ބަރަހަނާ މަންޒަރުތައް ފިލްމުތައް ހަދާ އެ އެއްޗެހި މޮބައިލް ޕްލެޓްފޯމެއްގައި ދައުރުކުރަމުންދާކަމަށް ބުނާ މައްސަލައެއްގައި ވިޔަފާރިވެރިޔާ އަދި ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖް ކުންދުރާ, ހޯމަ ދުވަހު ހައްޔަރުކޮށްފައިވާއިރު އޭނާއާ ދެކޮޅަށް ބޭނުންވާ ވަރަށް ހެކި އެބަހުރި ކަމަށް އިންޑިއާ ފުލުހުން ބުނެފިއެވެ.
އިންޑިއާ ފުލުހުން ބުނީ ރާޖް އުފެއްދި ވަޓްސްއަޕް ގްރޫޕެއްގެ ޗެޓްތައް ފުލުހުންނަށް ފެނިފައިވާ ކަމަށެވެ. އަދި މި ގްރޫޕުގައި އިތުރު ހަތަރު މެމްބަރުން ތިބޭއިރު މައިގަނޑުގޮތެއްގައި ގްރޫޕުގައި ވާހަަކަ ދައްކާފައިވަނީ އެފަދަ ފިލްމުތަކުގެ ޕޭމަންޓުތަކާ ގުޅޭގޮތުންނެވެ. އެގޮތުން ފިލްމުތަކުން ލިބޭ އާމްދަނީ ދަށްކަމަށް ރާޖް ބުނިކަމަށް ވެސް އިންޑިއާގެ ނޫސްތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ.
މި މަހުގެ 23 ވަނަ ދުވަހާ ހަމައަށް ފުލުހުންގެ ހައްޔަރުގައި ރާޖް ހުރިއިރު މުމްބާއީގެ ފުލުހުން ބުނެފައިވަނީ އިނގިރޭސިވިލާތުގައި މަސައްކަތް ކުރަމުންދިޔަ ވިޔަފާރިވެރިއެއް ކަަމަށްވާ ޕްރަދީޕް ބަކްޝީގެ ކުންފުނި، ކެންރިން ޕްރޮޑަކްޝަން ހައުސްއާއެކު ރާޖް ދިޔައީ ގާތުން މަސައްކަތް ކުރަމުން ކަމަށެވެ. އަދި ބަކްޝީއަކީ ރާޖްގެ ތިމާގެ މީހަަކަށްވާއިރު އެއީ އޭނާގެ ބިޒްނަސް ޕާޓްނަރުކަމަށް ވެސް ވަނީ ބުނެފައެވެ.
ބޭރުގެ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުން 2005ވަނަ އަހަރުގެ މާރޗް 25ވަނަ ދުވަހު އުފެއްދި ކެންރިން ޕްރޮޑަކްޝަނަކީ ވީޑިއޯ ޕްރޮޑަކްޝަން ހަރަކާތްތަކާއި ޓެލެވިޜަން ޕްރޮގްރާމިންގގައި ހަރަކާތްތެރިވާ ކުންފުންޏެކެވެ. އަދި މި ކުންފުނީގެ ޑިރެކްޓަރުކަމުގެ މަގާމަށް 2008 ވަނަ އަހަރުގެ ނޮވެމްބަރު އެއްވަނަ ދުވަހު ބަކްޝީ އައްޔަނުކޮށްފައިވާއިރު، ރިޕޯޓުތައް ބުނާ ގޮތުން 10 މުވައްޒަފުންނާއެކު މަސައްކަތްކުރިއިރު އެ ކުންފުންޏަށް ވަނީ މަދުވެގެން ދެ މިލިއަން ޔޫރޯ ލިބިފައެވެ. ރާޖް އަކީ ކުންފުނީގެ ނުސީދާ ޕާޓްނަރަކަށްވާއިރު އޭނާއަކީ ކުންފުނީގެ އިންވެސްޓަރެއް ކަމަށްވެސް ރިޕޯޓުތައް ވަނީ ބުނެފައެވެ.
މީގެ އިތުރުން ކުންދްރާގެ ޕަރސަނަލް އެސިސްޓަންޓް އުމޭޝް ކަމަތަކީ ބަރަހަނާ ވީޑިއޯތައް އުފެއްދުމުގެ ކޮންޓްރެކްޓާއި ފަންޑު، އެކި އެޖެންޓުންނަށް ދިނުމަށް ހަރަކާތްތެރިވާ މީހާއެވެ. މި ވީޑިއޯތައް އުފެއްދުމަށްފަހު، އެޕްލިކޭޝަނެއް މެދުވެރިކޮށް އިނިގރޭސިވިލާތުގައި ހުންނަ ކެންރިން ޕްރޮޑަކްޝަން ހައުސްއަށް ފޮނުވައެވެ. ވީޑިއޯތައް އެޑިޓްކުރުމަށްފަހު ހޮޓްޝޮޓް ކިޔާ އެޕްލިކޭޝަނަކަށް އަޕްލޯޑް ކުރާ ކަަމަށް ވެސް ވަނީ ރިޕޯޓުކޮށްފައެވެ.
ފުލުހުން ރާޖް ހައްޔަރު ކުރީ މިދިޔަ ފެބްރުއަރީ މަހު ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލައެއްގެ ތަހުގީގުގެ ތެރެއިން ލިބުނު މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށެވެ. މި މައްސަލައިގައި ރާޖް ފިޔަވައި އިތުރު 10 މީހަކު ވެސް މިހާތަނަށް ވަނީ ހައްޔަރު ކޮށްފައެވެ.