ކޮވިޑް-19އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ގައުމުތަކުން ލުއިދީ، ވިޔަފާރިތައް ހުޅުވާލުމާއެކު އެންމެ ބޮޑު ފައިދާއެއް ވަމުންދާ އެއް ކުންފުންޏަކަށް ކޮކާކޯލާ ކުންފުނި ވެއްޖެއެވެ.
އަލްޖަޒީރާގައި ރިޕޯޓު ކޮށްފައިވާ ގޮތުން ވިޔަފާރިތައް ހިނގަން ފެށުމާއެކު ކޮކާކޯލާގެ ވިޔަފާރިއަށް 37 އިންސައްތައިގެ ކުރިއެރުމެއް ވަނީ ލިބިގެން ގޮސްފައެވެ. އޭގެ ތެރޭގައި ގައުމުތަކުގެ ކެފޭ ރެސްޓޯރަންޓް ވިޔަފާރިތަކާއި، ކްލަބްތަކުގެ އިތުރުން ބާރތައް ހުޅުވާލުން ހިމެނެއެވެ. އެގޮތުން ކޮކާކޯލާގެ ހިއްސާގެ އަގުވެސް މައްޗަށް ގޮސްފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
މި އަހަރުގެ ދެވަނަ ކުއާޓަރގެ ނަތީޖާތަކަށް ބަލާއިރު، ކުންފުނި އިޤްތިޞާދީގޮތުން ކޮޅަށް ޖެހެމުންދާކަމަށް ގަބޫލު ކުރެވޭކަމަށް، ކޮކާކޯލާ ކުންފުނީގެ ސީއީއޯ ޖޭމްސް ކުއިންސީއާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓު ކޮށްފައިވެއެވެ. އެހެންނަމަވެސް، ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ކުންފުނީގެ އުފެއްދުންތައް ސަޕްލައި ކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން 2022 ވަނަ އަހަރަށް އަޅާއިރު ކުންފުނިން އެ މައްސަލަތައް ޙައްލު ކުރުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރަމުންދާކަމަށް އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރ ޖޯން މާރފީ ވިދާޅުވިއެވެ.
ކޮކާކޯލާގެ އުފެެއްދުންތަކަކީ ފުޑް އެންޑް ބެވަރެޖް ދާއިރާގައި ދުނިޔޭގެ މަޤްބޫލުކަން ހޯދާފައިވާ އުފެއްދުންތަކެކެވެ.