ކ. މާލެ
|
11 ނޮވެންބަރ 2024 | ހޯމަ 13:10
ހައިޓީގެ ބޮޑު ވަޒީރު ގެރީ ކޮނިލް
ހައިޓީގެ ބޮޑު ވަޒީރު ގެރީ ކޮނިލް
ގެޓީ އިމޭޖަސް
ހައިޓީ
ވެރިކަމަށް 6 މަސް ނުވަނީސް ހައިޓީގެ ބޮޑުވަޒީރު މަގާމުން ވަކިކޮށްފި
ގޭންގުތަކުގެ ބާރު ގަދަކޮށްފައިވާ ހައިޓީގަައި މިވަގުތު ރައީސަކުވެސް އަދި ގާނޫނު ހަދާ މަޖިލީހެއްވެސް ނެތެވެ. ވެރިކަމުގެ ކަންކަން ނިންމަނީ ވަގުތީ ކައުންސިލަކުންނެވެ.

ހައިޓީގެ ބޮޑުވަޒީރު ގެރީ ކޮނިލް، މަޤާމާ ހަވާލުވެވަޑައިގަތްތާ 6 މަސް ނުވަނީސް، އެ ޤައުމުގެ ވެރިކަން ހިންގާ ކައުންސިލުން އޭނާ މަގާމުން ވަކިކޮށްފިއެވެ.

ކައުންސިލްގެ 9 މެންބަރުންގެ ތެރެއިން 8 މެންބަރުން ސޮއިކޮށްފައިވާ ވެރިކަމުގެ ފަރާތުން ނެރުނު އަމުރަކުން ކޮނިލްގެ ބަދަލުގައި ވަނީ ވިޔަފާރިވެރިއެއް އަދި ކުރީގެ ހައިޓީ ސެނެޓް ކެންޑިޑޭޓް އެލިކްސް ޑިޑިއަރ ފިލްސް-އެއިމް ބޮޑުވަޒީރު ކަމަށް ޢައްޔަންކޮށްފައެވެ.

ކުރީގެ އދ. ގެ އޮފިޝަލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ކޮނިލް ގައުމުގެ ބޮޑު ވަޒީރު ކަމަށް ގެނެގެނެވުނީ، ގޭންގުތަކުގެ މައްސަލަ ބޮޑުވެ ސަލާމަތައް ނުރައްކާވެފައިވާ، ހައިޓީ ވެރިކަން ހިންގުމުގެ އިތުރުން، 2016 އިން ފެށިގެން ނުބޭއްވި އޮތް ރިޔާސީ އިންތިޚާބު ބޭއްވުމަށް މަގުފަހިކުރެއްވުމަށެވެ.

ކޮނިލް ވަނީ އޭނާ މަގާމުން ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށް ވިދާޅުވެފައެވެ. ރޮއިޓަރސް ނިއުސް އޭޖެންސީއަށް ފެނިފައިވާ ސިޓީއެއްގައި އޭނާ ވިދާޅުވެފައިވަނީ މިކަމުން ހައިޓީގެ މުސްތަޤުބަލާމެދު "ބޮޑެތި ކަންބޮޑުވުންތަކެއް" އުފެދޭ ކަމަށެވެ.

މިވަގުތު ހައިޓީގައި ރައީސަކުވެސް އަދި ގާނޫނު ހަދާ މަޖިލީހެއްވެސް ނެތެވެ. އަދި ޤާނޫނު އަސާސީގައިވާ ގޮތުން ބޮޑުވަޒީރަކު ވަކިކުރެވޭނީ ހަމައެކަނި ގާނޫނު ހަދާ މަޖިލީހަށެވެ.

ކޮނިލް މަގާމުގެ ހުވާކުރެއްވީ މިއަހަރުގެ ޖޫން 3 ގައެވެ.

"މި ނިންމުމަކީ ގާނޫނާއި ގާނޫނު އަސާސީގެ އޮނިގަނޑުން ބޭރުން ނިންމާފައިވާ ނިންމުމެއް. މިކަމުގެ ޞައްޙަކަމާމެދު ސީރިއަސް ސުވާލުތަކެއް އުފެދެއެވެ،" ކޮނިލްގެ ސިޓީގައި ވިދާޅުވެފައިވެއެވެ.

ހައިޓީގެ ވަގުތީ ރިޔާސީ ކައުންސިލް (ޓީޕީސީ) އުފެއްދީ އޭޕްރީލް މަހުގައެވެ. އެއީ ކޮނިލްގެ ކުރިން ހުންނެވި ބޮޑުވަޒީރު އެރިއަލް ހެންރީ، ގޭންގުތަކުގެ ނެޓްވޯކަކުން ވެރިރަށް ޕޯޓް-އޯ-ޕްރިންސް ގެ ސަރަހައްދެއް އެމީހުންގެ ކޮންޓްރޯލުގެ ދަށަށް ގެނެސް މަޖުބޫރުކޮށްގެން މަޤާމުން ވަކިކުރުމާ ގުޅިގެންނެވެ.

ކުރިން ހުންނެވި ބޮޑުވަޒީރު ހެންރީ ހައިޓީން 25 ފެބްރުއަރީ 2024 ގައި ގުޔާނާގައި ބޭއްވުނު ސަމިޓަކަށް ފުރާވަޑައިގަތުމާއެކު ގޭންގު މެންބަރުން ހައިޓީގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ހިފައި، އޭނާ އަނބުރާ ގައުމަށް ވަޑައިގަތުމަށް ހުރަސް އަޅާފައެވެ.

ވަގުތީ ރިޔާސީ ކައުންސިލަށް ހަވާލުކުރެވުނު ޒިންމާ އަކީ ހައިޓީ ހަމަ މަގަށް އަޅުވާ ޤައުމުގައި ޑިމޮކްރެޓިކް ނިޒާމު އަލުން ޤާއިމުކުރުމުގެ މަސައްކަތް ކުރުމެވެ.

- ކޮމެންޓް