މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ބައިނަލްއަގްވާމީ މޫސުމީ ސަމިޓް (ކޮޕް 26) ފެށޭއިރު ރާއްޖެއިން އިނގިރޭސިވިލާތަށް އެކްސްޕޯޓްކުރާ މަހުގެ ޑިއުޓީ ކަނޑާލައި އެގައުމުގެ ޒީރޯ ރޭޓް ލިބޭނެ ކަމަށާއި އިނގިރޭސި ސަރުކާރާ ވާހަކަދައްކަވައިގެން އެކަން ކުރައްވާނެ ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.
ޔޫކޭގެ ޒީރޯ ރޭޓް ލިބޭނެ ކަމަށް މިނިސްޓަރ އެ ވިދާޅުވަނީ އީޔޫގެ ގައުމުތަކަށް ރާއްޖެއިން ބޭރުކުރާ ކަނޑުމަހަށް ބޮޑު ޑިއުޓީއެއް މިހާރު ނަގަމުން އަންނާތީއާއި ދާދިފަހުން އީޔޫއިން ރަސްމީކޮށް އިނގިރޭސިވިލާތް ވަކިވެފައިވާތީ އީޔޫގެ ގުޅިފައިވާ ނިންމުމަކަށް އިނގިރޭސިވިލާތް އަމަލު ކުރަން މިހާރު ނުޖެހޭނެ ކަމަށް އިޝާރާތް ކުރައްވަމުންނެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި އާދިއްތަ ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ އިނގިރޭސިވިލާތަކީ ޔޫރަޕިއަން ޔޫނިއަންގެ ގައުމެއް ވެސް ނޫން ކަމަށާއި ރާއްޖެއަކީ ތިމާވެއްޓާއި ރައްޓެހި ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރާ ބައެއްކަން ޔޫރަޕަށް ވިސްނައިދޭން ބޭނުންވެވަޑައިގަންނަވާ ކަމަށެވެ. ދިވެހި ކަނޑުމަހުން ޑިއުޓީ ކަނޑާލީމާ އެކަމުގެ ނަފާ ދިވެހި މަސްވެރިކަމުގެ ސިނާއަތަށް ވަރަށް ބޮޑުވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މަސްވެރިން އަބަދުވެސް އެންމެ ބޮޑަށް ދައްކާ ވާހަކައަކީ މަހަށް ހަމައަގު ނުލިބުމުގެ ވާހަކަ ކަމަށާއި ޔޫރަޕަށް މަސް އެކްސްޕޯޓް ކުރާއިރު ބޮޑު ޑިއުޓީއެއް ނަގާތީ އެ މާކެޓަކީ ދިވެހި މަސްވެރިންނަށް މާބޮޑު މަންފާއެއް ލިބޭ މާކެޓަކަށް ނުވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިކަން ހައްލުކުރެވޭތޯ މަސައްކަތް ކުރަމުންދާތާ ޒަމާންތަކެއް ވެފައިވާ ކަމަށާއި ދާދިފަހުން އިނގިރޭސިވިލާތް އީޔޫއިން ވަކިވުމަށްފަހު ދިވެހި މަހުން ޑިއުޓީ ނެގުމުގެ ކަންތަކުގައި އީޔޫގެ ސިޔާސަތުތަކާ ތަފާތު ވިސްނުމެއް ގެންގުޅެން ޚިޔާލުކުރާކަމުގެ ހިލަން ލަންޑަނުން ފެނިފައިވާތީ ދެން އިނގިރޭސިވިލާތުން ޒީރޯ ރޭޓް ލިބުމަކީ ވަރަށް އަވަހަށް ވެދާނެ ކަމެއްކަމަށް އުއްމީދު ކުރާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ ކަޅުބިލަ މަސް އެކްސްޕޯޓް ކުރުމަކީ ވަރަށް ފަސޭހައިން ކުރެވޭ ކަމެއް ކަމަށް ބައެއް މީހުންނަށް ހީ ކުރެވިފައި އޮންނަ ކަމަށެވެ. އެކަމަކީ ބައިނަލްއަގުވާމީ އެކި މުއާހަދާތަކުން ލާޒިމުކުރާ ހަމަތަކަށް ފެތިގެން ކުރަންޖެހޭ ކަމަކަށްވާއިރު އެ ޝަރުތަކަށް ތަބާވުމަށްޓަކައި އިންޑިއަން އޯޝަން ޓޫނާ ކޮމިޝަންގައި ބައިވެރިވެގެން ވެސް ރާއްޖެއިން ކަންތައްތަކެއް ކުރަމުން އަނަނަ ކަމަށެވެ.
އެގޮތުން 2011 ވަނަ އަހަރު އެކޮމިޝަންގެ މެމްބަރަކަށް ރާއްޖެވި ކަމަށާއި އޭރު މެމްބަރަކަށްވާން މަޖުބޫރުވި ކަމަށެވެ. އެ ރެގިއުލޭޝަނާ ކޮމްޕްލައި ނުވެ އޭރު ޔޫރަޕަށް މަސް އެކްސްޕޯޓް ނުކުރެވޭ ކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ކޮމިޝަނުގައި ބައިވެރިވީއްސުރެ އެ ޖަމާއަތުގައި އެންމެ މުހިންމު އެއް ދައުރު ރާއްޖެއިން އަދާކުރަމުންދާ ކަމަށާއި ރީނދޫ އުރަހަ ކަންނެލީގެ ސްޓޮކް ދިރުވައި އާލާކުރުމުގެ މަސައްކަތަކީ އިންޑިއަން އޯޝަން ޓޫނާ ކޮމިޝަނުގެ ތެރެއިން ރާއްޖޭގެ އިސްނެގުމާއެކު ފެށިފައިވާ މުހިއްމު މަސައްކަތެއްކަން މިނިސްޓަރ ޑރ ހުސައިން ފާހަގަ ކުރެއްވިއެވެ.