ކ. މާލެ
|
10 ޖޫން 2024 | ހޯމަ 13:42
އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު
އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު
ރާއްޖެއެމްވީ
އިސްލާމިކް މިނިސްޓްރީގެ މަސައްކަތް
ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވިއިރު މިނިސްޓްރީ 27 މިލިއަން ރުފިޔާގެ ދަރަނިވެފައި ނޯންނާނެ: ކުރީގެ އިސްލާމިކް މިނިސްޓަރު
މިނިސްޓްރީ 27 މިލިއަން ރުފިޔާއިން ދަރަނިވެރިވެފައިވާ ކަމަށް ވާހަކަތައް ދައްކަމުންދަނީ އެހެން މަގުސަދެއްގައި
އެ ބިލްތައް އައުމުން ފިނޭންސް މިނިސްޓްރީއަށް ފޮނުވައި ދަނީ ބިލްތައް ދައްކަމުން
މިނިސްޓްރީގެ ފަރާތުން ގިނަ މަޝްރޫއުތައް މުޅި ރާއްޖޭގައި ވަނީ ފަށާފައި

މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު އިސްލާމިކް މިނިސްޓްރީ 27 މިލިއަން ރުފިޔާގެ ދަރަނިވެފައި ނޯންނާނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއަށް މިނިސްޓަރު ޒާހިރު ވިދާޅުވީ އިސްލާމިކް މިނިސްޓްރީގެ ފަރާތުން ގިނަ މަޝްރޫއުތައް މުޅި ރާއްޖޭގައި ފަށާފައިވާ ކަމަށާއި، އެމަޝްރޫއުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. މިސަރުކާރު އައިރު އިސްލާމިކް މިނިސްޓްރީ 27 މިލިއަން ރުފިޔާއިން ދަރަނިވެރިވެފައިވާ ކަމަށް ދެކެވޭ ވާހަކައަކީ ހަގީގަތް ނޫން ކަމަށް މިނިސްޓަރު ޒާހިރު ވިދާޅުވިއެވެ.

Advertisement

މިނިސްޓަރު ޒާހިރު ވިދާޅުވީ ހިނގަމުންދާ ޕޮޖެކްޓްތަކުގެ ބިލްތައް ދޭތެރެ ދޭތެރެއިން އަންނާނެ ކަމަށާއި، އެ ބިލްތައް އައުމުން ބަޖެޓުން ފިނޭންސް މިނިސްޓްރީއަށް ފޮނުވައި ބިލްތައް ދައްކަމުންދާ ކަމަށެވެ.

މިނިސްޓަރު ޒާހިރު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރު ނިމުނުއިރު، 22 މިލިއަން ރުފިޔާގެ ބިލް އައިސްފައިވާ ކަމަށެވެ. އަދި ބިލްތައް ޕްރޮސަސް ކޮށްފައިވާ ކަމަށް މިނިސްޓަރު ޒާހިރު ވިދާޅުވިއެވެ. ނަމަވެސް 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި އައިސްފައިވާ 5 މިލިއަން ރުފިޔާގެ ބިލްތަކާއެކު މިނިސްޓްރީ 27 މިލިއަން ރުފިޔާއިން ދަރަނިވެރިވެފައިވާ ކަމަށް ވާހަކަތައް ދައްކަމުންދަނީ އެހެން މަގުސަދެއްގައި ކަމަށް މިނިސްޓަރު ޒާހިރު ވިދާޅުވިއެވެ.

މިސަރުކާރު އައިރުގައި އޮތީ 27 މިލިއަން ރުފިޔާ ދަރަނިވެރިވެފައޭ. އެއީ ދަރަނިވެރިވުމެއް ނޫން. އެއީ ރިކަރަންޓް ހަރަދު އެނގިވަޑައިގަންނަވާނެ ހިނގަމުންދާ ޕްރޮޖެކްޓްތަކެއް ބިލްތަކެއް އަންނާނީ ދޭތެރެ ދޭތެރެއިން. އަޅުގަނޑުމެންގެ ސަރުކާރު ނިމުނުއިރު އޮތީ ބިލްތައް އައިސްފައި 22 މިލިއަންގެ ރުފިޔާގެ ބިލްތައް. އެ ޕްރޮސަސް ކުރަމުން ގެންދިޔައީ. އަޅުގަނޑުމެންނާ ހިސާބަށް އައިމަ ބަޖެޓަށް ފޮނުވާނީ. ބަޖެޓުން ފޮނުވާނީ ފިނޭންސްއަށް. 22 މިލިއަން އޮތް. އަޅުގަނޑުމެންގެ ސަރުކާރު ނިމުނުއިރު. އެކަމަކު ޑިސެންބަރު މަހު އައި ބިލްތަކާ ލައިގެން އެ ކިޔަނީ އެ ޑިސެންބަރު މަހު އައި 5 މިލިއަން. އެއްކޮށްލާފައި އެ ކިޔައީ 27 މިލިއަނޭ. 27 މިލިއަންނަކީ މިދިޔަ ސަރުކާރުން ނިމެންއުޅުނުއިރު އޮތް އަދަދެއް ނޫން.
ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ

25 ޖެނުއަރީ 2024 ގައި ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ސަރުކާރުން ބޭއްވި އަހާ ފޯރަމްގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ނޮވެންބަރު 17، 2023 ގައި ފެށުނުއިރު އިސްލާމިކް މިނިސްޓްރީ ގައި އެކަނި ވެސް 27 މިލިއަން ރުފިޔާގެ ދަރަނި އޮތް ކަމަށެވެ. ނަމަވެސް ސަރުކާރުގެ ފުރަތަމަ ދެ މަސް ނިމިގެން ދިޔައިރު އެ ދަރަނި މުޅީން ހަލާސް ކޮށްފައިވާ ކަމަށް ވިދާޅުވެފައިވެއެވެ.

- ކޮމެންޓް