މިސްކިތްތަކުގައި ނަމާދުކުރާ އިމާމުންގެ ތެރެއިން ބައެއް އިމާމުން ކުޑަކުދިން ލައްވާ ނަމާދުކުރުވަނީ އިމާމުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި ކަންފަސޭހަކުރުމަށް ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.
ކުޑަކުދިން ލައްވާ ބައެއް މިސްކިތްތަކުގައި ތަކުރާރުކޮށް އިމާމުކަން ކުރުވާ ކަމުގެ ގިނަ މައްސަލަތަކެއް މި ފަހަކުން ވަނީ ފެންމަތިވެފައެވެ. މިކަމާ ގުޅިގެން އާންމުންނާއި އިލްމުވެރިން ވެސް ތަފާތު އެކި ވާހަކަތައް ދައްކަމުންދާއިރު، ރާއްޖެ އެމްވީއަށް މައުލޫމާތުދެއްވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވީ ބައެއް މިސްކިތްތަކުގެ އިމާމުން ކުޑަކުދިންނަށް އިމާމުކަން ކުރަން ހަވާލުކުރަނީ އިމާމުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި ކަންފަސޭހަކުރުމަށް ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ މިސްކިތްތައް އިމާމުންނާ ހަވާލުކުރާއިރު، މިސްކިތުގައި ބަންގި ގޮވުމާއި އިމާމުކަން ކުރުމަށް ކަމަށެވެ. ވަރަށް ގިނަ އިމާމުން މިނިސްޓްރީގެ އެންގުންތަކާ އެއްގޮތަށް އަމަލުކުރަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް ބައެއް އިމާމުންގެ ފަރާތުން އެންމެ ރަނގަޅަށް އެކަން އެގޮތަށް ނުކުރާތަން ފެންނަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިއީ މިނިސްޓްރީން އެއްގޮތަކަށް ވެސް ފުރުސަތު ދޭނެ ކަންތައްތަކެއް ނޫން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ޚާއްސަ ހުއްދައެއްގެ ދަށުން ކުޑަކުދިންނަށް ވެސް މިސްކިތުގައި އިމާމުވެ ނަމާދު ކުރެވޭނެ ކަމަށެވެ. ކުޑަކުދިން ލައްވާ އިމާމުކަން ކުރުވާއިރު ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުން ބޭނުންވާނެ ކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ.
ރަނގަޅަށް ނުވަތަ ރީއްޗަށް ބަންގި ގޮވާ ކުއްޖެއް ހުރިނަމަ އެކުއްޖަކަށް އެއްފަހަރު ބަންގި ގޮވުމާއި، ކުދިން ލައްވާ ގިނަ ފަހަރުތަކެއްގެ މަތިން މިކަން ކުރުވުމަކީ ތަފާތު ދެކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ދީނީ ނަޒަރަކުން ބަލާނަމަ ކުއްޖަކު ލައްވާ އިމާމުވެ ނަމާދު ކުރުވުމަކީ ހުއްދަ ކަމެއް ކަމަށެވެ. އެހެންނަމަވެސް ދީނުގައި ހުއްދަ ކަންތައްތަކާއި އުސޫލުތަކާ ތަފާތުވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ މިފަދައިން ކުޑަކުދިން ލައްވާ އިމާމުކަން ކުރުވައިގެން މާލެ ސަރަހައްދުންނާއި، ރަށްރަށުން ވެސް މިނިސްޓްރީއަށް ގިނަ މައްސަލަތަކެއް ހުށަހަޅާފައިވާ ކަމަށެވެ. އިމާމުން އެމީހުންގެ މަސްއޫލިއްޔަތު އަދާކުރުމުގެ ބަދަލުގައި އެހެން މީހުންނަށް އެކަންކަން ހަވާލުކުރާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.