ކ. މާލެ
|
16 ޖުލައި 2021 | ހުކުރު 12:28
މިނިސްޓަރު މައުސޫމް، ސަފީރު ސޯބިރު ފޮނުއްވި ސިޓީއާއެކު
މިނިސްޓަރު މައުސޫމް، ސަފީރު ސޯބިރު ފޮނުއްވި ސިޓީއާއެކު
ޓޫރިޒަމް މިނިސްޓްރީ
ރަންޔޫބީލް ލޯގޯގެ ސްޓޭމްޕާއެކު ފޮނުވި ސިޓީ
ސަފީރު ސޯބިރުގެ ހާއްސަ ސިޓީ މިނިސްޓަރު މައުސޫމަށް ލިބިވަޑައިގެންފި
 
ރާއްޖޭގެ ފަތުރުވެރިކަމަށް ހާއްސަކޮށް ތައްޔާރުކުރި ސްޓޭމްޕާއެކު ބައިނަލްއަގުވާމީ ބޯޑަރު ހުރަސްކޮށް ސިޓީއެއް ރާއްޖެ އައި ފުރަތަމަ ފަހަރު
 
ސްޓޭމްޕް ލޯންޗުކޮށްފައި ވަނީ ޖުލައި ފަސް ވަނަ ދުވަހު
 
ސްޓޭމްޕް ބޭނުންކުރަން ބޭނުންވާ ފަރާތްތަކުން މިނިސްޓްރީގައި ރަޖިސްޓްރީވުމުން އެފުރުސަތު މިނިސްޓްރީން ދަނީ ދެމުން

ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމަށް ރަންޔޫބީލްގެ ލޯގޯ ހިމަނައިގެން ބެލްޖިއަމްގައި ތައާރަފުކުރެވިގެންދިޔަ ސްޓޭމްޕް ޖަހައި ރާއްޖެއިން ޔޫރަޕިއަން ޔޫނިއަން އަދި ބެލްޖިއަމަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަސަން ސޯބިރު، ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމަށް ފޮނުއްވި ސިޓީ މިނިސްޓަރަށް ލިބިވަޑައިގެންފިއެވެ.

ސިޓީ ލިބިވަޑައިގަތުމާ ގުޅިގެން ރާއްޖެއެމްވީއާ ވާހަކަދައްކަވަމުން މިނިސްޓަރު މައުސޫމް ވަނީ މިއީ ބެލްޖިއަމް އިން ރާއްޖޭގެ ފަތުރުވެރިކަމަށް ހާއްސަކޮށް ތައްޔާރުކުރި ސްޓޭމްޕާއެކު ބައިނަލްއަގުވާމީ ބޯޑަރު ހުރަސްކޮށް, ސިޓީއެއް ރާއްޖެ އައި ފުރަތަމަ ފަހަރުކަން ފާހަގަކުރައްވާ މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން އަހަރު ފާހަގަކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން މަސައްކަތެއް ކަމަށް ވިދާޅުވެފައެވެ.

އޭގެ އިތުރުން ސިޓީ ލިބިލެއްވުމުން ވަރަށް އުފާކުރައްވާ ކަމަށް ވިދާޅުވެ މިނިސްޓަރު ވަނީ ސަފީރަށް ޝުކުރު އަދާކުރައްވާފައެވެ.

ޖުލައި ފަސް ވަނަ ދުވަހު ސްޓޭމްޕް ލޯންޗުކޮށްދެއްވައި ސަފީރު ސޯބިރު ވަނީ މިނިސްޓަރު މައުސޫމަށް ބެލްޖިއަމްގެ ޕޯސްޓު މެދުވެރިކޮށް ސިޓީއެއް ފޮނުއްވާފައެވެ. އަދި ސަފީރު ވަނީ ބެލްޖިއަމް ހިމެނޭހެން ބެނެލުކްސްގެ ގައުމުތަކުގައި ރާއްޖެ އާއި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށާއި އަލަށް ތައާރަފުކުރެވިގެން މި ދިޔަ ސްޓޭމްޕަކީ މީގެ ތެރެއިން އެއް މަސައްކަތް ކަމަށް ވިދާޅުވެފައެވެ.

ބެނެލުކްސް މޯލްޑިވްސް ފްރެންޑިޝިޕް އެސޯސިއޭޝަނުން އިސްނަގައިގެން ނެރުނު މި ސްޓޭމްޕްގެ ސަބަބުން އެސަރަހައްދުގެ ގައުމުތަކުގައި ރާއްޖެ އިޝްތިހާރުކުުރުމަށް އިތުރު މަގުތައް ފަހިވެގެންދާނެއެވެ. ބެނަލުކްސްގެ ގައުމުތަކަކީ ބެލްޖިއަމް، ނެދަރލޭންސް އަދި ލަގްޒަމްބަރގް އެވެ. އަދި މިސްޓޭމްޕް ބޭނުންކުރަން ބޭނުންވާ ފަރާތްތަކުން މިނިސްޓްރީގައި ރަޖިސްޓްރީވުމުން ސްޓޭމްޕް ބޭނުންކުރުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން އަންނަނީ ދެމުންނެވެ. ވިޔަފާރީގެ ބޭނުންތަކަށް ސްޓޭމްޕް ބޭނުންކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާފައިވާއިރު، އެކަމަށް އެދި މިނިސްޓްރީގައި ހާއްސަ ހުއްދައަކަށް އެދެންޖެހޭނެއެވެ.

ކޮމެންޓް