ކ. މާލެ
|
29 ޖުލައި 2021 | ބުރާސްފަތި 11:06
ޑާބީ ކައުންޓީގެ ކޯޗު ވޭން ރޫނީ
ޑާބީ ކައުންޓީގެ ކޯޗު ވޭން ރޫނީ
ގެޓީ އިމޭޖަސް
ރޫނީ މާފަށް އެދުން
އަހަންނަށް ހެދުނީ ގޯހެއް: ރޫނީ
 
ރޫނީ މަސްތުގެ ހާލުގައި ނިނދިފައި އިންނަ ފޮޓޯތަކެއް ވަނީ ލީކުވެފައި
 
މައްސަލަ އިތުރަށް ކުރިއަށްގެންދެވޭނެ ހަމައެއް ނެތް ކަމަށް ފުލުހުން ބުނޭ

ސޯޝަލް މީޑިއާގައި ލީކުކޮށްލާފައިވާ ފޮޓޯތަކުގެ މައްސަލައިގައި ކުރީގެ އިނގިރޭސި ފުޓްބޯޅަ ތަރި ވޭން ރޫނީ މާފަށް އެދިއްޖެއެވެ.

ސޯޝަލް މީޑިއާގައި ދާދި ފަހުން ލީކްކޮށްލި ފޮޓޯތަކެއްގައި މަސްތުގެ ހާލުގައި ނިނދިފައި ކަހަލަ ގޮތަކަށް އުމުރުން 35 އަހަރުގެ ރޫނީ ހޮޓަލެއްގެ ކޮޓަރިއެއްގެ ތެރޭގައި އަންހެނުންތަކަކާއެކު ވަގުތު ހޭދަކުރާތަން ފެނެއެވެ. އެކަމަކީ ރޫނީއަށް ނޭނގި ކޮށްފައިވާ ކަމެއް ކަމަށާއި، އަދި އެއީ ބްލެކްމެއިލް ކުރުމާ ގުޅޭ ކަމެއް ކަމަށް ބުނެ، ރޫނީގެ ގާނޫނީ ޓީމުން ވަނީ އެ މައްސަލަ ފުލުހަށް ވައްދާފައެވެ. އެކަމަކު އެ މައްސަލައަކީ އިތުރަށް ކުރިއަށްގެންދެވޭނެ ހަމައެއް ނެތް މައްސަލައެއް ކަމަށް ފުލުހުން ދާދި ފަހުން ވަނީ ބުނެފައެވެ.

ރޫނީ މި ވަގުތު މަސައްކަތް ކުރަމުން އަންނަނީ އިނގިރޭސި ދެވަނަ ޑިވިޝަން (އީއެފްއެލް ޗެމްޕިއަންޝިޕް) ގައި ވާދަކުރަމުން އަންނަ ޑާބީ ކައުންޓީގެ ކޯޗެއްގެ ގޮތުގައެވެ. މިދިޔަ ބުދަ ދުވަހު ސްޕެއިނުގެ ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅުނު ޕްރީ-ސީޒަން މެޗަށްފަހު ރޫނީ ވަނީ އެ މައްސަލައާ ގުޅޭ ގޮތުން ވާހަކަދައްކާފައެވެ. އެ މެޗުން ޑާބީ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.

ސްކައި ސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި ރޫނީ ބުނީ އޭނާގެ ދެ ރަހުމަތްތެރިންނާއެކު އެ ޕާޓީއަށް ދިޔަ ކަމަށެވެ. އެކަމަކު އޭނާއަށް ހެދުނީ ގޯހެއް ކަމަށާއި، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކާ ގުޅިގެން އާއިލާ އާއި ކުލަބުގެ ހުރިހާ ސަޕޯޓަރުންގެ ކިބައިން މާފަށް އެދޭ ކަމަށްވެސް ބުންޏެވެ. އަދި މިހާރު ބޭނުންވަނީ އެކަންތައް ހަނދާން ނައްތާލައި، ކުރިއަށް ދިޔުމަށް ކަމަށްވެސް ރޫނީ ވަނީ ބުނެފައެވެ.

ޑާބީގެ ކޯޗެއްގެ ގޮތުގައި ރޫނީ މަސައްކަތް ކުރަމުން އަންނައިރު، ޑާބީގެ ކޯޗުކަމުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ނެދަލެންޑްސްގެ ފިލިޕް ކޮކޫ ވަކިކުރުމާ ގުޅިގެން، ޕްލޭޔާ-ކޯޗުގެ އެއްބަސްވުމުގައި ހުރި ރޫނީ ވަނީ އެ ޓީމުގެ ކޯޗުުގެ ޒިންމާއާ ވަގުތީ ގޮތުން ހަވާލުވެފައެވެ. އެއަށްފަހު މި އަހަރުގެ ޖެނުއަރީ މަހު ރޫނީ ވަނީ ފުޓްބޯޅަ ކުޅުން ހުއްޓާލައި، ރަސްމީކޮށް ޑާބީގެ ކޯޗުގެ މަގާމާ ހަވާލުވެފައެވެ. އަދި އެއަށްފަހު ރޫނީ ވަނީ މިދިޔަ ސީޒަނުގައި ޑާބީ ރެލިގޭޓުވުމުން ސަލާމަތްކޮށްދީފައެވެ.

އެވަޓަނުން 2002 ވަނަ އަހަރު ފުޓްބޯޅަ ކެރިއަރު ފެށި ރޫނީ ވިދާލީ 2004 ވަނަ އަހަރުން 2017 ވަނަ އަހަރަށް މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ދުވަސްވަރެވެ. ޔުނައިޓެޑުގެ ތާރީޚުގައި އެ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރިކޯޑުވެސް އޮންނަ ރޫނީ ވަނީ ޔުނައިޓެޑާއެކު 16 މުބާރާތް ކާމިޔާބުކޮށްފައެވެ. އޭގެ ތެރޭގައި އިނގިރޭސި ޕްރިމިއާ ލީގު ފަސް ފަހަރު އަދި ޔުއެފާ ޗެމްޕިއަންސް ލީގު އެއް ފަހަރު ހިމެނެއެވެ.

ޔުނައިޓެޑް ދޫކޮށްލުމަށްފަހު ރޫނީ އަލުން އަނބުރާ ގުޅުނީ އޭނާ ފުޓްބޯޅަ ކެރިއަރު ފެށި އެވަޓަންއަށެވެ. އަދި އެވަޓަނުގައި ސީޒަނެއް ހޭދަކުރުމަށްފަހު ރޫނީ ވަނީ އެމެރިކާގެ މޭޖާ ލީގުގައި ވާދަކުރަމުން އަންނަ ޑީސީ ޔުނައިޓެޑަށްވެސް ކުޅެފައެވެ. އެއަށްފަހު ޕްލޭޔާ-ކޯޗެއްގެ ގޮތުގައި ޑާބީއާ ރޫނީ ގުޅުނީ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
25%
0%
25%
25%
25%
0%
ކޮމެންޓް