ކ. މާލެ
|
30 ޖުލައި 2021 | ހުކުރު 12:15
ކުޑަކުދިންގެ ހިޔާގައި ހިނގި އަލިފާނުގެ ހާދިސާގައި ކޮޓަރިއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވޭ
ކުޑަކުދިންގެ ހިޔާގައި ހިނގި އަލިފާނުގެ ހާދިސާގައި ކޮޓަރިއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވޭ
އެމްއެންޑީއެފް
ކުޑަކުދިންގެ ހިޔާގައި ހިނގާ އަލިފާނުގެ ހާދިސާތައް
ކުޑަކުދިންގެ ހިޔާގައި ހިނގާފައިވާ އަލިފާނުގެ ހާދިސާތައް ތަހުގީގުކުރަނީ
 
އެކުދިންނަށް އާއިލާއެކު ދިރިއުޅުމުގެ ފުރުސަތު ފަހިކޮށްދޭން ބޭނުންވޭ
 
ކުޑަކުދިންގެ ހިޔާގައި ތިބި ކުދިން އަތޮޅުތަކުގައި ގާއިމްކޮށްފައިވާ އަމާންވެށިތަކަށް ވަނީ ބަދަލުކުރެވިފައި
 
ހާދިސާ ހިނގިގޮތް އެނގިގެންދާނީ މައްސަލަ ތަހުގީގުކޮށް ނިމުމުން

ވިލިމާލެ ކުޑަކުދިންގެ ހިޔާގައި މިފަހުން ހިނގާފައިވާ އަލިފާނުގެ ހާދިސާތައް ތަހުގީގުކޮށްދިނުމަށް އެދި ފުލުހުންގެ މުއައްސަސާއަށް ހުށަހަޅައިފިއެވެ.

ކުޑަކުދިންގެ ހިޔާގެ ހަތަރު ވަނަ ފަންގިފިލާގައި ހުރި ކޮޓަރިއެއްގައި އަލިފާން ރޯވި ކަމުގެ މައުލޫމާތު ލިބުނީ ބުރާސްފަތި ދުވަހުގެ ހެނދުނު 06:03 ގައެވެ. އަލިފާން އެއްކޮށް 07:20 ހާއިރު ނިއްވާލާފައިވާއިރު، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ކޮޓަރީގައި ހުރި ބައެއް ތަކެއްޗަށް އެކި ވަރުގެ ގެއްލުން ލިބިފައިވެއެވެ. މިއީ މި ފަހަކުން ކުޑަކުދިންގެ ހިޔާގައި ހިނގި އަލިފާނުގެ 4 ވަނަ ހާދިސާއެވެ. ކުޑަކުދިންގެ ހިޔާގައި އެންމެ ފަހުން އަލިފާނުގެ ހާދިސާއެއް ހިނގާފައިވަނީ މިދިޔަ މެއި މަހުގެ 4 ވަނަ ދުވަހުއެވެ. މި އަލިފާނުގެ ހާދިސާއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އަދި މިކަމާ ހިތްހަމަ ނުޖެހުން ފާޅުކޮށް އާކުން ވަނީ ބަޔާނެއް ވެސް ނެރެފައެވެ.

މިމައްސަލައާ ގުޅޭގޮތުން ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޖެންޑާ މިނިސްޓްރީގެ ޑިރެކްޓަރު ނިޝާ އަލީ ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގި ސަބަބު އޮޅުން ފިލުވުމަށް މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. ހާދިސާ ހިނގިގޮތް އެނގިގެންދާނީ މައްސަލަ ތަހުގީގުކޮށް ނިމުމުން ކަމަށް ނިޝާ ވިދާޅުވިއެވެ.

އެފަދަ ހާދިސާތައް ތަކުރާރުކޮށް ހިނގަމުން އެބަދޭ. ދެން އެކަންކަމަކީ އަޅުގަނޑުމެން ނުހަނު ކަންބޮޑުވާކަމެއް. ސަބަބަކީ އަޅުގަނޑުމެން ވަރަށް ޚާއްސަ ރައްކާތެރިކަމެއް ދީގެން ބަލަހައްޓަމުންދާ ކުދިންތަކެއް ދިރިއުޅޭ މަރުކަޒެއް މި މަރުކަޒަކީ. މަރުކަޒުގެ ތެރޭގައި މިހިނގާ ހާދިސާތައް ހަމަ ތަހުގީގުކުރުމަށް އަޅުގަނޑުމެން ހުށަހަޅަން ތަހުގީގީ އިދާރާތަކަށް. ދެން ހަމައެއާއެކު އަޅުގަނޑުމެންގެ އެތެރޭގެ މަސައްކަތްތައް ހަރުދަނާ ކުރުމާއި މިފަދަ ހާދިސާތައް ތަކުރާރުނުވުމަށް ގިނަގުނަ މަސައްކަތްތައް ކުރެވެމުންދޭ.
ޑިރެކްޓަރު ނިޝާ އަލީ

ޑެޕިއުޓީ ޑިރެކްޓަރ ޖެނަރަލް ރިޝްމީ އާމިރު ވިދާޅުވީ ކުޑަކުދިންގެ ހިޔާއާ ބެހޭ ގިނަ މައްސަލަތައް ފެންމަތިވެފައިވާ ކަމަށެވެ. މިހާރުގެ ހާލަތަށް ބަލާއިރު، ކުޑަކުދިންގެ ހިޔާގައި އެކުދިންނަށް ފޯރުކޮށްދޭން ޖެހޭ ރައްކާތެރިކަން އެދެވޭ ގޮތުގައި ފޯރުކޮށްނުދެވޭކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން ކުޑަކުދިންގެ ހިޔާގައި ތިބި ކުދިން އަތޮޅުތަކުގައި ގާއިމްކޮށްފައިވާ އަމާންވެށިތަކަށް ބަދަލުކޮށްފައިވާ ކަމަށް ރިޝްމީ ވިދާޅުވިއެވެ. އަދި ވިދާޅުވީ އެއީ އެކުދިންނަށް އާއިލާއެކު ދިރިއުޅުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަގުސަދުގައި ކުރިއަށް ގެންދެވުނު މަސައްކަތެއް ކަމަށެވެ.

އާއިލާއެއް މިދެންނެވީ އެއް އާއިލާގެ ވަރަށް ގިނަ ކުދިން ދައުލަތުގެ ބެލުމުގެ ދަށުގައި އެބަތިބި. ބައެއް ކުދިންނަކީ ކުޑަކުދިން ހިޔާގެ ބެލުމުގެ ދަށުގައި ތިބި ކުދިން . ބައެއް ކުދިންނަކީ ފިޔަވަތީގައި ތިބި ކުދިން. އެހެންވީމަ މިކުދިންތައް އަސްލު އެއްބަޑުއެއްބަފާ ކުދިންތައް ވަކިވެފައި މިތިބީ. އުމުރުގެ ގޮތުން 13 އަހަރުން ދަށުގެކުދިން ފިޔަވަތީގައި ބަލަހައްޓަމުން މިދިޔައީ. ކުޑަކުދިންގެ ހިޔާގައި 13 އަހަރުން މަތީގެ ކުދިން ކުޑަކުދިން ހިޔާގައި ބަލަހައްޓަމުން މިދިޔައީ. އެހެންވީމަ ކުޑަ ކުދިންގެ ހިޔާ ހުސްކުރުމަށްށާއި، އެއާއެކު އަޅުގަނޑުމެން ކުދިންނަށް އާއިލީ ވެއްޓެއްގައި ބޮޑުވުމުގެ ފުރުސަތު ފޯރުކޮށްދިނުމަށް ރަށްރަށަށް އަޅުގަނޑުމެން ކުދިކުދި އާއިލާތަކެއްގެ ގޮތުގައި އަޅުގަނޑުމެން މިބަަދަލުކުރީ. އެގޮތުން 18 ނުވަތަ 19 ކުދިންނަށްވުރެ އިތުރު ނުވާ ގޮތަށް މިހާރު އަޅުގަނޑުމެން ހަތަރު އަތޮޅެއްގައި އަމާންވެށި ގާއިމު ކުރެވި ހަތަރު އަތޮޅެއްގައި ކުދިން ބަދަލުކުރެވި ކުދިން މިހާރު ތައުލީމު ހާސިލް ކުރަމުން ވެސް ދަނީ އެރަށްތަކުގައި.
ޑެޕިއުޓީ ޑިރެކްޓަރ ޖެނަރަލް ރިޝްމީ އާމިރު

ކުޑަކުދިންގެ ހިޔާގައި ގިނަ މައްސަލަތަކެއް ހުރިކަން ޖެންޑާ މިނިސްޓްރީން ވެސް ފާހަގަކޮށްފައިވާއިރު، މިހާރު އެތަން ވަނީ ހުސްކޮށްފައެވެ. އެތަނުގައި މިހާރު އެއްވެސް ކުއްޖެއް ދިރިއެއް ނޫޅޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް