މައްސަލަ ބޮޑުވެފައިވާ ހެއިޓީއަށް އައު ބޮޑުވަޒީރަކު އައްޔަންކޮށްފިއެވެ.
ހެއިޓީގެ ރައީސް ޖޮވެނަލް މޮއިސް އަވަހާރަކޮށްލިތާ ދެ ހަފްތާ ފަހުން އެ ގައުމުގެ ބޮޑުވަޒީރުކަމުގެ ހުވާކޮށްފައި މިވަނީ އާރިއަލް އޮންރީއެވެ. ރައީސް ޖޮވެނަލް މޮއިސް އަވަހާރަކޮށްލިތާ ދުވަސްކޮޅެއް ކުރިން އެމަނިކުފާނު ވަނީ އޮންރީ ބޮޑުވަޒީރުކަމުގެ މަގާމަށް ވަޑައިގަތުމަށް އެދިވަޑައިގެންފައެވެ. އެ ދަނޑިވަޅަކީ އޮންރީ ހެއިޓީގެ ކުރީގެ ވަގުތީ ބޮޑުވަޒީރު ކަމުގައި ހުންނެވި ކުލޯޑު ޖޯސެފްއާ ސިޔާސީ ގޮތުން ހިތްހަމަނުޖެހުންތަކެއް އޮތް ދުވަސްވަރެކެވެ.
ހެއިޓީގެ ވަގުތީ ބޮޑުވަޒީރު ކަމުގައި ހުންނެވި ކުލޯޑު ޖޯސެފް އެ މަގާމުން ހޯމަ ދުވަހު އިސްތިއުފާދެއްވައި، މަގާމުގެ ބާރުތައް، ބައިނަލްއަޤްވާމީ ދުނިޔެ ގަބޫލުކުރާ ބޭފުޅަކަށް ދެއްވުމަށް އެއްބަސްވެވަޑައިގަންނަވާ ކަމަށް ވޮޝިންގޓަން ޕޯސްޓަށް ދެއްވި އިންޓަރވިއުއެއްގައި ޖޯސެފް ވަނީ ވިދާޅުވެފައެވެ. މީގެއިތުރުން މަޤާމުން އިސްތިއުފާ ދެއްވަމުން ކުލޯޑު ޖޯސެފް ވިދާޅުވީ އޮންރީ ބޮޑުވަޒީރުކަމުގެ މަގާމުގެ ހުވާ ކުރެއްވުމުން އެ ގައުމުގައި ސެޕްޓެމްބަރު މަހު އިންތިޚާބު ބޭއްވުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
މަގާމުގެ ހުވާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އާރިއަލް އޮންރީ ވަނީ ގައުމުގެ އެއްބައިވަންތަކަމަށް ގޮވާލައްވާފައެވެ. ހެއިޓީގެ ރައީސް ޖޮވެނަލް މޮއިސް އަވަހާރަކޮށްލާފައިވާއިރު އޭނާގެ އަންހެނުންނަށް ވެސް ވަނީ ބަޑީގެ ހަމަލާތައް އަމާޒުވެފައެވެ. ލިބުނު ޒަހަމްތަކަށް އެމެރިކާގައި ފަރުވާ ހޯއްދެވުމަށްފަހު އެކަމަނާ ހެއިޓީއަށް އަނބުރާ ވަޑައިގަތީ މިދިޔަ ހަފްތާގައެވެ.
އެ ގައުމުގެ ރައީސް އަވަހާރަކޮށްލި ގްރޫޕްގައި ހިމެނެނީ އެކި ގައުމުތަކުގެ އަސްކަރިއްޔާގައި އުޅުމަށްފަހު ރިޓަޔަރވެފައިވާ ކޮމާންޑޯއިން ކަމަށް ބޭރުގެ މީޑިއާތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ. މި ގްރޫޕްގައި ޖުމުލަ 28 މީހަކު ހިމެނޭ ކަމަށާއި 20 މީހަކު މިހާތަނަށް ހައްޔަރުކުރެވިފައިވާއިރު 3 މީހަކު މަރާލާފައިވާކަމަށް ވެސް ބުނެއެވެ. މި ހަމަލާގެ މުގުލުގައި ހުރި މީހާ ހޯދިފައި ނުވާކަން ހާމަކޮށްފައިވާއިރު އަދިވެސް 5 މީހަކު އަތުލައިގަނެވިފައި ނުވާކަމަށް ހާމަކުރެއެވެ. މިހާތަނަށް އެއްކުރި މައުލޫމާތުތަކުން ހަމަލާދިން މީހުންގެ ތެރޭގައި ކޮލަމްބިއާގެ އަސްކަރިއްޔާގައި އުޅުމަށްފަހު ރިޓަޔަރވެފައިވާ 26 ކޮމާންޑޯއިންނާއި ހެއިޓީގެ އަސްކަރިއްޔާގައި އުޅުމަށްފަހު ރިޓަޔަރވިފައިވާ 2 ކޮމާންޑޯއިން ހިމެނޭކަމަށް ވަނީ ބުނެފައެވެ.
ހެއިޓީގެ ރައީސް އަވަހާރަކޮށްލުމާއެކު އެގައުމުގައި ވެރިކަމުގެ ބާރުތަކާމެދު ވެސް ވަނީ ނުތަނަވަސްކަން އުފެދިއެވެ. ގާނޫނު ހަދާ މަޖިލިސް ހުއްޓުމަކަށް އައިސްފައިވާއިރު، ގާނޫނުގައި ބުނާ ގޮތުން، ރައީސެއް ނެތް ހާލަތެއްގައި ގައުމުގެ ހިންގުމާ ވަގުތީ ގޮތުން ހަވާލުވާނީ ސުޕްރީމް ކޯޓުގެ ރައީސެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ރައީސް ވަނީ ކޮވިޑްގައި ނިޔާވެފައެވެ.