ކޮވިޑާއި ގުޅިގެން އައްޑޫސިޓީގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއިދީފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ލުއި ދީފައިވަނީ އައްޑޫސިޓީގެ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގައެވެ.
އެގޮތުން ހިތަދޫ އަވަށުގައި ޖުލައި 10 ވަނަ ދުވަހުން ފެށިގެން މިސްކިތްތަކުގައި ގައިދުރުކަމާއެކު ޖަމާއަތް ހަދައިގެން ނަމާދު ކުރުމުގެ ހުއްދަ ވަނީ ދީފައެވެ. ހޮޓާތަކާއި ކެފޭތަކާއި ރެސްޓޯރެންޓުތަކާއި ކާބޯތަކެތީގެ ޚިދުމަތްދޭ އެހެނިހެން ތަންތަނުން އެޗްޕީއޭ އިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ހެނދުނު 08:00ން އިރުއޮއްސި 18:00ށް ޑައިންއިން ގެ ޚިދުމަތް ދިނުމަށް ހުއްދަ ދީފައިވާއިރު އެފަދަ ތަންތަނުން ރޭގަނޑު 10:00އާ ހަމައަށް ޑެލިވަރީގެ ހިދުމަތް ދެވޭނެއެވެ.
މީގެ އިތުރުން އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް 15:00ން 18:00 ގެ ނިޔަލަށް ކުޅިވަރު ކުޅޭ ތަންތަނުގައި ތިބެ ކުޅިވަރުގެ ހަރަކާތްތައް ހިންގުމަށް ވެސް ވަނީ ހުއްދަ ދީފައެވެ. ނަމަވެސް ކުޅިވަރު މުބާރާތްތައް ބޭއްވުން ވަނީ މަނާކޮށްފައެވެ. އަދި ހެނދުނު 08:00ން އިރުއޮއްސި 18:00ށް ސެލޫންތަކާއި ޖިމްތަކާއި ބޯކޮށާ ތަންތަން ހުޅުވުމުގެ ހުއްދަވެސް ވަނީ ދީފައެވެ.
އައްޑޫގައި ލުއިތައް ދީފައިވާއިރު އެ ސިޓީން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ ޖުމްލަ 501 މީހުންނެވެ. އޭގެތެރެއިން 447 މީހުން ބަލިން ފަސޭހަވެފައިވާއިރު 52 މީހަކު އަދި ބަލިން ފަސޭހަނުވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ހިތަދޫން 46 މީހަކާއި މަރަދޫން 06 މީހުންނެވެ. ހޮސްޕިޓަލުގައި 03 މީހަކަށް ފަރުވާދެމުންދާއިރު 02 މީހަކު ވަނީ ކޮވިޑު ޖެހިގެން ނިޔާވެފައެވެ. މިހާތަނަށް އައްޑޫސިޓީން 11487 ސާމްޕަލް ވަނީ ނަގާފައެވެ.