ތ. މަޑިފުށީ ކައުންސިލް އިންތިހާބް އަލުން ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ މަޑިފުށީ ކައުންސިލް އިންތިހާބް އަލުން ބާއްވަން ނިންމީ މަޑިފުއްޓަށް ނިސްބަތް ނުވާ މީހަކު އެ ދާއިރާ އަށް ވޯޓް ދެވިފައިވާތީ ކަމަށެވެ.
އަކަރަމް ވިދާޅުވީ މަޑިފުށީ ނޫން މީހަކަށް މަޑިފުށީ ދާއިރާ އަށް ވޯޓް ލެވުނީ ނުބައި ކަރުދާސް ކޮޅެއް ދެވިގެން ކަމަށެވެ. ނަމަވެސް އެއީ ކޮންމެ ދާއިރާއަކަށް ވޯޓްލާން ޖެހޭ މީހެއް ކަމެއް އަކްރަމް ވިދާޅެއް ނުވެއެވެ.
އިންތިހާބު އަލުން ބާއްވަން ނިންމި ގޮތާ ބެހޭ ގޮތުން ސުވާލު ކުރުމުން އަކްރަމް ވިދާޅުވީ މަޑިފުށީ އިންތިހާބު އަލުން ބާއްވަން ނިންމީ 2014 ވަނަ އަހަރު ބޭއްވި ކައުންސިލް އިންތިހާބުގައި މިކަހަލަ ކަމެއް ހިނގާފައި ވާތީ އެކަމާ ގުޅިގެން ސްޕްރީމް ކޯޓުން ކޮށްފައިވާ ހުކުމެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. ހަމައެހެންމެ މަޑިފުށީ ކައުންސިލް އިންތިހާބް އަލުން ބާއްވަން ނިންމީ އިލެކްޝަންސް ކޮމިޝަންގެ ކޮމްޕެލެއިންސް ބިޔުރޯ އަށް ލިބުނު މައްސަލަތައް ބެލުމަށް ފަހުގައި ކަމަށް އަކްރަމް ވިދާޅުވިއެވެ.
އަކްރަމް ވިދާޅުވީ އިންތިހާބް ބައްވާނީ ހަތަރު ކެންޑިޑޭޓެއްގެ މެދުގައި ކަމަށެވެ. އެގޮތަށް ނިންމީ ތިން ކެންޑިޑޭޓުން ހޮވަންޖެހޭ އިރު އެންމެ ވޯޓަކުން ވެސް އެ ހަތަރު ކެންޑިޑޭޓުންގެ ނަތީޖާ އަށް ބަދަލު އައުމުގެ ފުރުސަތު އޮތުމުން ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.
މަޑިފުށީ ކައުންސިލް އިންތިހާބުގައި ހަތް ކެންޑިޑޭޓުން ވާދަ ކޮށްފައިވާއިރު އިންތިޚާބުގެ ދާއިމީ ނަތީޖާ ދައްކާ ގޮތުން އެއް ވަނައިގައިވާ ޕީޕީއެމްގެ އައްބާސް އަހްމަދާއި އަލީ ހަސަން އަށް 389 ވޯޓު ލިބިފައި ވެއެވެ. އަދި ދެ ވަނަ އަށް ދިޔަ އެމްޑީޕީގެ ހަސަން އަބްދުﷲ 388 ވޯޓު އަދި ތިން ވަނަ އަށް ދިޔަ ޕީޕީއެމްގެ އިސްމާއީލް ހިލްމީ އަށް ލިބިފައި ވަނީ 387 ވޯޓެވެ. އެހެން އެންމެ ވޯޓަކުން ވެސް މި ހަތަރު ނަތީޖާ އަށް ވެސް ބަދަލު އައުމުގެ ފުރުސަތު އެބަ އޮތެވެ.
އިންތިޚާބު ބާއްވާނެ ދުވަހެއް އިލެކްޝަންސް ކޮމިޝަނުން މިހާތަނަށަ އިއުަލާނުކޮށްފައެއް ނުވެއެވެ.