ސަރުކާރުގެ ސުޕަރ މެޖޯރިޓީއެއް އޮތް ކަމަށް ބުނާ ރައްޔިތުންގެ މަޖިލީހަކުން އެމަޖިލީހުގެ ޖަލްސާތައް ނުބާއްވަން އުޅޭ އުޅުމުން ދޭހަވަނީ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ގެއްލެމުންދާކަން ކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހް ވިދާޅުވެއްޖެއެވެ.
ފަލާހް މިހެން ވިދާޅުވީ އަންގާރަ ދުވަހުގެ ރޭ ގެނެސްދިން ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
އެޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފަލާހް ވިދާޅުވީ މަޖިލީހުގެ ރައީސް ކަންކަން ކުރައްވަމުންދާގޮތުން ވެސް މަޖިލީހުގެ މެޖޯރިޓީ އެބޭފުޅުންނަށް ގެއްލެމުންދާ ތަން ފެންނަ ކަމަށާއި އެގޮތުން މަޖިލީހުގެ ޗުއްޓީ ދުވަސްވަރު އައުމުގެ ކުރިން މަޖިލީހުގެ ޖަލްސާތައް މެދު ކަނޑާލައި، ޖަލްސާއެއް ނުބާއްވާ އެހާ ގިނަ ދުވަސް ހޭދަކުރެއްވުމަކީ އެފަދަ އެއްކަން ކަމަށެވެ.
"މަޖިލީހުގެ ޗުއްޓީ ދުވަސވަރަކީ ޤަވާއިދުގައި އޮންނަގޮތުން މިމެއި މަހުގެ 1ން މެއިމަހުގެ ނިޔަލަށް. އެހެންނަމަވެސް މިދިޔަ މަހުގެ 15 އިންފެށިގެންވެސް މިދަނީ ޗުއްޓީ. އަދި ޗުއްޓީއަށް ދާކަން އިއުލާން ކުރަންވާނެކަމަށް ޤަވާއިދުގައި އޮންނައިރުވެސް އެގޮތައް ހާމަ ނުކޮށް މަޖިލިސް ބަންދުކުރި ގޮތައް ޖަލްސާ ނުބާއްވާ އެދަނީ. ޖަލްސާ ނުބާއްވާ ދާކަމުން ދޭހަވަނީ މަޖިލީ މެޖޯރިޓީ ގެއްލެމުންދާކަން" ފަލާހް ވިދާޅުވިއެވެ.
ފަލާހް ވިދާޅުވީ މިރާއްޖޭގައި ކަންކަން ހިނގަމުންދާގޮތާމެދު ވާހަކަ ދައްކާ ޤާނޫންތަކަށް ބަދަލު ގެނެސް އިސްލާހު ގެންނާކަށް ސަރުކާރުގެ މެންބަރުން ބޭނުން ނުވާ ކަމަށެވެ.
ކޮރަޕްޝަންގެ ވާހަކަ އާއި ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް ނުހައްޤު ޝަރީއަތްތަކެއް ބާއްވަމުންދާކަމުގެ ވާހަކަ ދައްކަން އެބޭފުޅުން ބޭނުން ނުވާކަމަށާއި ސަބަބަކީ އެ ވާހަކަތައް ދައްކައިފިނަމަ ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު އެބޭފުޅުންނަށް ގެއްލިގެންދާކަން އެނގޭނެ ކަމަށް ފަލާހް ވިދާޅުވިއެވެ.
ސަރުކާރުން ބޭނުންވާ ކަންކަން ކުރުމަށް މަޖިލީހުގެ ރައީސް އާއި ޕީޕީއެމްގެ މަޖިލީހުގެ މެމްބަރުން ބޭނުންކުރާތީ، އެކަމާ ރުޅި އަންނަ މެމްބަރުން ވެސް ސަރުކާރުގެ ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ކަމަށް ވެސް ފަލާހު ވިދާޅުވި އެވެ. އެފަދަ މެންބަރުން އެކަންކަން ރަނގަޅުކުރަން އެދޭ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ދުރުކުރަން ތާއިދުކުރައްވާ މެމްބަރުން ވެސް ސަރުކާރުގެ ކޯލިޝަންގައި އެބަ ތިއްބެވި ކަމަށް ވެސް ފަލާހް ވިދާޅުވި އެވެ.
ފަލާހް ވިދާޅުވީ ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ ގިނަ ގޮނޑިތައް ލިބުނީ އެމްޑީޕީއަށް ކަމަށާއި އޭގެ މާނަައަކީ އެދާއިރާތަކުގައި ތިބި ޕީޕީއެމް މެންބަރުން ކަންކުރައްވާ ގޮތް ރައްޔިތުން ގަބޫލު ނުކުރެއްވުން ކަމަށެވެ.