ދިވެހި ރުފިޔާ އާއި ބޭރު ފައިސާގެ ދަރަންޏަށް ބީ ޕްލަސް އެއް ފިޗް ރޭޓިންގްސް އިން ދީފި އެވެ.
ފިނޭންސް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ފިނޭންސް މިނިސްޓަރ އަހްމަދު މުނައްވަރު ވިދާޅުވީ، ދުނިޔޭގެ އެންމެ ބޮޑެތި ކްރެޑިޓް ރޭޓިންގެ ތެރޭގައި ހިމެނޭ، ފިޗް ރޭޓިންގްސް އިން ދިވެހި ރުފިޔާ އާއި ބޭރުފައިސާގެ ދަރަންޏަށް ބީ ޕްލަސް ދިނުމަކީ ރާއްޖޭގެ އިގްތިސާތަށް އަންނަމުންދާ ހެޔޮ ބަދަލުތައް ދައްކުވާއިދޭ ކަމެއް ކަމަށެވެ.
ރޭޓިންގް އަށް ފިޗް އިން ދީފައިވަނީ " ސްޓޭބަލް އައުޓްލުކް" އެކެވެ.
މުނައްވަރު ވިދާޅުވީ، ސަރުކާރުން އިގްތިސާދުގެ ދުވެލި ހަލުއިކޮށް ތަރައްގީއަށް ވާސިލުވުމަށް މުހިއްމު ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށާއި އެގޮތުން ބޮޑެތި މެގަ ޕްރޮޖެކްޓްތަކުންވެސް ގައުމުގެ އިގްތިސާދު އިތުރަށް ކުރިއަށްދާނެ ކަމަށެވެ. މިފަދަ ރޭޓިން އެއްގެ ސަބަބުން ގައުމުގެ ތަރައްގީއަށް އަޅަމުންދާ ފިޔަވަޅު ތަކަކީ ރަނގަޅު ފިޔަވަޅު ތަކެއް ކަމަށް ރައްޔިތުންނަށް އެނގިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިދިޔަ އަހަރު ރާއްޖޭގެ ކްރެޑިޓް ނިޒާމަށް ރޭޓްކޮށްފައިވަނީ މޫޑީސް އިންވެސްޓަރސް ސަރވިސްގެ ފަރާތުންނެވެ. ފިޗް އިން ދީފައިވާ ރޭޓީންގް އަކީ އޭރު މޫޑީސް އިން ދީފައިވާ ރޭޓިންގް އަށް ވުރެ އެއް ދަރަޖަ މަތީ ރޭޓެކެވެ. މޫޑީސް އިންވެސްޓަރަސް އިން މިދިޔަ އަހަރު ރާއްޖޭ އަށް ދީފައިވަނީ ބީ ޓޫ އެކެވެ.
މިނިސްޓަރ ވިދާޅުވީ، ފިޗް އިން ފާހަގަކުރާ ގޮތުގައި މިހާރު ކުރިއަށްދާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީ ކުރުމާއި ހުޅުމާލޭ، ޔޫތް ސިޓީއެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ ގޮތުން ކުރެވެމުންދާ މަސައްކަތްތަކުގެ ސަބަބުން ކުރިއަށް އޮތްތަނުގައި ޓޫރިޒަމް ސެކްޓަރއަށް އިތުރު ކުރިއެރުންތަކެއް އަންނާނެ ކަމަށެވެ.
މިކަމުގެ ސަބަބުން ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް ހުރި ފުރުސަތު ތަކާއި ހަރަދު ކުޑަ ކުރުމަށް އަޅަމުންގެންދާ ފިޔަވަޅުތަކުގެ ސަބަބުން ދައުލަތުގެ ފިސްކަލް ބެލެންސް ކުރިއަށް އޮތް އަހަރުތަކުގައި ރަގަޅުވެގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
ދައުލަތުގެ ރަސްމީ ރިޒާވް އިތުރުކުރުމާއި ދައުލަތުގެ ދަރަނި ކުޑަކުރުމަކީ މުސްތަގްބަލުގައި ރާއްޖޭގެ ރޭޓިންގް ރަނގަޅު ކުރެވޭނެ ކަމަށް ފިޗް އިން ބުނެފައިވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
ރާއްޖޭގެ އިގްތިސާދު ފުޅާކޮށް ޑައިވާސިފައި ކުރުމަށް އިންވެސްޓްމެންޓް ތަކަށް ހުޅުވާލެވިފައިވާ މާހައުލެއް ގާއިމް ކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މިނިސްޓަރ މުނައްވަރު ވިދާޅުވި އެވެ.
ދުނިޔޭގެ ބޮޑު ދެ ރޭޓިންގް އޭޖެންސީ އިން ރާއްޖޭގެ ސޮވެރިންގް ކްރެޑިޓް ރޭޓިންގް ހެދިގެން ދިއުމަކީ ދިވެހިރާއްޖޭގެ ބޭންކްތަކާއި މާލީ އިދާރާތަކާއި އަމިއްލަ ވިޔަފާރިތަކަށް ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ފައިނޭންސް ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރ ވަނީ މިސަރުކާރުގެ މާލީ ޕްލޭންތަކުގެ ތެރެއިން ހަރުދަނާ ނިޒާމެއްގެ ތެރެއިން މާލީ މަސައްކަތްތައް ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ. އަދި ދައްކަން ޖެހޭ ބިލްތައް ޕެންޑިންނާއި ނުހުންނާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.