މާލީ ތަނަވަސްކަން ހުރި މީހަކު ފަގީރުންގެ ލިސްޓުގައި ހައްޖަށް ފޮނުވުމަށްފަހު، އެއީ ކުރީ ސަރުކާރުގެ ލިސްޓެއް ކަމަށް ބުނެ ފަރުޖައްސާލެވެން ނެތް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.
މާލީ ތަނަވަސްކަން ހުރި މީހަކު ފަގީރުންގެ ލިސްޓުގައި ޖަހައިގެން ދައުލަތުގެ ހަރަދުގައި ހައްޖަށް ފޮނުވުމަށްފަހު އެ ގޮތަށް ކަންތައް ދިމާވީ ކުރީ ސަރުކާރުން ހެދި ފަގީރުންގެ ލިސްޓަކަށް ބަލައިގެން މީހުން ހައްޖަށް ފޮނުވުމުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ވިދާޅުވެފައެވެ. އެހެން މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ޝަހީމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދު ފުއްދުމަށް މިފަހަރު ނިކަމެތިން ހައްޖަށް ފޮނުވީ 16 ނޮވެމްބަރު 2023، ގައި ނިމުނު ސަރުކާރުން ހެދި ލިސްޓަކަށް ބަލައިގެން ކަމަށެވެ.
މިމައްސަލައާ ގުޅިގެން ރާއްޖެއެމްވީއަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ސަރުކާރުގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވީ ފަގީރުން ލިސްޓަކީ އަބަދުވެސް ބަދަލުވަމުންދާ ލިސްޓެއް ކަމަށާއި، އުނިއިތުރު އަންނަ ލިސްޓެއް ކަމަށެވެ. މިނިސްޓަރު ޒާހިރު ވިދާޅުވީ ކޮންމެ އަހަރަކު ވެސް އެލިސްޓް ރިވައިސް ކުރުމަށް ފުރުސަތު ހުޅުވާލާ ކަމަށާއި، މި ސަރުކާރުގައި ވެސް ރޯދާއިގެ ކުރިން ފަގީރުން ލިސްޓު ރިވިއު ކުރުމަށް ގެޒެޓް ކުރި ކަމަށެވެ. ނަމަވެސް ހައްޖަށް ގެންދިއުމުގައި ކުރީ ސަރުކާރުގެ ލިސްޓަކަށް ބަލަންޖެހުނު ގޮތާމެދު ސުވާލު އުފެދޭ ކަމަށް މިނިސްޓަރު ޒާހިރު ވިދާޅުވިއެވެ.
ޒަކާތު ނަފާ ޕްރޮގްރާމަށް އިޝާރާތް ކުރައްވައި މިނިސްޓަރު ޒާހިރު ވިދާޅުވީ އެ ޕްރޮގްރާމަކީ ވެސް މުޅި ރާއްޖޭގެ ފަގީރުންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށެވެ. ނަމަވެސް އެ ޕްރޮގްރާމްގެ ދަށުން ފަގީރުންނަށް ފުރުސަތު ދީފައިވަނީ މައުލޫމާތު ކަށަވަރު ކުރުމަށްފަހު ކަމަށް މިނިސްޓަރު ޒާހިރު ވިދާޅުވިއެވެ. އެގޮތުން އެރަށްރަށުގެ މީހުންނާ، ކައުންސިލްގެ ފަރާތުން މައުލޫމާތު ހޯދާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ވަކިވަކިން ކޮންމެ މީހަކާ އިންޓަވިއުކޮށް މާލީ ހާލަތު އޮޅުން ފިލުވާ ކަމަށެވެ.
ޒަކާތު ނަފާގެ ނަމުގައި ޕްރޮގްރާމެއް. ފަގީރުން އަމިއްލަ ފައިމައްޗަށް ތެދުވުމަށްޓަކައި އަޅުގަނޑުމެން ފެށި ޕްރޮގްރާމެއް ދަނޑުވެރިކަމާ ފެހުމާއި، މިކަހަލަ މަސައްކަތްތަކެއް. ފަގީރުންގެ ލިސްޓް ބަލާގެން އޭގައި ތިބޭމީހުންނަށް ގުޅައިގެން ރަށްރަށުން ވެސް މައުލޫމާތު ހޯދައިގެން ޒަކާތު ނަފާގެ ޕްރޮގްރާމް ކުރިއަށް ގެންދިޔައީ. ގެންގޮސް އަޅުގަނޑުމެން ކޮންމެވެސް ބުރަކަށް ގެންދާ ފަރާތްތައް އެއީ ހައްގުވެރިއެއްތޯ ކަށަވަރުކުރަން. ކަށަވަރުކުރުމަށްޓަކައި އެމީހުންނާ އިންޓަވިއުކުރަން. ވަރަށް ގިނަ ފަރާތްތައް ހުންނާނެ ޒަކާތު ނަފާ ޕްރޮގްރާމް ފަށާފަ އަޅުގަނޑުމެންނަށް އެއީ ފަގީރުންގެ ގޮތުގައި ލިސްޓުގައި އިންނަން ނުޖެހޭ މީހެއްކަން ފާހަގަވުމުން ވަކިކޮށްފައި. މިއީ މުޅިރާއްޖޭގެ ފަގީރުންނަށް ހިންގާ ޕްރޮގްރާމެއް. މި ޕްރޮގްރާމް ކުރިއަށް ގެންދިޔައިރު ވެސް ބަޔަކު ސެލެކްޓްކޮށްފައި ކަށަވަރުކުރަންޖެހޭ. ކަށަވަރުކޮށްފައި އެފަރާތްކަށް ބޭނުންވާ އެއްޗެހި ގެނެދީފައިވަނީ.ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ
މިނިސްޓަރު ޒާހިރު ވިދާޅުވީ ދައުލަތުގެ ހަރަދުގައި ހައްޖަށް މީހުން ފޮނުވާއިރު، ކުރީގެ ސަރުކާރުގެ ލިސްޓެއް ކަމަށް ބުނެ ފަރުޖައްސާލެވެން ނެތް ކަމަށާއި، އެއީ މާލީ ހާލަތު ޔަގީން ކުރަންޖެހޭ ކަމަށެވެ. އަދި ވަކިވަކި މީހުން އިންޓަވިއު ކުރިކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، ނަމަވެސް އެއީ އެކަން ކަށަވަރުވެފައިނުވާ ކަމަށް މިނިސްޓަރު ޒާހިރު ވިދާޅުވިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ދައުލަތުގެ ބެލުމުގެ ދަށުން ހިލޭ ފަރުޟު ހައްޖަށް ފޮނުވާ 1000 ފަޤީރުންގެ ތެރެއިން 1445 ވަނަ އަހަރު ހައްޖަށް ފޮނުވާ 50 ފަގީރުން ކަނޑައަޅާފައިވެއެވެ. 50 މީހުން ހޮވާފައިވަނީ މި މިނިސްޓްރީގެ ފޭސްބުކް ޕޭޖު މެދުވެރިކޮށް ގެންދެވުނު ލައިވް އިވެންޓެއްގައި ގުރުއަތުލުމަކުންނެވެ.
ޖުމްލަ 60 މީހުންގެ ގުރުއަތެއް އެދުވަހު ވަނީ ނެގިފައެވެ. އެއީ 1445 ވަނަ އަހަރު ޙައްޖަށް ދާން ގުރުއަތުން ހޮވުނު 50 މީހުންނާއި ގުރުއަތުން ހޮވޭ މީހުންގެ ތެރެއިން އެއްވެސް ސަބަބަކާއި ހުރެ ހައްޖަށް ދިއުމަށް އުޒުރުވެރިވެއްޖެނަމަ، ޖާގަ ދޭނެ އިތުރު 10 މީހެއް ހިމެނޭ ގޮތަށެވެ. ފުރަތަމަ ޖާގަ ލިބުނު 50 މީހުންގެ ތެރެއިން އުޒުރުވެރިވެގެން 10 މީހުން ވަނީ ޖާގަ މިއަހަރަށް ދޫކޮށްލާފައެވެ. އެހެންކަމުން ލިސްޓުގެ ތަރުތީބުން ރިޒާވް ލިސްޓުގައި ތިބި 10 މީހުންނަށް އެ ފުރުސަތު ވަނީ ދެވިފައެވެ. މި 50 މީހުންގެ ތެރެއިން އަތޮޅުތެރޭ ތިބި މީހުން މާލެ ގެނައުމާއި، ކެއުމާއި ބުއިމުގެ ޚަރަދު އަދި ޙައްޖު ދަތުރު ނިމި އެބުރި ރަށަށް ފޮނުވުމުގެ ޚަރަދު ދައުލަތުން ވަނީ ހަމަޖައްސާފައެވެ.
ނަމަވެސް އެމީހުންނާ ވަކި އިންޓަވިއު ކުރި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިނުވެއެވެ.
މިމައްސަލައާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދި އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.
ފަގީރުން ހައްޖަށް ފޮނުވާ މައްސަލައިގައި ބައެއް ދީނީ އިލްމުވެރިންގެ ފަރާތުން ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ. އެގޮތުން، ހައްޖު ވާޖިބު ވަނީ އެކަމަށް މާލީ ގޮތުން ވެސް ކެރިކުޅަދާނަ ބަޔަކަށްވާތީ، ހަައްޖު ވާޖިބު ނޫން ބަޔަކު ދައުލަތުގެ ހަރަދުގައި ހައްޖަށް ފޮނުވުން އެންމެ ރަނގަޅު ނޫން ކަމަށް ބައެއް އިިލްމުވެރިން ބުނެފައިވެއެވެ.