ކ. މާލެ
|
10 ޖުލައި 2021 | ހޮނިހިރު 07:37
މެދުހެންވޭރު ދާއިރާގެ މެމްބަރ އަލީ އާޒިމް
މެދުހެންވޭރު ދާއިރާގެ މެމްބަރ އަލީ އާޒިމް
މަޖިލިސް
މައުލޫމާތު ދިނުމުގައި ފަސްޖެހުން
ހަރުކަށި ފިކުރާ ގުޅޭގޮތުން ގައުމީ ދިފާއީ ބާރުން މީގެކުރިން 241 ކޮމިޓީގައި ސާފު މައުލޫމާތު ދީފައެއްނުވޭ: އާޒިމް
 
ގާނޫނު އަސާސީން ލާޒިމްކުރާ ކަމެއްގެ މައުލޫމާތު ނުދީ އެކުރިކަމަކީ ސެކިޔުރިޓީ ސަރވިސްގެ ތެރޭގައި ހަރުކަށި ފިކުރު އޮތް ކަމަށް ދެކި އެމައުލޫމާތު ފޮރުވުން ކަމަށް ވިދާޅުވި
 
241 ކޮމިޓީގައި އެމްއެންޑީއެފްގެ ބޭފުޅުން ވިދާޅުވެފައިވަނީ ހަރުކަށި ފިކުރުގެ ކަންކަން ހިނގާކަން ކޮންމެވެސް ވަރަކަށް މީހުންގެ ތުންތުން މަތިން އެނގޭކަން ކަމަށް އާޒިމް ވިދާޅުވި

މޯލްޑިވްސް ޑިފެންސް ފޯރސް (އެމްއެންޑީއެފް)ގެ ބޭފުޅުން މީގެކުރިން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީ ނުވަތަ 241 ކޮމިޓީގައި ހަރުކަށި ފިކުރާ ގުޅޭގޮތުން ސާފު މައުލޫމާތު ދިނުމަށް ބޭނުންފުޅުނުވާތީ އެމައުލޫމާތުތައް ދީފައިނުވާކަމަށް މެދުހެންވޭރު ދާއިރާގެ މެމްބަރ އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ހަމަލާގައި އެމަނިކުފާނުގެ ސެކިޔުރިޓީ ފެއިލްވި ގޮތުގެ އިންކުއަރީ 241 ކޮމިޓީން ކުރިޔަށް ގެންގޮސްފައިވާއިރު އިންކުއަރީ ރިޕޯޓަށް ބަހުސްކުރައްވަމުން އާޒިމް ވިދާޅުވީ ހަނދާނަށް އަންނަނީ މީގެކުރިން ހިނގާފައިވާ ކަމެއްކަމަށެވެ. 18 ވަނަ ރައްޔިތުންގެ މަޖިލީހުގައިވެސް މެމްބަރުކަން ކުރައްވާފައިވާ އާޒިމް ވިދާޅުވީ އެއީ ފަހަރުގައި 18 ވަނަ މަޖިލީހުގައި ނުވަތަ 19 ވަނަ މަޖިލީހުގައި ހިނގައިދިޔަ ކަމަކަށް ވެދާނެކަމަށެވެ.

ވަކި ތާރީޚެއް ވިދާޅުނުވެ ވިދާޅުވީ އެދުވަހު 241 ކޮމިޓީގައި އެމްއެންޑީއެފްގެ ބޭފުޅުން ވިދާޅުވެފައިވަނީ ހަރުކަށި ފިކުރުގެ ކަންކަން ހިނގާކަން ކޮންމެސްވަރަކަށް މީހުންގެ ތުންތުން މަތިން އެނގޭކަމަށެވެ. ރަށްރަށުގައި ޓްރެއިނިން ދޭކަންވެސް އެނގޭކަމަށް އެމްއެންޑީއެފްގެ ބޭފުޅުން ވިދާޅުވިކަމަށް އާޒިމް ވިދާޅުވިއެވެ.

އެހެންނަމަވެސް ރަސްމީކޮށް ތިމަންނަމެންނަށް އެނގިފައެއް ނުވެއޭ. އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވާ ނުކުތާއަކީ، ހަގީގަތުގައި އެ ދުވަހު ޑިފެންސް ފޯސްގެ ފަރާތްތައް 241 ކޮމިޓީއަށް ވަޑައިގެން ހަގީގަތުގައި ބޭނުންނުވީ ރަނގަޅު ސާފު މައުލޫމާތުވެސް ދޭން. އަޅުގަނޑު އެދުވަހު އެތާ އިނދެ ލަދުގަތް، ކަންބޮޑުވި ހަގީގަތުގައި އެވަޑައިގެންނެވި ބޭފުޅުން އަޅުގަނޑުމެންނާ ދޭތެރޭގައި އިތުބާރު ނެތީމަ. އެބޭފުޅުންނަށް އަޅުގަނޑުމެންނަށް ކަމެއް ބުނެދީގެން ކަން ހިނގާގޮތުގެ ހަގީގަތް ބުނެދީގެން އެކަންކަން ހުއްޓިދާނެކަން އެފަރާތްތަކަށް ނޭނގެނީ. އެހެންނަމަވެސް އަޅުގަނޑުމެން ގާނޫނު ހަދަނީ
އަލީ އާޒިމް/ މެދުހެންވޭރު ދާއިރާ

އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރުކަންވެސް ކުރައްވާ އާޒިމް ވިދާޅުވީ ރާއްޖޭގެ ކަންކަން ރަނގަޅު މިސްރާބަކަށް ގެންދިޔުމަށް މަސައްކަތް ކުރަމުން އަންނަނީ ރައްޔިތުންގެ މަޖިލީހުން ކަމަށެވެ. އެހެންކަމުން ގާނޫނުއަސާސީން ލާޒިމްކުރާ ކަމެއްގެ މައުލޫމާތު ނުދީ އެފަރާތްތަކުން އެކުރި ކަމަކީ ސެކިޔުރިޓީ ސަރވިސްގެ ތެރޭގައި ހަރުކަށި ފިކުރު އޮތް ކަމަށް ދެކި އެމައުލޫމާތު ފޮރުވުން ކަމަށް އާޒިމް ވިދާޅުވިއެވެ.

އެ މައުލޫމާތުތަކަކީ، އެކަންތައްތަކަކީ މިތަންތަނުގެ ތެރޭގައި ނުވާ ކަމެއް ކަމުގައި ދެކިގެން އޮޅުވާލުމަށް ކުރި މަސައްކަތް. އަޅުގަނޑު މިއަދު ކަންބޮޑުވޭ. އަދިވެސް މިއަދުވެސް ކުރަންވީ ކަމަކީ މިސަރވިސްގައި މަސައްކަތްކުރާ ފަރާތްތައް ކުރަންވީ ކަމަކީ ނިކުމެ ހަގީގަތް ހާމަކުރުން. އެތަނުގެ ތެރޭގައި ހަރުކަށި ފިކުރުގެ ފަރާތްތައް މަސައްކަތް ކުރަމުންދާކަން ގަބޫލުކުރަންވީ. ތަނެއްގެ ތެރޭގައި ގޯސްކޮށް ކަމެއް ކުރަމުންދާކަމަށް އެފަރާތްތަކަށް ގަބޫލުނުކުރެވޭ ކަމަށްވަނީނަމަ، ދެން އެކަމެއް ރަނގަޅުކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ
އަލީ އާޒިމް/ މެދުހެންވޭރު ދާއިރާ

އާޒިމް ވިދާޅުވީ ހަރުކަށި ފިކުރާއި ހަރުކަށި ދައުލަތުގެ ވާހަކަ ރައީސް ނަޝީދު ގެންދެވީ ދައްކަމުން ކަމަށެވެ. އެކަން ހުއްޓުވުމަށް މަސައްކަތްކުރަން ޖެހޭއިރު ސެކިޔުރިޓީ ސަރވިސްގެ ތެރޭގައި ތިއްބަވާ ބޭފުޅުން އެތެރޭގައި މައްސަލައެއް އުޅޭކަމަށް ގަބޫލުނުކުރައްވާކަން އިންކުއަރީ ރިޕޯޓް ކިޔާލުމުން އެނގޭކަމަށް އާޒިމް ވިދާޅުވިއެވެ.

ފުލުހުންނާއި އެމްއެންޑީއެފްގެ ތެރޭގައި ތިބި ހުރިހާ ފަރާތްތަކަކީ ގޯސް ފަރާތްތަކެއް ނޫންކަމަށް ވިދާޅުވެ އާޒިމް ވިދާޅުވީ އެހެންނަމަވެސް އެތެރޭގައި ތިބި މިފަދަ ފަރާތްތައް ނައްތާލާ މިކަމަށް ހައްލު ހޯދުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

އަދި މިފަދަ ކަންކަން ނުހެއްޓޭނަމަ ރާއްޖޭގައި މިފަދަ ނުރައްކާތެރި އިތުރު ހާދިސާތައް ހިނގާނެކަމަށް އާޒިމް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް