ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒުގެ މައްޗަށް އުފުލާފައިވާ ގާނޫނު ތަންފީޒްކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ކުށުގެ ދައުވާގެ ޝަރީޢަތުގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި މިއަދަށް ތާވަލް ކޮށްފިއެވެ.
ރިޔާޒްގެ މައްސަލަ ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފައި ވަނީ މިއަދު މެންދުރު ފަހު 3:00 އަށެވެ.
އެންމެ ފަހުން ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައި ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ރިޔާޒުގެ ފޯނުގެ ފޮރެންސިކް ރިޕޯޓާ މެދު ބޮޑެތި ސުވާލުތަކެއް އުފެދިގެން ދިޔައެވެ.
ފުލުހުންގެ ފޮރެންސިކް ރިޕޯޓާ މެދު ސުވާލު އުފެދުނީ، ކޯޓް އަމުރެއްގެ ދަށުން ރިޔާޒުގެ އަތުން އަތުލި ފޯނާއި ފޮރެންސިކް ރިޕޯޓުގައި ބުނެފައިވާ ފޯނުގެ މޮޑެލް ދިމާނުވުމުންނެވެ. ކޯޓް އަމުރެއްގެ ދަށުން ރިޔާޒުގެ އަތުން ފުލުހުން އަތުލީ އައިފޯން 6 ޕްލަސްއެކެވެ. ނަމަވެސް ފުލުހުންގެ ފޮރެންސިކް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ރިޔާޒުގެ އަތުން އަތުލީ އައިފޯން 6 އެސް މޮޑެލްގެ ފޯނެކެވެ.
ރިޔާޒުގެ ޝަރީއަތުގައި ބުރާސްފަތި ދުވަހު ބޭއްވި އަޑުއެހުމުގައި ގާނޫނީ ވަކީލުން ވަނީ އެ ނުކުތާ ފާހަގަކުރައްވާފައެވެ. ރިޔާޒުގެ ވަކީލު ހިސާން ހުސެއިން ވިދާޅުވީ އެ ފޮރެންސިކް ރިޕޯޓުގައި ފުށުއެރުންތަކެއް ހުރިއިރު އެ ރިޕޯޓް ޝަރީއަތަށް ބަލައިގަނެގެން ނުވާނެ ކަމަށެވެ.
ރިޔާޒުގެ މައްޗަށް ހިންގާ ޝަރީއަތުގައި ބުރާސްފަތި ދުވަހު އަޑުއެހުމެއް ބޭއްވީ ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކިތަކާއި ދައުވާއިން ދިފާއުވުމަށް ރިޔާޒުގެ ފަރާތުން ހުށަހެޅި ކިތާބީ ހެކިތަކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށެވެ.
ރިޔާޒުގެ ފޯނު ބެލުމުގެ ދަށަށް ގެންދިއުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ގުޅޭ ގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ ކޯޓުގެ އަމުރުގައި ބުނެފައި އޮތީ ރިޔާޒުގެ ފޯނުން ކޮށްފައިވާ އެންމެހާ މުއާމަލާތްތައް ބެލުމަށާއި ފުލުހުން ބޭނުންވާ އެންމެހާ މައުލޫމާތަކާއި ތަކެތި ދިނުމަށް ކަމަށެވެ. އެހެންކަމުން އަމުރުގައި ބުނެފައިވާ "އެންމެހާ މައުލޫމާތުގެ" ތެރޭގައި ފޯނުގެ ލޮކްކޯޑް ވެސް ހިމެނޭ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ. ވަކީލު ވިދާޅުވީ ފޯނުގެ ލޮކް ކޯޑް ނުޖަހައި ފޯނުގައި ހުރި މައުލޫމާތު ނުނެގޭނެ ކަމަށާއި އަމުރުގެ ދަށުން އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ލޮކްކޯޑް ދީ ފޯނު ހުޅުވުން ކަމަށެވެ.
ރިޔާޒުގެ ވަކީލު ވިދާޅުވީ "އެންމެހާ މައުލޫމާތުގެ" ތެރޭގައި ފޯނުގެ ލޮކްކޯޑް ނުހިމެނޭ ކަމަށާއި ލޮކްކޯޑް ދޭންޖެހޭ ނަމަ އަމުރުގައި ސާފުކޮށް އެ އިބާރާތް އޮންނާނެ ކަމަށެވެ. އަދި ކުރިން ނެރެފައިވާ ބައެއް އަމުރުތަކުގައި އެގޮތަށް ބަޔާންކޮށްފައިވާ ކަމަށާއި، ފޯނަކީ ޒާތީ މައުލޫމާތު ހިމެނޭ އެއްޗަކަށްވާއިރު ޒާތީ ދިރިއުޅުމަކީ ގާނޫނު އަސާސީގެ ދަށުން ރައްކާތެރިކުރެވިފައިވާ އެއްޗެއް ކަމަށްރިޔާޒުގެ ފަރާތުން ފާހަގަކުރާ ނުކުތާ ތަކުރާރު ކުރެއްވި އެވެ.
ބުރާސްފަތި ދުވަހުގެއަޑުއެހުމުގައި ގާނޫނީ ވަކީލު ނޫރުއްސަލާމް އަބޫބަކުރު ވަނީ އިތުރު ފުރުސަތުގެ އުސޫލުގެ ދަށުން، އިތުރު ފުރުސަތެއްދީ ދައުވާ އަނބުރާ ގެންގޮސްދިނުމަށް އެދި ބުރާސްފަތި ދުވަހު ފޯމް ހުށަހަޅަން މަސައްކަތް ކުރި ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، އެއިރު އެކަމަށް އެދޭ ގަޑި ޖެހިފައިވާ ކަމަށާއި އެހެންކަމުން ވީ އެންމެ އަވަހަކަށް އެ ފޯމް ހުށަހަޅާނެ ކަމަށް ނޫރުއްސަލާމް ވިދާޅުވި އެވެ.
އިތުރު ފުރުސަތު ދިނުމާ ގުޅޭ ގޮތުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ގޮތެއް ކަނޑައަޅަން ދެން އަޑުއެހުންތައް މެދުކަނޑާލަދިނުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.
ނަމަވެސް މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ އިތުރު ފުރުސަތަކަށް އެދުނު ނަމަވެސް ޝަރީއަތްތައް މެދުކަނޑާލުމަށް ޝަރީއަތުން ނުނިންމާނެ ކަމަށާއި، އިތުރު ފުރުސަތު ދީފި ހާލާތެއްގައި ދައުލަތުން އެކަން ކޯޓުގައި ފާހަގަކުރާނެ ކަމަށެވެ.
މި މައްސަލައިގައި ދެން އަޑުއެހުމެއް އޮންނާނީ މިމަހުގެ 16 ވަނަ ދުވަހު އެވެ. އެ އަޑުއެހުމުގައި އޮންނާނީ ޚުލާސާ ބަޔާން ހުށަހެޅުމެވެ. އެ އަޑުއެހުމަށްފަހު އިތުރު ކަމެއް ސާފުކުރަން ނެތް ނަމަ މައްސަލައިގެ ހުކުމް އިއްވާނެ ކަމަށް ބެލެވެ އެވެ.
ކިނބިދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ރިޔާޒުގެ މައްޗަށް ކޮށްފައިވާ ދައުވާގައި ބުނެފައިވަނީ ރިޔާޒްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން މާޗް މަހުގެ 27 ވަނަ ދުވަހުގެ ރޭ 9:39 ހާއިރު ކޯޓް އަމުރެއްގެ ދަށުން ރިޔާޒްގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ފޯނުގައި ހުރި މައުލޫމާތުތައް ބެލުމަށް ފޯނުގެ ލޮކް ކޯޑް ދިނުމަށް އެދުމުން ލޮކް ކޯޑް ދިނުމަށް އިންކާރުކޮށް ފުލުހުންގެ ވާޖިބަށް ހުރަސް އަޅާފައިވާތީ، ގާނޫނު ތަންފީޒްކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާ އުފުލާ ކަމަށެވެ.