ކ. މާލެ
|
9 ޖުލައި 2021 | ހުކުރު 03:28
241 ކޮމިޓީން ކުރިޔަށްގެންދިޔަ އިންކުއަރީގެ ތެރެއިން
241 ކޮމިޓީން ކުރިޔަށްގެންދިޔަ އިންކުއަރީގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
241 ކޮމިޓީން ކުރިޔަށްގެންދިޔަ އިންކުއަރީ
ރައީސް ނަޝީދުގެ ތްރެޓް ލެވެލް "ކްރިޓިކަލް" އަށް ބަދަލުކުރި ސަބަބެއް ސާފެއް ނުވޭ: އިންކުއަރީ ރިޕޯޓް
 
ސީޕީ ވިދާޅުވެފައިވަނީ ބައްދަލުވުމުގައިވެސް ވަކިވަކި މައުލޫމާތުތައް ޑީއައިއެސްގެ ފަރާތުން ފުލުހުންނަށް ލިބިފައިނުވާކަމަށް
 
ތްރެޓް ލެވެލް ބަދަލުކޮށްފައިވަނީ ފޭސްބުކްގައި ޕޯސްޓްކޮށްފައިވާ މާތްﷲ އަށްޓަކައި އަދި ކީރިތި ރަސޫލާ(ޞ)އަށްޓަކައި މަރާލަން ބޭނުންވާ މީހުންގެ ލިސްޓެއްގައި ރައީސް ނަޝީދުގެ ނަން ހިމެނިފައިވާތީ
 
15 ފެބްރުއަރީގައި ތްރެޓް ލެވެލް ކްރިޓިކަލް ކަމަށް ކަނޑައަޅާއި 25 ފެބްރުއަރީގައި ރައީސް ނަޝީދުގެ ތްރެޓް އެސެސްމަންޓް ރިޕޯޓް ތައްޔާރުކޮށްފައިވޭ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ތްރެޓް ލެވެލް ކްރިޓިކަލްއަށް ބަދަލުކުރާއިރު އަދި އެއަށްފަހުވެސް އެބަދަލުގެނައި އަސްލު ސަބަބުގެ ތަފްސީލު އެމްއެންޑީއެފުން މިއިންކުއަރީއަށްވެސް އަދި ފުލުހުންގެ ތަހުގީގަށްވެސް ހިއްސާކޮށްފައިނުވާކަމަށް 241 ކޮމިޓީން ކުރިޔަށް ގެންދިޔަ އިންކުއަރީ ރިޕޯޓްގައި ބުނެފިއެވެ.

ރައީސް ނަޝީދުގެ ސެކިޔުރިޓީ ފެއިލްވި ގޮތުގެ އިންކުއަރީ ކުރިޔަށްގެންދިޔުމަށްފަހު އެކުލަވާލި ރިޕޯޓްގައި ބުނެފައިވަނީ ރައީސް ނަޝީދުގެ ތްރެޓް ލެވެލް ކްރިޓިކަލް އަށް ބަދަލުކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުގައު ކަމަށް ޑިފެންސް އިންޓެލިޖެންސް ސަރވިސްގެ ޑޮކިޔުމަންޓުން އެނގޭކަމަށެވެ. ތްރެޓް ލެވެލް ބަދަލުކޮށްފައިވަނީ 15 ފެބްރުއަރީގައި ފޭސްބުކްގައި މާތްﷲ އަށްޓަކައި އަދި ކީރިތި ރަސޫލާ(ޞ)އަށްޓަކައި މަރާލަން ބޭނުންވާ މީހުންކަމަށް ބުނެ އާންމުކުރި ލިސްޓެއްގައި ރައީސް ނަޝީދުގެ ނަން ހިމެނިފައިވާތީއެވެ. އެގޮތުން ފޭސްބުކްގެ އެޕޯސްޓާ ގުޅިގެން ރައީސް ނަޝީދުގެ ތްރެޓް ލެވެލް ރީއެސެސް ކުރެވުނު ކަމާއި އަދި އިންޓެންޓް މަތިވަމުންދާކަމަށް ބެލި ކުރީގައި ލިބިފައިވާ މައުލޫމާތުތަކާއި ސަލާމަތީ މަޝްރަހަށް އަންނަމުންދިޔަ ބަދަލުތަކަށް ރިޢާޔަތްކޮށް ތްރެޓް ލެވެލް ކްރިޓިކަލް ކަމަށް ކަނޑައެޅުނުކަމަށް ޑޮކިޔުމަންޓްގައި ބުނެފައިވެއެވެ.

އަދި މިގޮތަށް 15 ފެބްރުއަރީގައި ތްރެޓް ލެވެލް ކްރިޓިކަލް ކަމަށް ކަނޑައަޅާއި 25 ފެބްރުއަރީގައި ރައީސް ނަޝީދުގެ ތްރެޓް އެސެސްމަންޓް ރިޕޯޓް ތައްޔާރުކޮށްފައިވެއެވެ.

އެމްއެންޑީއެފްގެ ފަންނީ ތަޖުރިބާކާރުން މިއިންކުއަރީގައި ބުނެފައިވަނީ ޑީއައިއެސްގެ އެނަލިސްޓުން ލިބޭ ވަކި މައުލޫމާތަކަށް އެކަނި ބަލާފައެއް ނޫންކަމަށާއި، ރައީސް ނަޝީދުގެ ތްރެޓް ލެވެލް ކްރިޓިކަލްއަށް ބަދަލުކޮށްފައިވަނީ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓަށް އެކަނި ބަލައިގެންނޫންކަމަށާއި، އެނާލިސިސް ހެދުމުގައި ރިއާޔަތްކުރަންޖެހޭ ކަމަށާއި ، ރައީސް ނަޝީދުގެ ތްރެޓް ލެވެލް ކްރިޓިކަލް އަށް ބަދަލުކޮށްފައިވަނީ ޖުމްލަ މާސްކް ކްރިޓިކަލް އަށް ބަދަލުވާ ވަރަށް ދިޔައީމަކަމަސެވެ. އެމްއެންޑީއެފް އެނާލިސިސް އަށް ބޭނުންކުރާ ޓޫލްސް ހަގީގަތުގައި މިކޭސްގައި ކާމިޔާބުކޮށް ބޭނުންކޮށްފައިވާކަން އިންކުއަރީއަށް ފާހަގަކުރެވޭ
އިންކުއަރީ ރިޕޯޓް

މީގެއިތުރުން ތްރެޓް ލެވެލް ކްރިޓިކަލް އަށް ބަދަލުކުރި ސަބަބު ސާފުކުރުމަށް އެމައުލޫމާތު ފުލުހުންނާއި އެމްއެންޑީއެފް ލީޑަރޝިޕާ ދެމެދު ބޭއްވުނު ބައްދަލުވުމަށް ހަވާލާދީ އިންކުއަރީގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެފައިވަނީ އެ ބައްދަލުވުމުގައިވެސް ވަކިވަކި މައުލޫމާތުތައް ޑީއައިއެސްގެ ފަރާތުން ފުލުހުންނަށް ލިބިފައިނުވާކަމަށެވެ.

ޖުމްލަކޮށް ދެންނެވޭނީ 2 މަރޗްގައި ތްރެޓް ލެވެލް އެ ބޭފުޅުންގެ މިންގަނޑުތަކުން އެލިވޭޓްކުރެވިފައި އޮތް ސަބަބުތައް އަޅުގަނޑުމެންނަށް އަދި އެހާ ސާފެއް ނޫން. އަދި އެމައުލޫމާތު އެހާ ފުރިހަމަކޮށެއް އަޅުގަނޑުމެންނަށް ލިބިފައެއް ނުއެއް ނެތް. 2 މަރޗްގައި ތްރެޓް ލެވެލް އިލިވޭޓްކުރެވުނީ ކީއްވެގެންތޯ ކުރެވުނު ސުވާލުތަކަށް ބައެއް ޖަވާބުތައް އަރުވާފައި އެބަހުރި. އެޖަވާބުތަކާއި ގުޅިގެން އަޅުގަނޑުމެން އިތުރަށް ކަންކަން ސާފުކުރަން ބޭނުންވާ ކަމަށް އެބޭފުޅުންނަށް ދަންނަވާފައިވަނީ. އެ މައުލޫމާތު ހޯދުމުގެ މަސައްކަތް އަޅުގަނޑުމެން މިހާރު ކުރަމުން މިގެންދަނީ. އަދި އެހާ ސާފުކޮށް އެމައުލޫމާތުތަކެއް ނުލިބޭ.
މުހައްމަދު ހަމީދު/ ސީޕީ

މީގެއިތުރުން މިހާރު ކުރިޔަށްގެންދާ ތަހުގީގުގެ ތެރެއިން މިމައުލޫމާތަށް އެދި ރިކުއެސްޓްކޮށް ސިޓީއަކުން ރިކުއެސްޓްކުރެވުނު އެސިޓީގެ ޖަވާބުގައި ވަކި ކަމެއް ދިމާވެގެން އެ ތްރެޓް ލެވެލް މަތިކުރި ސަބަބު ބަޔާންކޮށްފައިނުވާކަމަށް ސީފީ ވަނީ ވިދާޅުވެފައެވެ.

އިންކުއަރީ ރިޕޯޓްގައި ވަނީ މިމައުލޫމާތު ފުލުހުންގެ ތަހުގީގަށް ހިއްސާކޮށްފައިނުވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މިމައުލޫމާތު ސިއްރުކުރުމަކީ ތަހުގީގަށް އެޅޭ ހުރަހެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ.

އެމްއެންޑީއެފް އިން ރައްކާތެރިކަމާއި ހިމާޔަތް ފޯރުކޮށްދޭ ފަރާތްތަކަށް އޮންނަ ތްރެޓް ބަޔާންކުރުމަށް ޑީއައިއެސް އިން ބޭނުންކުރަމުންދާ ތްރެޓް ލެވެލްތައް ބެހެނީ ފަސް ދަރަޖައަށެވެ. އެ ދަރަޖަތަކަކީ ލޯ، މޮޑަރޭޓް، ސަބްސްޓޭންޝަލް، ސިވިއަރ އަދި ކްރިޓިކަލް އެވެ. ޑީއައިއެސްއިން ތްރެޓް ކްލެސިފައިކުރުމުން އެތްރެޓް ކްލެސިފިކޭޝަން ތަކާއި ގުޅިގެން ސެކިޔުރިޓީ ފޯރުކޮށްދިނުމުގެ މެންޑޭޓް ހަވާލުކުރެވިފައިވާ އެމްއެންޑީއެފް ގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕުން ސެކިއުރިޓީ ފޯރުކޮށްދިނުމުގައި ގެންގުޅެނީ 3 ލެވެލް އެކެވެ. އެއީ ލޯ، މޮޑަރޭޓް އަދި ހައި ލެވެލްގެ ސެކިޔުރިޓީއެވެ. ލޯ ސެކިޔުރިޓީ ލެވެލް އަކީ ތްރެޓް ކްލެސިފިކޭޝަންގެ ލޯ އާއި މޮޑަރޭޓް އެވެ. މޮޑަރޭޓް ސެކިޔުރިޓީ ލެވެލް އަކީ ތްރެޓް ކްލެސިފިކޭޝަންގެ ސަބްސްޓޭންޝަލް އެވެ. ހައި ސެކިޔުރިޓީ ލެވެލް އަކީ ސިވިއަރ އަދި ކްރިޓިކަލް ތްރެޓް ކްލެސިފިކޭޝަން އެވެ.

ރައީސް މުހައްމަދު ނަޝީދުގެ ކްލޯސް ޕްރޮޓެކްޝަން ޓީމަށް ސެކިއުރިޓީ އާއި ގުޅޭގޮތުން ލިބޭ މައުލޫމާތު ހިއްސާކުރަނީ އެސްޕީޖީ ކޮމާންޑަރެވެ. އެސްޕީޖީ ކޮމާންޑަރު ގަވާއިދުން ރައީސް ނަޝީދުގެ ޕީއެސްއޯ އިންނަށް މައުލޫމާތު ދޭކަން އެސްޕީޖީގެ ލީޑަރޝިޕްގެ ފަރާތުންނާއި ޕީއެސްއޯއިން އިންކުއަރީއަށް ދިން މައުލޫމާތުން ފާހަގަވެއެވެ. އެގޮތުން ރައީސް ނަޝީދަށް އަބަދުވެސް ވަރަށް ތްރެޓް އޮންނަކަމާއި ރައީސް ނަޝީދަށް ރައްކާތެރިކަން ދިނުމަސް އަބަދުވެސް ސަމާލުވުމަށް އެސްޕީޖީގެ ކޮމާންޑަރ ކިޔައިދެއްވާކަމަށް މައުލޫމާތު ލިބިފައިވާކަމަށެވެ.

ނަމަވެސް އެ ދެއްވާ މައުލޫމާތުގެ ތެރޭގައި ރައީސް ނަޝީދަށް ހުރި ތްރެޓްތަކުގެ ތަފްސީލު ނުލިވޭކަން ފާހަގަކޯށްފައިވެއެވެ. އެގޮތުން މިސާލެއްގެ ގޮތުގައި އިންކުއަރީގައި ފާހަގަކޮށްފައިވަނީ ރައީސް ނަޝީދުގެ ތްރެޓް ލެވެލް ސިވިއަރ އިން ކްރިޓިކަލް އަށް ބަދަލުވިކަން 3 މަރޗްގައި އެސްޕީޖީ އަށް އެންގި ކަމުގައިވިޔަސް އެވަރުގެ ބޮޑު ބަދަލެއް އައިކަމާއި އެ ބަދަލު ގެނައި ސަބަބުތައް ރައީސް ނަޝީދުގެ ކްލޯސް ޕްރޮޓެކްޝަން ޓީމަށް މިއިންކުއަރީން ސުވާލުކުރުމުން ބުނެދެވިފައިނުވާކަމަށް ރިޕޯޓްގައި ބުނެފައިއެވެ. އަދި ނީލޯފަރ ހިނގުމުން ސައިކަލްތައް ހުސްކުރަން އުޅުނު ސަބަބުވެސް ކްލޯސް ޕްރޮޓެކްޝަން ޓީމަށް އެނގިފައިނުވާކަން ވަނީ ފާހަގަކޮށްފައެވެ.

އަދި ސެކިޔުރިޓީ ފޯރުކޮށްދެވޭ ފަރާތަކާއި ގުޅުންހުރި މިފަދަ މުހިންމު މައުލޫމާތު ނޭނގުމުުން ކޮންމެ ވަގުތެއްގައިވެސް ހަމަލާއެއް ދީފާނެކަމުގެ އިހުތިމާލް އޮތް މިންވަރު ސެކިޔުރިޓީ ޓީމަށް ވަޒަންކުރެވިފައިނުވާ ކަން ފާހަގަކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
0%
0%
0%
0%
ކޮމެންޓް