ހެއިޓީގައި އަވަސް އިންތިޚާބެއް ބާއްވާނެކަމަށް އެގައުމުގެ ވަގުތީ ބޮޑުވަޒީރު އެރިއަލް ހެންރީ ވިދާޅުވެއްޖެއެވެ.
ވަގުތީ ބޮޑުވަޒީރު މިހެން ވިދާޅުވެފައިވަނީ ހެއިޓީގެ ރައީސް އަވަހާރަކޮށްލުމާއެކު ގައުމުގެ ކަންކަން ބޮއްސުންލައިގެން ގޮސްފައިވަނިކޮށެވެ. ހެއިޓީގެ ރައީސް އަވަހާރަކޮށްލި އިރު ގައުމުގެ ހުރިހާ ބާރެއް އޮތީ އެމަނިކުފާނުގެ އަތްޕުޅުގައެވެ.
މިދިޔަ ހަފުތާގައި ވަގުތީ ބޮޑުވަޒީރުކަމަށް ހެންރީ އައްޔަން ކުރައްވާފައިވަނީ ގައުމު ހުއްޓުމަކަށް އައިސް އޭރު ހުރި ވަގުތީ ބޮޑުވަޒީރު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ހެންރީ ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ސަރުކާރުގެ އަމާޒަކީ އިންތިޚާބެއް ބޭއްވޭނެ އެންމެ އަވަސް މަގެއް ފަހިކޮށްދިނުން ކަމަށެވެ.
ނަމަވެސް އިންތިޚާބު ބާއްވާނީ ކޮން އިރަކު ކަމެއް ހެންރީ ވިދާޅެއް ނުވެއެވެ. ހެއިޓީގެ ރައީސް އަވަހާރަކޮށްލުމުގެ ކުރިން މި އަހަރުގެ ފަހުކޮޅު އިންތިޚާބެއް ބާއްވާނެކަމަށް ކުރިން ވިދާޅުވެފައިވެއެވެ.
ޖުލައި 7 ވަނަ ދުވަހު ހެއިޓީގެ ރައީސް މޮއިސް އަވަހާރަކޮށްލުމާ ގުޅިގެން ގައުމުގައި ސިޔާސީ ހަލަބޮލިކަން އިތުރުވެފައިވާ އިރު، ގައުމު އޮތީ ނާދިރު ފައްތަރެއްގައެވެ. މޮއިސް އަވަހާރަކޮށްލި ހާދިސާގައި އަނބިކަނބަލުންނަށް ވެސް ޒަހަމްތަކެއް ލިބިވަޑައިގެންނެވިއެވެ.
އެ ގައުމުގެ ރައީސް އަވަހާރަކޮށްލި ގްރޫޕްގައި ހިމެނެނީ އެކި ގައުމުތަކުގެ އަސްކަރިއްޔާގައި އުޅުމަށްފަހު ރިޓަޔަރވެފައިވާ ކޮމާންޑޯއިން ކަމަށް ބޭރުގެ މީޑިއާތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ. މި ގްރޫޕްގައި ޖުމުލަ 28 މީހަކު ހިމެނޭ ކަމަށާއި 20 މީހަކު މިހާތަނަށް ހައްޔަރުކުރެވިފައިވާއިރު 3 މީހަކު މަރާލާފައިވާކަމަށް ވެސް ބުނެއެވެ. މި ހަމަލާގެ މުގުލުގައި ހުރި މީހާ ހޯދިފައި ނުވާކަން ހާމަކޮށްފައިވާއިރު އަދިވެސް 5 މީހަކު އަތުލައިގަނެވިފައި ނުވާކަމަށް ހާމަކުރެއެވެ. މިހާތަނަށް އެއްކުރި މައުލޫމާތުތަކުން ހަމަލާދިން މީހުންގެ ތެރޭގައި ކޮލަމްބިއާގެ އަސްކަރިއްޔާގައި އުޅުމަށްފަހު ރިޓަޔަރވެފައިވާ 26 ކޮމާންޑޯއިންނާއި ހެއިޓީގެ އަސްކަރިއްޔާގައި އުޅުމަށްފަހު ރިޓަޔަރވިފައިވާ 2 ކޮމާންޑޯއިން ހިމެނޭކަމަށް ވަނީ ބުނެފައެވެ.
ހެއިޓީގެ ރައީސް އަވަހާރަކޮށްލުމާއެކު އެގައުމުގައި ވެރިކަމުގެ ބާރުތަކާމެދު ވެސް ވަނީ ނުތަނަވަސްކަން އުފެދިއެވެ. ގާނޫނު ހަދާ މަޖިލިސް ހުއްޓުމަކަށް އައިސްފައިވާއިރު، ގާނޫނުގައި ބުނާ ގޮތުން، ރައީސެއް ނެތް ހާލަތެއްގައި ގައުމުގެ ހިންގުމާ ވަގުތީ ގޮތުން ހަވާލުވާނީ ސުޕްރީމް ކޯޓުގެ ރައީސެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ރައީސް ވަނީ ކޮވިޑްގައި ނިޔާވެފައެވެ.