ކ. މާލެ
|
29 ޖުލައި 2021 | ބުރާސްފަތި 10:33
ބްރެޒިލާއި ސައުދީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބްރެޒިލް މޮޅުވީ 3-1 ން - ގެޓީ އިމޭޖަސް
ބްރެޒިލާއި ސައުދީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބްރެޒިލް މޮޅުވީ 3-1 ން - ގެޓީ އިމޭޖަސް
ގެޓީ އިމޭޖަސް
ޓޯކިއޯ އޮލިމްޕިކްސް
ބްރެޒިލާއި ސްޕެއިން ކުއާޓާއަށް
 
ސައުދީ އަތުން ބްރެޒިލް މޮޅުވީ 3-1 ގެ ނަތީޖާއަކުން
 
ސްޕެއިނާއި އާޖެންޓީނާ އެއްވަރުވީ 1-1 ގެ ނަތީޖާއަކުން

ޓޯކިއޯ އޮލިމްޕިކް ގޭމްސް 2020 ގެ ފިރިހެނުންގެ ފުޓްބޯޅަ އިވެންޓުގެ ކުއާޓާ ފައިނަލަށް ބްރެޒިލާއި ސްޕެއިން ދަތުރުކޮށްފިއެވެ.

ކުއާޓާގެ ޖާގައެއް ބްރެޒިލް ހޯދީ ބުދަ ދުވަހު ކުޅުނު ގްރޫޕް ޑީގެ ފަހު މެޗުގައި 3-1 ގެ ނަތީޖާއަކުން ސައުދީ އަރަބިއްޔާ ބަލިކުރުމަށްފަހުއެވެ.

ޓޯކިއޯގެ ސައިޓަމާ ސްޓޭޑިއަމުގައި ކުޅުނު މި މެޗުގެ ވަރަށް ކުރީކޮޅު ބްރެޒިލުން ވަނީ ލީޑު ނަގާފައެވެ. މެޗު ފަށައިގެން 14 ވަނަ މިނެޓުގައި މި ލަނޑު އެ ގައުމަށް ކާމިޔާބުކޮށްދިނީ މަތިއަސް ކޫނިއާއެވެ. އެކަމަކު މެޗުގެ 27 ވަނަ މިނެޓުގައި އަބްދުﷲ އަލް-އަމްރީ ވަނީ ސައުދީއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ބްރެޒިލުން އަލުން ލީޑު ނަގާފައިވަނީ މެޗުގެ 76 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ގައުމަށް ކާމިޔާބުކޮށްދިނީ ރިޗާލިސަންއެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ރިޗާލިސަން ވަނީ އިތުރު ލަނޑެއް ޖަހައި، ބްރެޒިލް މި މެޗުން މޮޅުކޮށްދީފައެވެ. މި މެޗުގައި ޖެހި ދެ ލަނޑާއެކު ރިޗާލިސަން ވަނީ މި ފަހަރުގެ އޮލިމްޕިކްސްގައި މިހާތަނަށް ޖުމްލަ ފަސް ލަނޑު ކާމިޔާބުކޮށްފައެވެ.

މި މެޗުން މޮޅުވެ ބްރެޒިިލް ކުއާޓާއަށް ދަތުރުކުރިއިރު، ކުއާޓާގައި އެ ގައުމު ބައްދަލުކުރަން ޖެހޭނީ ގްރޫޕް ސީގެ ދެވަނަ ހޯދި މިސްރާއެވެ.

ސްޕެއިނާއި އާޖެންޓީނާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 1-1 ން - ގެޓީ އިމޭޖަސް

މީގެ އިތުރުން ކުއާޓާގެ ޖާގައެއް ސްޕެއިން ހޯދީ ބުދަ ދުވަހު ކުޅުނު ގްރޫޕް ސީގެ ފަހު މެޗުގައި އާޖެންޓީނާއާ 1-1 ގެ ނަތީޖާއަކުން އެއްވަރުކޮށްގެންނެވެ.

ޓޯކިއޯގެ ސައިޓަމާ ސްޓޭޑިއަމުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައެއް ނުވެއެވެ. މެޗުގެ ދެވަނަ ހާފުގައި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، މި ހާފުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ ސްޕެއިނުންނެވެ. މެޗުގެ 66 ވަނަ މިނެޓުގައި މި ލަނޑު އެ ގައުމަށް ކާމިޔާބުކޮށްދިނީ މިކޭލް މެރީނޯއެވެ. އެކަމަކު މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ތޯމަސް ބެލްމޮންޓޭ ވަނީ އާޖެންޓީނާއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މި މެޗު އެއްވަރުވުމުން ސްޕެއިނަށް ގްރޫޕް ސީގެ އެއްވަނަ ލިބުނުއިރު، ތިންވަނައިގައި އޮތް އާޖެންޓީނާ ވަނީ މުބާރާތުން ކަޓާފައެވެ. ވަރުގަދަ ސްކޮޑަކާއެކު ނުކުތް ސްޕެއިން ކުއާޓާއަށް ދަތުރުކުރިއިރު، ކުއާޓާގައި އެ ގައުމު ބައްދަލުކުރަން ޖެހޭނީ ގްރޫޕް ޑީގެ ދެވަނަ ހޯދި އައިވަރީ ކޯސްޓާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް