ޓޯކިއޯ އޮލިމްޕިކް ގޭމްސް 2020 ގެ ފިރިހެނުންގެ ފުޓްބޯޅަ އިވެންޓުގައި ކުޅުނު ފުރަތަމަ މެޗުން މެކްސިކޯ އަތުން ފްރާންސް ބަލިވިއިރު، ޖަރުމަން އަތުން ބްރެޒިލް މޮޅުވެއްޖެއެވެ.
ގްރޫޕް އޭގައި ކުޅުނު ފުރަތަމަ މެޗުން މެކްސިކޯ އަތުން ފްރާންސް ބަލިވީ 4-1 ގެ ނަތީޖާއަކުންނެވެ.
ޓޯކިއޯގެ އަޖިނޮމޮޓޯ ސްޓޭޑިއަމުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައި މެކްސިކޯއިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ގައުމަށް ކާމިޔާބުކޮށްދިނީ އާނެސްޓޯ ވެގާއެވެ. އަދި އޭގެ އަށް މިނެޓު ފަހުން ފްރެންސިސްކޯ ކޯޑޯވާ ވަނީ މެކްސިކޯއަށް ލީޑު ފުޅާކޮށްދީފައެވެ.
އޭގެ ފަހުން މެޗުގެ 69 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އަންދްރޭ-ޕިއޭ ޖިންޏަކް ފްރާންސަށް ފަރަގު ކުޑަކޮށްދިން ނަމަވެސް، އޭގެ ހަ މިނެޓު ފަހުން ކާލޯސް އަންޓޫނާ ވަނީ ލަނޑެއް ޖަހައި މެކްސިކޯއަށް އަލުން ލީޑު ފުޅާކޮށްދީފައެވެ. ދެން މި މެޗުގައި މެކްސިކޯއިން ޖެހި ހަތަރުވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ އެޑުއާޑޯ އަގީރޭއެވެ.
މީގެ އިތުރުން ގްރޫޕް ޑީގައި ކުޅުނު ފުރަތަމަ މެޗުން ބްރެޒިލް މޮޅުވީ ޖަރުމަން އަތުން 4-2 ގެ ނަތީޖާއަކުންނެވެ.
ޓޯކިއޯގެ ނިސާން ސްޓޭޑިއަމުގައި ކުޅުނު މި މެޗުގެ 30 މިނެޓު ހަމަވިއިރު، ބްރެޒިލުގެ ރިޗާލިސަން ވަނީ ހެޓްރިކެއް ހަދާފައެވެ. އެކަމަކު ދެވަނަ ހާފުގައި ޖަރުމަނުން އެ ޓީމުގެ ކުޅުން ރަނގަޅުކުރިއިރު، 57 ވަނަ މިނެޓުގައި ނަދީމް އަމީރީ ވަނީ އެ ޓީމުގެ ފުރަތަމަ ލަނޑު ޖަހާފައެވެ. އަދި 84 ވަނަ މިނެޓުގައި ރަގްނާ އަކޭ ވަނީ ލަނޑެއް ޖަހައި، ޖަރުމަނަށް ފަރަގު ކުޑަކޮށްދީފައެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ބްރެޒިލުން އަލުން ލީޑު ފުޅާކޮށްފައިވަނީ މެޗުގެ އިތުރު ވަގުތުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޕައުލީނިއޯއެވެ.
ޓޯކިއޯ އޮލިމްޕިކްސްގެ ފިރިހެނުންގެ ފުޓްބޯޅަ އިވެންޓުގެ ކުޅުން ބުރާސްފަތި ދުވަހު ފެށިއިރު، ގްރޫޕް ސީގައި ހިމެނޭ ސްޕެއިނުން ކުޅުނު ފުރަތަމަ މެޗުން ވަނީ މިސްރާ ލަނޑެއް ނުޖެހި އެއްވަރުވެފައެވެ. އަދި މި ގްރޫޕުގައި ހިމެނޭ އޮސްޓްރޭލިއާއިން ވަނީ 2-0 ގެ ނަތީޖާއަކުން އާޖެންޓީނާ ބަލިކޮށްފައެވެ.