ކ. މާލެ
|
10 ޖެނުއަރީ 2025 | ހުކުރު 08:40
އުމްރާވެރީންތަކެއް މައްކާގައި
އުމްރާވެރީންތަކެއް މައްކާގައި
އަލް-ސަފާ ގްރޫޕް
އަލް ހިޖުރަ ކުންފުނި
އަލްހިޖްރަ ކުންފުނީގެ ހުއްދަ ހިފަހައްޓައި، އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފި
އިސްލާމިކް މިނިސްޓްރީން އަލްހިޖްރަ ގްރޫޕާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅަން ނިންމީ އެ ގްރޫޕުން އުމްރާއަށް މީހުން ގެންދިޔުމާ ބެހޭ އުސޫލާ ހިލާފުވުމުން

އުމްރާއަށް މީހުން ގެންގޮސް ހާލުގައިޖެއްސި "އަލްހިޖްރަ ގްރޫޕް"ގެ ހުއްދަ ހިފަހައްޓައި އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން އަލްހިޖްރަ ގްރޫޕާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅަން ނިންމީ އެ ގްރޫޕުން އުމްރާ އަށް މީހުން ގެންދިޔުމާ ބެހޭ އުސޫލާ ހިލާފުވުމުންނެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އަލްހިޖްރަ ޓްރެވަލް އެންޑް ޓުއާސް ޕްރައިވެޓް ލިމިޓެޑުން މިދިޔަ ޑިސެންބަރު މަހު އެ ގްރޫޕްގެ ހަވާލުގައި އުމްރާއަށް ދިޔަ މީހުންގެ ދެކޮޅު ޓިކެޓް ހަމަނުޖައްސައި، އެކަމަށް ހުރި ފައިސާ އެހެން ކަންކަމަށް ބޭނުންކޮށްފައިވާ ކަމަށް އެކުންފުނިން އިއުތިރާފުވެފައިވާ ކަމަށެވެ.

އުމްރާއަށް ދިޔަ މީހުންގެ ދެކޮޅު ޓިކެޓް ހަމަނުޖައްސައި އޮތުމުން މައްކާއިން ރާއްޖެ އައުމަށް ޓިކެޓު ނެގުމުގެ ދަތިކަން ދިމާވެ، އެ ގްރޫޕްގެ ހަވާލުގައި އުމްރާއަށް ދިޔަ މީހުން އިސްލާމިކް މިނިސްޓްރީގެ އެހީތެރިކަމަށް އެދުނު ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

އަދި އުމްރާއަށް ދިޔަ މީހުން އިސްލާމިކް މިނިސްޓްރީގެ އެހީތެރިކަމަށް އެދުމުން ރާއްޖެ ނާދެވި ތިބި 23 އުމްރާވެރިން މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑުގެ ބެލުމުގެ ދަށަށް މިހާރު ގެންގޮސްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

އުމްރާއަށް ދިޔަ މީހުން ހާލުގައި ޖެއްސުމުން އިސްލާމިކް މިނިސްޓްރީން ވަނީ އުމްރާއަށް މީހުން ގެންދިޔުމުގެ އުސޫލުގެ ދަށުން އަލްހިޖްރަ ޕްރައިވެޓް ލިމިޓެޑަށް ބޮޑެތި ފިޔަވަޅުތަކެއް އަޅުއްވާފަ އެވެ.

އެގޮތުން;

* ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމަށް އެ ވުޒާރާއިން، އެ ގްރޫޕަށް ދޫކޮށްފައިވާ ހުއްދަ ހިފެހެއްޓުން

* އެއްލައްކަ ދިވެހި ރުފިޔާއިން އެ ގްރޫޕް ޖޫރިމަނާކުރުން؛

* އެ ގްރޫޕް އަދި އެ ކުންފުނީގެ އެއްވެސް ހިއްސާދާރެއް ހިމެނޭ އެހެން ކުންފުންޏަކަށް ވެސް ޢުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަނުދިނުން؛

* އެ ގްރޫޕްގެ ފަރާތުން ޢުމްރާއަށް ގެންގޮސް ހާލުގައި ޖެހުނު މީހުން ރާއްޖެ ގެނައުމަށް އެ ވުޒާރާއިން ކުރި ހަރަދު އެ ކުންފުނިން ހޯދުން؛ އަދި

* މި މައްސަލަ ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އެޅުމަށް ފުލުހަށް ހުށަހެޅުން ހިމެނެއެވެ.

އިސްލާމިކް މިނިސްޓްރީ މި މައްސަލަ ފުލުހުންނަށް ހުށަހަލާފައިވާކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލްވެސް ވަނީ "ރާއްޖެ އެމްވީ" އަށް ކަށަވަރުކޮށްދެއްވާފަ އެވެ.

ފުލުހުން ބުނީ މަޝަރ ޓުއާރސް އިން އުމްރާވެރިންތަކެއް އުމްރާއަށް ފޮނުވަންކަމަށް ބުނެ، ފޮނުވި ޗެކްތަކެއް ބައުންސްވެފައިވާ މައްސަލަ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ 13 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށާއި އަދި މި މައްސަލައިގެ ތަހުގީގު ނިންމުމަށް ފަހު ދައުވާކުރުމަށް ޓަކައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހު ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އަލްހިޖުރަ ކުންފުނީގެ ހަވާލުގައި އުމްރާއަށް ގޮސް ހާލުގައި ޖެހިފައި ތިބި މީހުން ހޮނިހިރު ދުވަހު މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެމީހުން ރާއްޖެ އާދެވެންދެން ކެއިންބުއިމާއި ހުރުމުގެ އިންތިޒާމުތައް ހައްޖު ކޯޕަރޭޝަނުން ހަމަޖައްސައިދޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.

އުމްރާއަށް މީހުން ގެންދިޔުމުގައި އެކި ފަރާތްތަކުން މަކަރާއި ހީލަތް ހަދާ މައްސަލަތައް މީގެ ކުރިން ވެސް ފެންމަތިވެފައިވެ އެވެ. މިގޮތުން އިތުރަށް ފައިސާ ނެގުމުގެ މައްސަލަތަކާއި އުމްރާގެ އަޅުކަން އަދާކުރުމަށްފަހު އެނބުރި ރާއްޖެ އައުމުގައި ބައެއް މީހުންނަށް ދަތިތަކާ ކުރިމަތިވެފައިވެ އެވެ.

އިސްލާމިކް މިނިސްޓްރީން އެކުލަވާލާފައިވާ އުމްރާއަށް މީހުން ގެންދިޔުމުގެ އުސޫލްގައިވާ ގޮތުން އެއްބަސްވުމާ ޚިލާފު ވެއްޖެނަމަ، މައްސަލައިގެ ކުޑަ ބޮޑު މިނަށް ބެލުމަށްފަހު 1000 ރުފިޔާ އާއި 1،00،000 އާ ދެމެެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ އިޚުތިޔާރު އެ އެމިނިސްޓްރީއަށް ލިބެ އެވެ. އަދި އުމްރާއަށް ގެންދިޔުމުގެ ހުއްދަ ނެތި އެއްވެސް ބަޔަކު އުމްރާއަށް ގެންގޮސްފިނަމަ އެ ބަޔަކު 1،00،000 އާއި 5،00،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.

- ކޮމެންޓް
10 ޖެނުއަރީ 2025 | ހުކުރު 10:45
ޒަންބި
ތިހާ ކަންހާ ވަރަށް ޒިންމާ އުފުލޭނީ! އިހުގަ ނުލާހިކު ހިތްތިރިކޮށް އެންމެނާ ވާހަދަދައްކާ އުޅުނު މީހަކު ހައްޖުކޮޕޮރޭސަންގެ ބޮޑުމީހަކަށް ހަމަޖެއްސީމާ ފޯނުކޮށްލީމާ ޖަވާބު ނުދިންތާގަ ފޮނުވި ތަހުނިޔާ މެސެޖަށްވެސް ޖަވާބު ނުދޭ، ބޮޑާކަން އިންތިހާ. އޭނަޔަށް ތިބުނާ ކަންތައް މި އެނގެނީ ބަޔަކު ސައުދީގަ ތާށިވެގެން ރާއްޖެ ނާދެވިގެން ނޫސްތަކުގަ އެވާހަކަ ޖެހީމަތަ؟މިއޮއް ހުރިހާ ދުވަހު ނޭގޭތަ؟ނާގާބިލެއް ނޫންތަ؟ ހައްޖުކޮޕޮރޭސަންގެ ވެރިޔާ އިސްތިއުފާ ދޭކަށް ނުވޭތަ؟