ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަން ދެބައިވީތަނުން އެމަނިކުފާނު އެއްކައިރިކޮށް، ސިޔާސީގޮތުން ކުރިމަރާލަން އުޅުނަސް އެކަން ނުވާނެ ކަމަށް ވިލިނގިލީ ދާއިރާގެ މެމްބަރ ސަޢުދުﷲ ޙުސައިން ވިދާޅުވެއްޖެއެވެ.
މެމްބަރު ސަޢުދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޞާލިޙަކީ އާ ގާނޫނު އަސާސީގެ ފަހުން މިހާތަނަށް ރައްޔިތުންގެ އެންމެ ގިނަ ވޯޓާއި އެކު އިންތިޚާބު ކާމިޔާބުކުރެއްވި ހަމައެކަނި ލީޑަރު ކަމަށެވެ. ދައުރު ދެބައި ނުވަނީސް އެމަނިކުފާނު އެކަހެރިކޮށް ސިޔާސީގޮތުން ކުރިމަރާލަން އުޅުނު ކަމުގައިވީނަމަވެސް އެކަން ނުވާނެ ކަމަށް ވެސް ސަޢުދު ވިދާޅުވެފައިވެއެވެ.
ސަޢުދު މިހެން ވިދާޅުވެފައިމިވަނީ، ރައީސް ޞާލިހާއެކު ސިޔާސީ މަސައްކަތް ނުކުރެވޭނެ ކަމަށް ވިދާޅުވެ، ރައީސް ޔާމީނާއެކު މަސައްކަތްކުރައްވާނެ ކަމުގެ ވާހަކަތައް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ދައްކަވާފައިވަނިކޮށެވެ. ރައީސް ޞާލިޙަށް އެމްޑީޕީގެ ފަރާތުން ރިޔާސީ އިންތިޚާބަށް ޓިކެޓު ދީފައިވަނީ ރައީސް ނަޝީދަށް އިންތިޚާބުގައި ވާދަ ނުކުރެވޭތީ އެމަނިކުފާނުގެ ވެސް ރުހުމުގެ މަތިންނެވެ.
ރައީސް ނަޝީދު ބަރުލަމާނީ ނިޒާމެއް ބޭނުންވާ ކަމުގެ ވާހަކަތައް ދައްކަވާތާ ދުވަސްކޮޅެއް ވެފައިވާއިރު، ރައީސް ޔާމީނާ ގުޅިވަޑައިގަންނަވާނެ ކަމުގެ ވާހަކަވެސް ދާދި ފަހުން ދައްކަވާފައިވެއެވެ. އެންމެ ފަހުން ރައީސް ނަޝީދުގެ މެސެޖުތަކެއް ފެންމަތިވެފައިވާއިރު، އޭގައި އެމަނިކުފާނު ވަނީ ރައީސް ޞާލިޙު އޮންނަ ގާތްކަމެއް އޮތަސްވެސް، އެކުގައި ސިޔާސީ މަސައްކަތް ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.
އަދި ރައީސް ޞާލިޙާ ޒާތީ އެއްވެސް މައްސަލައެއް ނެތް ކަމަށް ވިދާޅުވެ، ވިދާޅުވެފައި ވަނީ ރައީސް އެއީ އެމަނިކުފާނުގެ ބޭފުޅުންގެ "އިބޫ ދޮންބެ" ކަމަށެވެ. ނަމަވެސް ފިކުރީ ގޮތުން ރައީސް ޞާލިޙާއި އެމަނިކުފާނުގެ ވިސްނުންފުޅު ތަފާތުކަން ފާހަގަ ކުރައްވައި ރައީސް ނަޝީދު ވަނީ "ރައީސުލްޖުމްހޫރިއްޔާއާ އެކުގައި ސިޔާސީ ގޮތުން ހުރެވޭކަށް ނެތް" ކަމަށް ވިދާޅުވެފައެވެ. ސަބަބެއްގެ ގޮތުގައި ރައީސް ނަޝީދު ވިދާޅުވަނީ ހަރުކަށި ފިކުރާ ދެކޮޅަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކެވެ.