ހައިކޯޓުގެ ދެކުނު ގޮފީގެ ފަނޑިޔާރު ޝުޖާއު އުސްމާން އަވަހާރަކޮށްލަން އުޅުނު ކަމަށް ބުނާ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ހަނީފް ގޭ ބަންދަށް ބަދަލުކޮށްފިއެވެ.
ހަނީފްގެ ގާތް މީހަކު ރާއްޖެ އެމްވީއަށް ވަނީ އެކަން ކަށަވަރުކޮށްދީފައެވެ. އޭނާ ބުނީ ހަނީފް ގޭބަންދަށް ބަދަލުކުރީ އަންގާރަ ދުވަހު ކަމަށާއި އޭނާ ގޭބަންދަށް ބަދަލުކުރީ 15 ދުވަހަށް ކަމަށެވެ.
ހަނީފް ގޭބަންދަށް ބަދަލުކޮށްފައި މިވަނީ ބަންދުގެ މުއްދަތު ތިން ފަހަރަށް އިތުރުކުރުމަށްފައެވެ.
ހަނީފް ހައްޔަރުކުރި މައްސަލަ ހައިކޯޓުގައި އިސްތިުއނާފް ކުރުމުން އޭނާ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކުރީ ރަނގަޅަށް ކަމަށް އެކޯޓުން ވަނީ ކަނޑައަޅާފައެވެ.
ގްރޫޕެއް ފޮނުވައިގެން ފަނޑިޔާރު ޝުޖާއު "އަވަހާރަކޮށްލަން" އުޅުނު ކަމުގެ ތުހުމަތުގައި ހަނީފް ހައްޔަރުކޮށްފައި ވަނީ މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ ގެއިންނެވެ. ހައްޔަރުކުރުމުގެ ކުރިން ހަމަ އެ ދުވަހު ފުލުހުންގެ އިދާރާއަށް ހަނީފް ހާޒިރުކޮށް، އޭނާގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވެއެވެ.
ހައިކޯޓުން ކުރި ހުކުމުގައި ވަނީ ހަނީފުގެ މައްޗަށް ކުރެވިފައިވަނީ ޓެރަރިޒަމުގެ ތުހުމަތު ކަމަށްވާތީ ދޫކޮށްލައިފި ނަމަ އޭނާގެ ފަރާތުން މުޖުތަމައުއަށް ނޭދެވޭ އަސަރުކޮށްފާނެތީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހޯމް މިނިސްޓްރީން ކަނޑައަޅާތަނެއްގައި އޭނާ ބަންދުކުރުމަށް ދައުލަތުން އެދިފައިވާ ކަމަށެވެ.
ހުކުމުގައި ބުނެފައި ވަނީ ހަނީފުގެ މައްޗަށް ތުހުމަތު ކުރެވިފައި ވަނީ ހައިކޯޓުގެ ފަނޑިޔާރަކަށް ނުރައްކާވާ ފަދަ ހަމަލާއެއް ދިނުމަށް ރޭވިކަމުގެ ތުހުމަތުކަމުގައިވާއިރު، އެއީ ކުށުގެ ޒާތާއި ތަބީއަތަށް ބަލާއިރު ނުރައްކާތެރިކަން ބޮޑު ކުށެއްކަން އެނގެން އޮންނަ ކަމަށެވެ. އަދި އެ މައްސަލައިގައި ފުލުހުންގެ ފަރާތުން ހުށަހަޅާފައިވާ ހެކިތަކުގެ މައްޗަށް ބެލުމުން ހަނީފުގެ މައްޗަށް ތުހުމަތުކުރެވޭ ކުށަށް ތުހުމަތެއް އުފެދޭ މިންވަރުގެ ހެކި ގަރީނާ ފުލުހުންގެ ފަރާތުން ހުށަހަޅާފައިވާކަން ވެސް އެނގެން އޮންނަ ކަމަށް ބުނެފައި ވެއެވެ.
ހައިކޯޓުން އޭރު ބުނީ އެފަދަ ތުހުމަތެއްގައިވާ ފަރާތެއް މިހިނދަށް ދޫވެފައި ހުރުމަކީ އެކަމުގެ ސަބަބުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް އޮތްކަމެއް ކަމުގައި ބެލެވެން އޮންނަ ކަމަށާއި އެހެންކަމުން މައްސަލަ ބެއްލެވި ފަނޑިޔާރުން ދެކެވަޑައިގަންނަވާ ގޮތުގައި ހަނީފް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތް ކަމަށެވެ.