މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ގުޅޭގޮތުން ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން ތިން މައްސަލައެއްގައި ދައުވާ ކުރުމަށް ޕްރޮސެކިއުޓާރ ޖެނަރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނު ކުރުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަންގެ ކޮމްޕްލެއިންސް ބިއުރޯގެ ހެޑް ރިފްއަތު އަބްދުﷲ ވިދާޅުވީ ކައުންސިލްތަކުގެ އިންތިހާބާ ގުޅޭގޮތުން ހުށަހަޅާފައި ވަނީ 116 މައްސަލަ ކަމަށެވެ. އެ މައްސަލަތަކާއި ގުޅިގެން ތިން މައްސަލައެއްގައި ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވަން ނިންމާފައިވާ ކަމަށެވެ. އަދި އިތުރު މައްސަލައެއް ތަހުގީގު ކުރުމަށްޓަކައި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށްވެސް ރިފްއަތު ވިދާޅުވި އެވެ.
ނަމަވެސް އެއީ ކޮންމައްސަލަތަކެއް ކަމާއި އަދި ދައުވާ ކުރަން ނިންމި ތިން މައްސަލާގައި ދައުވާ ކުރަނީ ކިތައް މީހުންގެ މައްޗަށް ކަމެއްވެސް ކޮމިޝަނުން ހާމައެއް ނުކުރެއެވެ. އަދި ދައުވާ ކުރަން ފޮނުވަން ނިންމީ އެ ކޮމިޝަނުގެ އޮފިޝަލެއް ނުވަތަ އެހެން މީހެއްގެ މައްޗަށް ކަމެއްވެސް އިލެކްޝަންސް ކޮމިޝަނުން ހާމައެއް ނުކުރެއެވެ.
އެހެންނަމަވެސް، ތ. މަޑިފުށީގެ ވޯޓް ފޮއްޓަށް ދިމާވި މައްސަލާގައި، އެ ވޯޓް ފޮއްޓަށް ވޯޓުލުމުގެ ހައްގުލިބިފައިވާ މީހަކަށް ވޯޓް ނުލެވި، އެ ވޯޓް ފޮއްޓަށް ވޯޓްލުމުގެ ހައްގު ލިބިފައިނުވާ މީހަކަށް ވޯޓްލެވިފައިވާތީ، އެއީ އިހުމާލެއް ކަމަށް ފެންނާތީއާއި އެ ވޯޓް ފޮށީގެ ނަތީޖާއަށް އަސަރުކުރާނެ ކަމަށް ފެންނާތީ އިންތިހާބުގެ އިތުރު ބުރެއް ބޭއްވުމަށް ކޮމިޝަނަށް ލަފާދީފައިވާނެ ކަމަށްވެސް ރިފްއަތު ވިދާޅުވި އެވެ.