހު ބިލްތައް ތައްޔާރު ކުރީ ސަބްސިޑީ ހިމަނައިގެން ކަމަށާއި މި މަހު ސަބްސިޑީ ކަނޑާލުމުން ބައެއް އާންމުންނަށް ބިލް ބޮޑުވި ކަމަށް ހީކުރެވުނީ ކަމަށެވެ.
މުޣުނީ އިތުރަށް ވިދާޅުވީ މިދިޔަ މަހުގެ ބިލްތަކުން ސަބްސިޑީ ދިން މިންވަރު ފެންނަން ހުންނާނެ ކަމަށާއި އެ ކަސްޓަމަރަކު ކަރަންޓް ބޭނުން ކުރި މިންވަރު ވެސް ސްޓެލްކޯގެ އެޕްލިކޭޝަނުން ފެންނަން ހުންނާނެ ކަމަށެވެ.
ކަރަންޓު ބިލް މި މަހު ބޮޑުވުމުން އާންމުން އެކަމުގެ ޝަކުވާ ކުރަމުންދާތީ މުޣުނީ ވިދާޅުވީ އެ ކުންފުނިން އެއްވެސް ހާލެއްގައި ކަސްޓަމަރުންނަށް އޮޅުވާލާ މަކަރު ހަދާފައިނުވާނެ ކަމަށެވެ. ކޮވިޑް-19ގެ ހާލަތާ ގުޅިގެން ސަރުކާރުން މީގެ ކުރިން ދިޔައީ ކަރަންޓު ބިލުން 40 އިންސައްތައިގެ ސަބްސިޑީ ދެމުންނެވެ.
ސްޓެލްކޯގެ ކަރަންޓް ބިލްގެ މައްސަލަތަކެއް ފެންމަތިވެފައިވާއިރު އެކުންފުނިން ދަނީ ރައްޔިތުންނަށް ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތް އިތުރަށް ރަނގަޅު ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ވެސް ކުރަމުންނެވެ.
އެގޮތުން އެ ކުންފުނިން ވަނީ ގްރޭޓަރ މާލެ އިންޓަރ-ކަނެކްޝަން މަޝްރޫއުގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލާފައެވެ. ސްޓެލްކޯއިން ބުނީ ކުރިއަށް އޮތް މަހުގެ ތެރޭގައި މި ކަނެކްޝަނުން ހަކަތަ ފޯރުކޮށްދޭ މިންވަރު ބަލައި ވަޒަންކުރަމުންދާނެ ކަމަށެވެ.
ގްރޭޓަރ މާލެ އިންޓަރ ކަނެކްޝަންގެ މަސައްކަތުގެ ދަށުން މާލެއާއި ހުޅުމާލެއާއި ހުޅުލޭގެ ކަރަންޓު އެއްވިއުގައަކުން މިހާރުވަނީ ގުޅާލާފައެވެ.
ސްޓެލްކޯއިން ބުނީ މިމަޝްރޫއުގެ މަސައްކަތް ނިމުމާއެކު މިހާރު މާލޭގައި ހުރި ކުދި އިންޖީނުތައް ނިވާލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި ހަކަތަ އުފެއްދުމަށް މާލޭގައި ބޭނުންކުރަމުން އަންނަ އިންޖީނުތައް ބޭނުން ކުރުން ހުއްޓާލުމަށްޓަކައި ހުޅުމާލޭގައި ހަކަތަ އުފެއްދުމަށް އިތުރު އިންޖީނުގެއެއް އެޅުމުގެ މަޝްވަރާތައް މިހާރު ކުރިއަށްދާކަމަށެވެ.
އިންޓަރ-ކަނެކްޝަން މަޝްރޫއުގެ ދަށުން މާލެއާއި ހުޅުމާލޭގައި 95 މެގަވޮޓްގެ 4 ޓްރާންސްފޯމަރު، އަދި ހުޅުލޭގައި 8 މެގަވޮޓްގެ 2 ޓްރާންސްފޯމަރު ވަނީ ބަހައްޓާފައެވެ. މިމަޝްރޫއުގެ ކަނެކްޝަން ކޭބަލް އަޅާފައިވަނީ ސިނަމާލެ ބްރިޖުގެ ދަށުންނެވެ. 3 ސަރަހައްދުގެ ކަރަންޓު އެއްވިއުގައަކުން ގުޅާލުމަށް ޖުމްލަ 6 ކޭބަލް މެދުވެރިކޮށް އަޅާފައިވާ އިންޓަރ-ކަނެކްޝަން ކޭބަލަކީ 100 މެގަވޮޓްގެ ހަކަތަ ފޯރުކޮށްދެވޭނެ ނެޓްވޯކް ކޭބަލްއެކެވެ. މިއީ މާލެ ސަރަހައްދުގައި ކުރިއަށްގެންދާ ހަކަތައިގެ އެންމެ ބިޔަ މަޝްރޫއެވެ.