އެމްޑީޕީހައި އޮތް ސުޕަރ މެޖޯރިޓީއަކީ ގަޓުހުރި ކުޅަދާނަ ސުޕަރ މެޖޯރިޓީއެއް ކަމަށް ވިލިގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ.
އެމްޑީޕީގައި އޮތީ ފިނޑި ސުޕަރ މެޖޯރިޓީއެއް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިން ނަސީމް ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވައި، އިންކުއަރީ ރިޕޯޓު ބަހުސްގައި ވާހަކަދައްކަވަމުން ސައުދު ވިދާޅުވީ، އެމްޑީޕީގެ ސުޕަރ މެޖޯރިޓީއަކީ ގަޓު ހުރި ކުޅަދާނަ ވަރުހުރި ސުޕަރ މެޖޯރިޓީއެއް ކަމަށެވެ. މި މެޖޯރިޓީން ކުރަން ބޭނުންވާ ކަމެއް ކުރާނެ ކަމަށާއި، ކުރަން ނުޖެހޭ ކަމެއް ވެއްޖެއްޔާ މި މެޖޯރިޓީ ތެރެއިން ނުކުރާނެ ކަމަށް ސައުދު ވިދާޅުވިއެވެ. 19 ވަނަ ރައްޔިތުންގެ މަޖިލިސް ތަފާތު ވާނެކަމަށް އެމްޑީޕީން ބުނި ބަސް މިއަދު ތެދުކަން ހާމަވެއްޖެ ކަމަށެވެ.
އިންކުއަރީ ތެރޭގައި އިދިކޮޅު ކޯލިޝަނުގެ ދެ މެމްބަރަކު ގައުމީ ކަމެއްގެ ގޮތުގައި ދެކިގެން މަސައްކަތުގައި ބައިވެރިވިކަން ސައުދު ފާހަގަކުރެއްވިއެވެ.
މިފަދަ ޓެރަރިސްޓް ހަމަލާތަކަކީ، އަލަށް ދިން ހަމަލާއެއް ނޫންކަން ފާހަގަކުރައްވަމުން ސައުދު ވިދާޅުވީ، ރައީސް ޔާމީން އަވަހާރަ ކޮށްލުމަށް ރިޔާސީ ލޯންޗްކޮޅަށް ދިން ހަމަލައާ ގުޅިގެން އޭރު އޮތް މެޖޯރިޓީއަށް މިފަދަ އިންކުއަރީއެއް ހިންގާނުލެވުމުން ހިތާމަ ކުރައްވާ ކަަމަށެވެ. މިކަމުންވެސް ހާމަވެގެންދަނީ އެމްޑީޕީގެ ސުޕަރ މެޖޯރިޓީއަކީ ގަދަ މެޖޯރިޓީއެއްކަން ކަމުގައި ސައުދު ވިދާޅުވިއެވެ. އޭރު އިންކުއަރީއެއް ނުހެދުމުގެ ނަތީޖާއަކީ ދެވަނަ ޓެރަރިސްޓް ހަމަލާއެއް ދައުލަތުގެ އެއްބާރުގެ ވެރިޔާއަށް އަމާޒުވުން ކަމުގައެވެ.
އިންކުއަރީން ދައުލަތުގައި ހުރި ބޮޑެތި ކަންކަން ހާމަވެގެން ދިޔަކަން ސައުދު ފާހަގަކުރެއްވިއެވެ. އެގޮތުން އެކި މުއައްސަސާތަކުގައި ހުރި މައްސަލަތައް ހާމަވެގެން ގޮސްފައިވާކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް މިއީ، ރައީސް ސާލިހު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން ދިމާވި މައްސަލަތަކެއް ނޫން ކަމުގައި ވިދާޅުވިއެވެ. ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހިނގަމުން އަންނަ ޓެރަރިޒަމްގެ ނުރައްކާ ރާއްޖެއަށް މިހާރު ފޯރާފައިވާއިރު މިކަމުން ސަލާމަތްވުމަށް އެކަށީގެންވާ މަސައްކަތް ކުރެވިފައިނުވާކަމުގައި ވެސް ސައުދު ވިދާޅުވިއެވެ.