ކ. މާލެ
|
9 ޖުލައި 2021 | ހުކުރު 04:42
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލިސް
241 ކޮމިޓީން ކުރިޔަށްގެންދިޔަ އިންކުއަރީ
ތާރީޚީ ޕާލަމަންޓްރީ އިންކުއަރީ ރިޕޯޓް މަޖިލީހުން ފާސްކޮށްފި
 
ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައި ފެށުނު ޖަލްސާ ނިމިފައިވަނީ ފަތިހު 3:55 ހާއިރު
 
ރިޕޯޓަށް ބަހުސްކުރެއްވުމަށް އެދިވަޑައިގެންނެވި ހުރިހާ މެމްބަރުންނަށް ވަނީ ފުރުސަތު ދެއްވާފައި
 
ރިޕޯޓް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެމްބަރުންގެ އިއްތިފާގުން

މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ސެކިޔުރިޓީ ފެއިލްވިގޮތުގެ އިންކުއަރީ ކުރިޔަށްގެންދިޔަ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމީޓިގެ ރިޕޯޓް މަޖިލީހުން ފާސްކޮށްފިއެވެ.

ރިޕޯޓް ފާސްކޮށްފައިވަނީ ރިޕޯޓް ފާސްކުރުމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެމްބަރުންގެ އިއްތިފާގުންނެވެ. ބުރާސްފަތި ދުވަހުގެ ރޭ ކުރިޔަށްދިޔަ މިދައުރުގެ ފަހު ޖަލްސާގައި މިރިޕޯޓް ހުށަހަޅުއްވާ ރިޕޯޓަށް މެމްބަރުން ވަނީ ބަހުސްކުރައްވާފައެވެ. އެގޮތުން ރިޕޯޓަށް ބަހުސްކުރެއްވުމަށް އެދިވަޑައިގެންނެވި ހުރިހާ މެމްބަރުންނަށް ވަނީ ފުރުސަތު ދެއްވާފައެވެ. ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައި ފެށުނު ޖަލްސާ ނިމިފައިވަނީ ފަތިހު 3:55 ހާއިރުއެވެ.

ރިޕޯޓަށް ބަހުސްކުރެއްވި މެމްބަރުންވަނީ ރިޕޯޓްގައި ފާހަގަކޮށްފައިވާ ރިކޮމެންޑޭޝަންތަކަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އަމަލުކުރުމަށް ގޮވާލައްވާފައެވެ. އަދި އެކަންކަން ސަރުކާރުން ކުރަމުންދޭތޯ މަޖިލީހުން ގާތުން ބަލަމުން ގެންދިޔުމަށްވެސް ވިދާޅުވެފައިވެއެވެ. މީގެއިތުރުން މިއިންކުއަރީން ހަމަލާއަށް ފަންޑުކުރި މީހުންނާއި ހަމަލާދިން މޯޓިވް ސާފުނުވާތީ އެކަމުގެ ކަންބޮޑުވުންވެސް މެމްބަރުން ފާޅުކުރެއްވިއެވެ. ނަމަވެސް ގާތްގަނޑަކަށް ދެ މަސް ދުވަހުގެ ތެރޭގައި 241 ކޮމިޓީން ފުރިހަމަ އިންކުއަރީއެއް ކުރިޔަށް ގެންގޮސްފައިވާކަން މެމްބަރުން ފާހަގަކުރެއްވިއެވެ.

މިރިޕޯޓްގައި 242 ސޮފްހާ ހިމެނޭއިރު ފާހަގަކުރެވުނު 205 ކަމެއް ވަނީ ހިމަނާފައެވެ. މިއީ ގައުމީ ސަލާމަތާ ގުޅުންހުރި މައުލޫމާތު ހިމެނޭ ރިޕޯޓަކަށް ވާތީ މި ރިޕޯޓްގެ ބައެއް މައުލޫމާތުތަކީ ސިއްރުކޮށްފައިވާ މައުލޫމާތުތަކެވެ. އެހެންނަމަވެސް އިންކުއަރީ ރިޕޯޓްގެ ފުރިހަމަ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާއާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އުއްތަމަ ފަނޑިޔާރަށް އަރުވާނެކަމަށް އަސްލަމް ވިދާޅުވިއެވެ. މިހާރު ހިނގަމުންދާ ތަހުގީގާ ގުޅޭ މައުލޫމާތާއި ސީދާ ބައެއް ފަރާތްތަކުގެ ނަންތައް ހިމެނޭތީ އާންމުކުރާ ރިޕޯޓްގައި އެތަންތަން ހުންނާނީ އުނިކުރެވިފައެވެ. ނަމަވެސް އެމައުލޫމާތުތައް އުނިކުރެވޭ ސަބަބު ބަޔާންކޮށްފައިވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ކޮމިޓީ ރިޕޯޓް ޖުމްލަ 45 ރިކޮމެންޑާޝަނެއް ހިމެނެއެވެ. މީގެތެރޭގައި ސިފައިން ހަތިޔާރާއެކު ރައީސް ނަޝީދުގެ ގެކޮޅު މޮނިޓަރ ކުރުން ހިމެނެއެވެެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، ރައީސް ނަޝީދަށް ތްރެޓް އޮތްހާ ދުވަހަކު އެމަނިކުފާނަށް ޑިފެންސް އިންޓެލިޖެންސް ސާރވިސް އިން ކަނޑައަޅާ ގޮތެއްގެ މަތިން ތްރެޓް ލެވެލާ އެއްވަރުގެ ސެކިއުރިޓީ ދިނުމާއި، އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅުގައި ހުރިހާ ވަގުތެއްގައި ސިފައިން ހަތިޔާރައެކު ފޯރި މެރުން ހިމެނެއެވެ.

އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ކެމެރާއިން މޮނިޓަރ ކުރުމާއި އިވެކުއޭޝަން ޕްރޮސީޖަރ ކަނޑައަޅައި ކްލޯޒް ޕްރޮޓެކްޝަން ޓީމް އެގޮތަށް ތަމްރީނު ކުރުމާއި، ފުލުހުންގެ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ހާލަތުގައި އެހީތެރިަކން ހޯދުމާއި، އެމަނިކުފާނު ބޭނުން ކުރައްވާ ކާރުކޮޅަކީ ސްޓޭންޑަރޑް ކާރުކޮޅެއްކަން ކަށަވަރުކުރުމާއި، ކްލޯޒް ޕްރޮޓެކްޝަން ޓީމްގައި އީއޯޑީ ތަމްރީނު ފުރިހަމަ ކޮށްފައިވާ މީހުން ހިމެނުމާއި، ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމާއި، އަހަރަކު އެއް ފަހަރު ރިފްރެޝް ކުރުމުގެ ޕްރޮގްރާމް ހިންގުމަށްވަނީ ހިމަނާފައެވެ.

ގައުމީ ސަލާމަތާ ބެހޭ ކަންކަމުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އަދި ފުލުހުންގެ ޚިދުމަތާއެކު މަޝްވަރާ ކޮށް ކަންކަމުގައި ހައްލު ހޯދައި، ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދު ހޯދުމަށް ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރެއް އައްޔަން ކުރުންމާއި، ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނު ހަރުދަނާ ކުރުމާއި، ކައުންޓަރ ޓެރަރިޒަމްގެ މައްސަލަތައް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ބޭނުންވާ ކަންކަމުގައި ހުރި ގޮންޖެހުންތައް ދެނެގަތުމާއި، އެކަންކަމަށް ހައްލު ހޯދުންވެސް ރިކޮމެންޑާންޝަންތަކުގެ ތެރޭގައި ހިމެނެއެވެ.

ސިފައިންގެ ގާނުނު އިސްލާހުކޮށް އަސްކަރިއްޔާގެ ހިންގުމަށް ޒަމާނީ ބަދަލު ގެނައުމާއި، އިދާރީ ހިންގުމަށްވެސް ބަދަލު ގެނައުމާއި، އިންޓެލިޖެންސް ދާއިރާއަށް ޒަމާނީ ތަރައްގީ ގެނެސް އެއްފަހަރާ ގިނަ މައުލޫމާތު ރައްކާ ކުރެވޭ ސިސްޓަމްތައް ގެނައުމާއި، އިންޓެލިޖެންސް ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް އެކަށީގެންވާ ބަޖެޓެއް ފޯރުކޮށްދިނުންވެސް ހިމެނެއެވެ.

ދީނީ ހަރުކަށި ފިކުރު މީހުން ދެނެގަނެ ޑޭޓާ ބޭސްއެއް ގާއިމުކުރުމާއި، ހުރިހާ މުއައްސަަސާތަކެއް ހިމެނޭ ގޮތަށް ހަރުކަށި ފިކުރު މީހުން މޮނިޓަރކުރެވޭނެ ގޮތެއް ކަނޑައެޅުމާއި، ޓެރަރިޒަމްގެ އަމަލު ހިންގާނެ ކަމަށް ބެލެވޭ މީހުންނާއި، ހަރުކަށި ފިކުރުގެ މީހުން ރިހެބިލިޓޭޓް ކުރުމާއި، އެފަދަ މީހުން ރިހެބިލިޓޭޓް ކުރުމުގައި ވަކިވަކި މީހުންގެ ހާލަތަށް ބަލައި ރިހެބިލިޓޭޓް ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމެވެ.

ހަރުކަށި ފިކުރު މީހުން ދެނެގަންނާނެ ގޮތާއި ރިޕޯޓް ކުރާނެ ގޮތް އާއްމުންނަށް އަންގައި ހޭލުންތެރި ކުރުމާއި، މީޑިއާ ތަކުން އެފަދަ މައުލޫމާތު ފެތުރުން ހުއްޓުވުމަށް މީޑިއާތަކަށް މައުލޫމާތު ދިނުމާއި، މީޑިއާތަކުގައި ހަރުކަށި ފިކުރު ފެތުރުމަށް މަސައްކަތް ކުރާ މީހުން ދެނެގަނެ ފިޔަވަޅު އެޅޭނެ ގޮތެއް ގާއިމްކުރުމާއި، ސަލާމަތީ ޚިދުމަތްތަކުގެ މަސައްކަތް ކުރާ މީހުންނަކީ ތައުލީމާ ތަޖުރިބާ ލިބިފައިވާ މީހުން ކަމަށް ވާންޖެހޭ ކަމަށް ބުނެފައިވެއެވެ.

ތައުލީމީ ނިޒާމުގެ ތެރެއިން ހަރުކަށި ފިކުރު ފެތުރުމަށް ހިންގާ ކަންކަން ހުއްޓުވުމަަށް މަސައްކަތް ކުރުމާއި، ޖަލުތަކުގައި ހަރުކަށި ފިކުރު ފަތުރަނީ ކިހިނެތްކަން ދެނެގަނެ އެ ދޮރުތައް ބަންދުކުރެވޭނެ ގޮތެއް ގާއިމުކުރުމާއި، ޖަލުތަކުގައި ހިންގާ ދީނީ ޕްރޮގްރާމް ތަކަކީ ހަރުކަށި ފިކުރު ފަތުރާ އިލްމުވެރިން ހިންގާ ޕްރޮގްރާމްތައް ނޫން ކަމުގައި ކަށަވަރުކުރަންޖެހޭ ކަމަށް ރިޕޯޓުގައި ބުނެފައިވެއެެވެ.

މޭ 6 ވަނަ ދުވަހު ރައީސް ނަޝީދަށް ދިން ފަދަ ހަމަލާއެއް ތަކުރާރުވިޔަ ނުދީ ދައުލަތާމެދު ރައްޔިތުންގެ އިތުބާރު ހިފެހެއްޓުމަށް ސަރުކާރުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމާއި، އިންކުއަރީއަށް ފާހަގަކުރެވުނު ގޮތުގައި މަގާމުގެ މަސްއޫލިއްޔާތު އަދާ ކޮށްފައިނުވާ އަދި އެކަމުގައި އިހުމާލުވި މީހުންގެ ކަންކަން ބަލައި ފިޔަވަޅު އެޅުމަށާއި، ޓެރަރިޒަމް ފައިނޭސް ކުރުން ހުއްޓުމަށް ހުރިހާ މުއައްސަސާއަކުވެސް މަސައްކަތްތައް ރާވައި އިތުރަށް ހަރުދަނާ ކުރުމަށްވަނީ ހިމަނާފައެވެ.

މަނީ ލޯންޑަރ އަދި ޓެރަރިޒަމް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނު އިސްލާހު ކުރުމާއި، މަނީ ލޯންޑަރ ކުރަން ހުރި ގޮންޖެހުން ދެނެގަތުމަށް އެސެސްމެންޓް ހެދައި ފިޔަވަޅު އެޅުމާއި، އިންޓެލިޖެންސް މައުލޫމާތު ދިރާސާ ކުރުމަށް ބޭނުންވާ އެނަލެޓިކަލް ޓޫލްސް އަދި އޮޓޮމޭޓިވް މެޝިންތައް ހޯދުމަށް ބަޖެޓް ފޮރުކޮށްދިނުމަށްވަނީ ކަނޑައަޅާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
100%
0%
0%
0%
0%
ކޮމެންޓް