މިހާރު ކުރިއަށްދާ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު އީދު ކަމަށްވާ ޓޯކިއޯ އޮލިމްޕިކް ގޭމްސް 2020 ގައި ރާއްޖޭގެ ފެތުންތެރިޔާ އައިޝަތު ސާޖިނާ ރަނގަޅު ތަޖުރިބާއެއް ހޯދައިފިއެވެ.
މި ފަހަރުގެ އޮލިމްޕިކްސްއިން ފަހު ވަގުތު ސާޖިނާއަށް ފުރުސަތު ލިބުނީ ދުނިޔޭގެ ފެތުމުގެ މައި ޖަމިއްޔާ، ފީނާ އިން ކަނޑައެޅި އުސޫލުތަކާ ގުޅިގެންނެވެ. ސާޖިނާއަކީ އޮލިމްޕިކް ސްކޮލަޝިޕްގެ ދަށުން ރާއްޖެއިން ބޭރުގައި މަތީ ތައުލީމާއެކު ތަމްރީނު ހެދުމުގެ ފުރުސަތު އައިއޯސީން ދިނުމުން، މެލޭޝިއާގައި ތަމްރީނު ހަދަމުން އަންނަ ފެތުންތެރިއެކެވެ.
އަދި ސާޖިނާއަކީ މިދިޔަ އަހަރުތަކުގައި ސްވިމިންގެ ބައިނަލްއަގުވާމީ އިވެންޓްތަކުގައި ބައިވެރިވެ، ކުރިއެރުންތަކެއް ހޯދަމުން އަންނަ ފެތުންތެރިއެކެވެ. އެ ގޮތުން 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރި ގައުމީ ފެތުމުގެ ސްކޮޑުގައިވެސް ސާޖިނާ ހިމެނުނުއިރު، ރާއްޖޭގެ އެންމެ މޮޅު ފެތުންތެރިޔާގެ މަގާމު ދެ ފަހަރު ހޯދާފައިވާ ސާޖިނާ ވަނީ 2016 ވަނަ އަހަރުގެ ސައުތު އޭޝިއަން އެކުއަޓިކް ޗެމްޕިއަންޝިޕުގައި ދެ ރިހި މެޑެއްޔާއި ލޯ މެޑެއްޔެއް ހޯދާފައެވެ.
ޖަޕާނުގައި ކުރިއަށްދާ އޮލިމްޕިކްސްގައި ސާޖިނާ ވާދަކުރީ 100 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގައެވެ. މި އިވެންޓުގެ ހީޓް އެކެއްގައި ސާޖިނާއާއެކު އިތުރު ފަސް ފެތުންތެރިން ވާދަކުރިއިރު، ސާޖިނާއަށް ލިބުނީ ހީޓުގެ ހަވަނައެވެ. އޭނާ ރޭސް ނިންމާލާފައިވަނީ 1:33.59 (އެއް މިނެޓު 33.59 ސިކުންތު) ންނެވެ.
"ރާއްޖެ.އެމްވީ" އަށް މައުލޫމާތުދެއްވަމުން ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނައިބު ރައީސް އިސްމާޢީލް އަލީ ވިދާޅުވީ މި ފަހަރުގެ އޮލިމްޕިކްސްގެ ފުރުސަތު ކުއްލި ގޮތަކަށް ސާޖިނާއަށް ލިބުނުއިރު، މިދިޔަ ދެ އަހަރު ރަނގަޅަށް ފަރިތަކުރުމުގެ ފުރުސަތު ސާޖިނާއަށް ލިބިފައިނުވާ ކަމަށެވެ. އެގޮތުން ކޮވިޑް-19 އާ ގުޅިގެން މެލޭޝިއާ ލޮކްޑައުން ކުރުމާއެކު، މިދިޔަ ދުވަސްތަކުގައި ސާޖިނާ އެއްވެސް ވަރަކަށް ފަރިތަކޮށްފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން މި ފަހަރުގެ އޮލިމްޕިކްސް އަކީ ސާޖިނާއަށް ރަނގަޅު ތަޖުރިބާއެއް ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
އޮލިމްޕިކްސްގައި މުޅިން އަލަށް ސާޖިނާ ވާދަކުރިއިރު، އޭނާގެ ދައްތަ ސަޖަން ވަނީ މީގެ ކުރިން 2012 ވަނަ އަހަރު އިންގްލެންޑުގައި އޮތް ލަންޑަން އޮލިމްޕިކްސް އާއި 2016 ވަނަ އަހަރު ބްރެޒިލުގައި އޮތް ރިއޯ އޮލިމްޕިކްސްގައި ވާދަކޮށްފައެވެ.