ކ. މާލެ
|
9 ޖުލައި 2021 | ހުކުރު 03:57
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭ ވަނީ ހަމަލާއެއް ދީފައި
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭ ވަނީ ހަމަލާއެއް ދީފައި
ރާއްޖެއެމްވީ
241 ކޮމިޓީން ކުރިޔަށްގެންދިޔަ އިންކުއަރީ
މެއި 6 ގެ ހަމަލާއާ ގުޅިގެން ޝައްކުކުރެވޭ މާލީ މުއާމަލާތެއް ފާހަގަކުރެވިފައިނުވޭ: އިންކުއަރީ ރިޕޯޓް
 
ހަމަލާ ދިނުމުގެ ބޭނުމާއި ޚަރަދުކުރި ފަރާތެއް މިއިންކުއަރީ ރިޕޯޓް ނެރުމާ ހަމައަށް ފުލުހުންނަށް ދެނެގަނެވިފައިނުވޭ
 
މުއާމަލާތުތަކާއި ގުޅޭ މައުލޫމާތުތައް އެމްއެމްއޭގެ އެފްއައިޔޫއިން ފުލުހުންނާއި ހިއްސާކުރަމުންދޭ
 
އެދުވަސްވަރު ޓެރަރިޒަމް އާ ގުޅުންހުރި ޝައްކުކުރެވޭ ޓްރާސްއެކްޝަނެއް ހިނގާފައިވާކަން ފާހަގަކުރެވިފައިނުވާ ކަމަށް މައުލޫމާތުދީފައިވޭ

ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މެއި މަހުގެ 6 ވަނަ ދުވަހު ހަމަލާދިން މީހުންނާއި ގުޅޭ މާލީ މުއާމަލާތްތަކާއި ގުޅޭ ޝައްކުކުރެވޭ އެއްވެސް ކަމެއް މިހާތަނަށް ފާހަގަކުރެވިފައި ނުވާކަމަށް ހަމަލާއާ ގުޅިގެން 241 ކޮމިޓީން ކުރިޔަށް ގެންދިޔަ އިންކުއަރީ ރިޕޯޓްގައި ބުނެފިއެވެ.

އެރިޕޯޓްގައި ބުނެފައިވަނީ އިންކުއަރީން އެމްއެމްއޭ އާއި އެމްއެމްއޭގެ އެފްއައިޔޫއިން މައުލޫމާތު ސާފުކުރިއިރު އެދުވަސްވަރު ޓެރަރިޒަމް އާ ގުޅުންހުރި ޝައްކުކުރެވޭ ޓްރާސްއެކްޝަނެއް ހިނގާފައިވާކަން ފާހަގަކުރެވިފައިނުވާ ކަމަށް އެމްއެމްއޭގެ އެފްއައިޔޫއިން ބުނެފައިވާކަމަށެވެ.

އެދުވަސްވަރު ހިންގާފައިހުރި "ފްލޭގް" ވާފަދަ މުއާމަލާތުތަކާއި ގުޅޭ މައުލޫމާތުތައް އެމްއެމްއޭގެ އެފްއައިޔޫއިން ފުލުހުންނާއި ހިއްސާކުރަމުންދާ ކަމަށާއި އެމުއާމަލާތްތަކާއި ގުޅޭ މައުލޫމާތު ދިރާސާކޮށް ފުލުހުން ތަހުގީގު ކުރަމުންދާކަންވެސް މިއިންކުއަރީން ފާހަގަކުރަމެވެ.
އިންކުއަރީ ރިޕޯޓް

އިންކުއަރީ ރިޕޯޓްގައި އިތުރަށް ބުނެފައިވަނީ ޓެރަރިޒަމް އަށް ޚަރަދުކޮށް ފައިސާގެ މުއާމަލާތްތައް ހިންގަނީ މުޅިއަކުން ރަސްމީ މާލީ ނިޒާމުގެ ތެރެއިން ނޫންކަމާއި ބޭންކިން ސިސްޓަމުގެ ބޭރުން ނަގުދު ފައިސާއިން މިފަދަ މުއާމަލާތްތައް ކުރާކަމާއި އަދި ރަސްމީ ބޭންކިންގ ނިޒާމުގެ ބޭރުން ފައިނޭންޝަލް ނެޓްވޯރކް ބޭނުންކުރާނެކަމުގެ އިހުތިމާލު ބޮޑުކަން އިންކުއަރީއަށް ލިބުނު މައުލޫމާތުން ފާހަގަކުރެވޭކަމަށް ވަނީ ބުނެފައެވެ.

މީގެއިތުރުން އިންކުއަރީ ރިޕޯޓްގައި ބުނެފައިވަނީ ސަލާމަތީ ޚިދުމަތްތަކުން ހާމަކޮށްފައިވާ ގޮތުގައި ރައީސް ނަޝީދަށް މިހަމަލާދީފައިވަނީ ހަރުކަށި ފިކުރުގެ މީހުންނެވެ. އެހަމަލާއާ ގުޅިގެން މިހާތަނަށް ހައްޔަރުކޮށްފައިވަނީ ހަރުކަށި ފިކުރަށް ތާއީދުކުރާ މީހުންނެވެ. ހަމަލާ ދިނުމުގެ ބޭނުމާއި ޚަރަދުކުރި ފަރާތެއް މިއިންކުއަރީ ރިޕޯޓް ނެރުމާ ހަމައަށް ފުލުހުންނަށް ދެނެގަނެވިފައިނުވާ ކަމަށް ވަނީ ރިޕޯޓްގައި ބުނެފައެވެ.

މި ޖުލައި މަހުގެ 5 ވަނަ ދުވަހު ބޭއްވި އާސްކް ސްޕީކަރ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ ކުރެވިފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ލިބިވަޑައިގެންނެވި މައުލޫމާތުތަކުން ސާފުވެފައިވާ ކަމަކީ ހަމަލާއަށް ޚަރަދުކުރި މީހުން ހޯދުމަށް ކުރެވިފައިވާ މަސައްކަތް މަދުކަން ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ހަމައެކަނި ފުލުހުން ހިންގާ ތަހުގީގެއްގެ ތެރެއިން ރަނގަޅު ނަތީޖާއެއް ނުނިކުންނާނެކަމަށެވެ. މިކަމަކީ ގައުމީ މައްސަލައެއްގެ ގޮތުގައި ބަލައިގެން ކުރިޔަށް ގެންދަންޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި އެކަމާ ގުޅޭގޮތުން ބޭރުގެ ފަރާތްތަކުގެ ޓެކްނިކަލް އެހީތެރިކަން ހޯދުމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު އަރިހުގައި ދަންނަވާފައިވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މިހަމަލާ ރޭވި މީހުންނާއި ޚަރަދު ކުރި މީހުން ނުހޯދޭނަމަ އެއޮތީ މިކަން ނުވެފައި ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
0%
0%
0%
0%
ކޮމެންޓް