ކ. މާލެ
|
9 ޖުލައި 2021 | ހުކުރު 02:28
241 ކޮމިޓީގެ އިންކުއަރީގައި ޑިފެންސް މިނިސްޓަރ މާރިޔާ ވާހަކަ ދައްކަވަނީ
241 ކޮމިޓީގެ އިންކުއަރީގައި ޑިފެންސް މިނިސްޓަރ މާރިޔާ ވާހަކަ ދައްކަވަނީ
ރައްޔިތުންގެ މަޖިލިސް
241 ކޮމިޓީން ކުރިޔަށްގެންދިޔަ އިންކުއަރީ
ހަމަލާއާ ގުޅޭގޮތުން އިލްޔާސް ދެއްވި މައުލޫމާތު އެހެން ފަރާތަކާއި ހިއްސާނުކުރެއްވީ އެއީ "ފޯނުކޯލެއް" ވީމަ: މާރިޔާ
 
ސެކިޔުރިޓީ އެންހާންސް ކޮށްފައި އޮތުމުން އެމައުލޫމާތައި ގުޅިގެން އިތުރަށް ކުރެވޭނެ ކަމެއް ނެތުމުން ހިއްސާނުކުރެއްވީކަމަށް މިނިސްޓަރ ވިދާޅުވި
 
މައުލޫމާތެއް ކަމަށް ބަލަނީ މީހެއްގެ ނަމެއް ނުވަތަ ފޮލޯކުރެވޭނެ ކޮންމެވެސް ގޮތެއް އޮތުމުން ކަމަށް މިނިސްޓަރ ވިދާޅުވި
 
މިނިސްޓަރ އިންކުއަރީގައި ވިދާޅުވެފައިވަނީ މެމްބަރު އިލްޔާސް ލަބީބު ފޯނުން ހިއްސާކުރެއްވި ވާހަކަ އެމްއެންޑީއެފްގެ އެއްވެސް ފަރާތަކާއި ހިއްސާކޮށްފައިނުވާ ކަމަށް

މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ހަމަލާދިނުމުގެކުރިން މެއި މަހުގެ 3 ވަނަ ދުވަހު އެފަދަ ހަމަލާއެއް ދޭންއުޅޭކަމުގެ މައުލޫމާތު ހުޅުދޫ ދާއިރާގެ މެމްބަރ އިލްޔާސް ލަބީބު ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ އާ ހިއްސާކުރައްވާފައިވާއިރު އެމައުލޫމާތު އެހެން ފަރާތަކާއި ހިއްސާނުކުރެއްވީ އެއީ މައުލޫމާތެއް ނޫންކަމަށް ވާތީކަމަށާއި އެއީ ފޯން ކޯލަކަށް ވާތީކަމަށް މާރިޔާ ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ސެކިޔުރިޓީ ފެއިލްވިގޮތުގެ އިންކުއަރީއެއް މަޖިލީހުގެ 241 ކޮމިޓީން ކުރިޔަށް ގެންގޮސްފައިވާއިރު މިއިންކުއަރީފައި މިމައުލޫމާތު ޑިފެންސް މިނިސްޓަރ އެހެން ފަރާތަކާއި ހިއްސާކުރައްވާފައިނުވާތީ އެކަން ވަނީ ބަލާފައެވެ. އެގޮތުން އިންކުއަރީ ރިޕޯޓްގައި ބުނެފައިވަނީ އިންކުއަރީއަށް މައުލޫމާތު ދެއްވަމުން ހުޅުދޫ ދާއިރާގެ މެމްބަރ އިލްޔާސް ލަބީބު ވިދާޅުބެފައިވަނީ މެއި މަހުގެ 3 ވަނަ ދުވަހުގެ ރޭ އަންމު މީހެއްގެ ފަރާތުން ރައީސް ނަޝީދު އަވަހާރަކޮށްލަން އުޅޭކަމުގެ މައުލޫމާތެއް ލިބިވަޑައިގަތުމުން އެވާހަކަ އެގޮތަށް ރައީސް ނަޝީދު އަރިހުގައި ދެންނެވިކަމަށެވެ. އަދި ނަޝީދުގެ އިރުޝާދާއެއްގޮތަށް ޑިފެންސް މިނިސްޓަރާއި އެމައުލޫމާތު ހިއްސާކުރެއްވުމަށް ހަމަ އެރޭ މާރިޔާއަށް ގުޅުއްވިކަމަށް އިލްޔާސް ވިދާޅުވިއެވެ.

ނަމަވެސް އެރޭ މާރިޔާ ފޯނަށް ޖަވާބު ނުދެއްވުމުގެ ސަބަބުން ނުގުޅުނުކަމަށާއި ޖެހިގެން އައި މެއި މަހުގެ 4 ވަނަ ދުވަހުގެ ހެނދުނު މާރިޔާ ގުޅުއްވި ކަމަށް އިލްޔާސް ވިދާޅުވެފައިވެއެވެ.

އަޅުގަނޑު ދެންނެވިން ރައީސް މުހައްމަދު ނަޝީދު ދުއްވާލަންވެގެން ހަރުކަށި ފިކުރުގެ ބަޔަކަށް ޓާސްކެއް ދީފިއޭ. މިހާރު އެމީހުން އެ ޓާސްކް ނަގައިފިއޭ. އަޅުގަނޑުގެ ރައްޓެއްސެކޭ މި މައުލޫމާތު ދިނީ. އަޅުގަނޑާ ބައްދަލުކޮށްފައިވެސް މިވާހަކަ އަޅުގަނޑު ކައިރި ދެއްކިއޭ. އަދި އެމީހުން އެ ޓާސްކު ނެގީ 3 މިލިއަން ޑޮލަރަށް ކަމަށް އަޅުގަނޑު ދެންނެވިން. އަދި މިހާރު އޭނަ ބުނި ގޮތުން އެމީހުން ކުރާ ކަމަކީ އެޑްވާންސް ޕޭމަންޓް ދިނުމުގެ ނެގޯސިއޭޝަން ކަމަށް
އިލްޔާސް ލަބީބު / ހުޅުދޫ ދާއިރާ (އިންކުއަރީ ރިޕޯޓް)

އިންކުއަރީއަށް މިކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ޑިފެންސް މިނިސްޓަރ މާރިޔާ ވިދާޅުވެފައިވަނީ ތިން މިލިއަން ޑޮލަރު ދީގެން ރައީސް ނަޝީދު އަވަހާރަކޮށްލަން އުޅޭކަމުގެ ވާހަކައެއް މީހަކު ބުނިކަމަށް ވިދާޅުވިކަމަށެވެ. އަދި ފައިސާ ދީގެން މީހަކު މެރުމަކީ ޖިނާއީ ކުށެއްކަމަށާއި އެހެންކަމުން ފުލުހުންނާ އެ މައުލޫމާތު ހިއްސާކުރުމަށް ވިދާޅުވިކަމަށް މާރިޔާ ވިދާޅުވިއެވެ.

އިލްޔާސް ލަބީބު ވިދާޅުވީ، ތިން މިލިއަން ޑޮލަރު ދީގެން ރައީސް މުހައްމަދު ނަޝީދު މަރާލަން އުޅޭކަމުގެ ވާހަކައެއް ތިމަންނަ ކައިރީގައި މީހަކު ބުންޏޭ. ދެން އަޅުގަނޑު ދެންނެވީ، ފައިސާ ދީގެން މީހަކު މެރުމަކީ ޖިނާއީ ކުށެކޭ. އެހެންވީމާ، ފުލުހުންނާއި ތިވާހަކަ ހިއްސާކުރައްވާށޭ. އެ ނިމުނީ. މާގިނައިރަކު ދެއްކެވި ވާހަކައެއް ނޫން. ހަމަ ވަރަށް ސިމްޕަލްކޮށް މިހެން ވިދާޅުވެފައި ދެން ބޭއްވެވީ. ދެން މައުލޫމާތު ފޯރުކޮށްދެއްވައްޗޭ. އިތުރު ފޯނު ކޯލެއް، އެ އެއްޗެއްގެ ވާހަކައެއް، ގުޅޭނެ ގޮތެއް އެކަހަލަ އެއްޗެއް ފޯރުކޮށްދޭށޭ އަޅުގަނޑު ދެންނެވީމަ ދެންނެވީ އެ ވަހަކައަށް އާނ. ބަލާނަމޭ ވިދާޅުވެފައި ބޭއްވެވީ. އެކަމަކު ރައީސް އަށް ބަލައްޗޭ ވިދާޅުވީ، އެންމެ ފަހުންވެސް، އެއީ އަޅުގަނޑު ހަނދާން ހުންނަ ގޮތަކީ.
މާރިޔާ އަހުމަދު ދީދީ / ޑިފެންސް މިނިސްޓަރ

މިނިސްޓަރ އިންކުއަރީގައި ވިދާޅުވެފައިވަނީ މެމްބަރު އިލްޔާސް ލަބީބު ފޯނުން ހިއްސާކުރެއްވި ވާހަކަ މިނިސްޓަރ އެމްއެންޑީއެފްގެ އެއްވެސް ފަރާތަކާއި ހިއްސާކޮށްފައިނުވާ ކަމަށެވެ. އަދި ހަމައެހެންމެ ޗީފް އޮފް ޑިފެންސް ފޯސް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން އެސްޕީޖީގެ ކޮމާންޑަރާއި ޑިފެންސް އިންޓެލިޖެންސް ސަރވިސްގެ ފަރާތުންވެސް އިންކުއަރީގައި ބުނެފައިވަނީ އެއިން އެއްވެސް ފަރާތަކާއި މިނިސްޓަރ އެ ވާހަކަ ހިއްސާކުރައްވާފައިނުވާ ކަމަށެވެ.

މިމައުލޫމާތު އެހެން ފަރާތަކާއި ހިއްސާކޮށްފައިނުވާ އެއް ސަބަބެއްކަމަށް މިނިސްޓަރ ވިދާޅުވީ އެއީ މައުލޫމާތެއް ނޫންކަމަށް ވާތީކަމަށެވެ.

ހުޅުދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރުގެ ފަރާތުން އަޅުގަނޑަށް ލިބުނީ ފޯނު ކޯލެއް. މައުލޫމާތެއް ނޫން. އެއީ މައުލޫމާތެއް ކަމަށް އަޅުގަނޑު ބަލަނީ މީހެއްގެ ނަމެއް ނުވަތަ ފޮލޯކުރެވޭނެ ކޮންމެވެސް ގޮތެއް އަޅުގަނޑަށް ފޯރުކޮށްދެއްވި ކަމަށް ވަންޏާ
މާރިޔާ އަހުމަދު ދީދީ / ޑިފެންސް މިނިސްޓަރ

މިނިސްޓަރ އެމައުލޫމާތު އެއްވެސް ފަރާތަކާއި ހިއްސާކުރައްވާފައިނުވާ ސަބަބާއި ގުޅޭގޮތުން އިތުރަށް ވިދާޅުވެފައިވަނީ މެއި 4 ގައި އެމައުލޫމާތު ލިބިވަޑައިގަތުމުން ޖެހިގެން އައި ދުވަހު ޗީފް އޮފް ޑިފެންސް ފޯސް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް އާ ބައްދަލުކުރައްވާ ރައީސް ނަޝީދުގެ ސެކިއުރިޓީ ހަމަޖެހިފައިވާ ގޮތް ޗެކް ކުރެއްވި ކަމަށެވެ.

އަދި ސެކިޔުރިޓީ އެންހާންސް ކޮށްފައި އޮތުމުން އެމައުލޫމާތައި ގުޅިގެން އިތުރަށް ކުރެވޭނެ ކަމެއް ނެތުމުން ހިއްސާނުކުރެއްވީކަމަށް މިނިސްޓަރ ވިދާޅުވެފައިވާކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

ދެން ޖެހިގެން އައި ދުވަހު އަޅުގަނޑު ޗީފާއި ވައިސް ޗީފާ ބައްދަލުކުރިން. އަޅުގަނޑު މިވާހަކައެއް ނުދައްކަން. އެކަމަކު އަޅުގަނޑު ބޭނުންވީ އެބޭފުޅާ އަރިހުން އޮޅުންފިލުވަން ކިހިނެއްތޯ ސެކިއުރިޓީ ތްރެޓް ލެވެލާއި ސެކިއުރިޓީ އެރޭންޖްކުރެވިފައި ހުރީ. އެހެން ބުނީމާ އެބޭފުޅުން ވިދާޅުވީ ސެކިއުރިޓީ އޮތީ ކްރިޓިކަލްގައިކަން. އަދި ޗީފް ވިދާޅުވީ ސެކިއުރިޓީ އޮތީ އެންހޭންސް ކުރެވިފައިކަމަށް. އެހެންވީމާ އަޅުގަނޑަކީ އޮޕަރޭޝަނަލް ޓެކްޓިކަލް މީހަކަށް ނުވާއިރު މިފޯމޭޝަން އެފޯމޭޝަން. އެއެއްޗެހި މިހާރު ކިތަންމެ ބޮޑަކަށް އެބޭފުޅުން ކިޔާދެއްވާ އަޅުގަނޑަށް. ކިޔައިދެއްވީމާ، މިދެންނެވި ގަވާއިދުގައި އޮތް މިންވަރަށް އޮތްތޯ ބަލައި އެއަށްވުރެ އިތުރަށްވެސް އޮތީމާ އަޅުގަނދު އެކަމުގައި އިތުރަށް އެއްޗެއް ނުދެންނެވީ.
މާރިޔާ އަހުމަދު ދީދީ / ޑިފެންސް މިނިސްޓަރ

ނަމަވެސް އިންކުއަރީން ގަބޫލުކުރާ ގޮތުގައި އެމައުލޫމާތާއި ގުޅިގެން ނަޝީދުގެ ސެކިޔުރިޓީ ބެލެހެއްޓުމުގައި އިތުރު ކަމެއް ކުރެވިދާނެތޯ އާއި ކުރެވޭނަމަ ކުރެވޭނީ ކޮން ކަމެއްތޯ ޓެކްޓިކަލީ ކަނޑައަޅަންވާނީ އެމްއެންޑީއެފްގެ ކަމާބެހޭ ފަންނީ ބޭފުޅުންކަަމަށް ވަނީ ރިޕޯޓްގައި ވަނީ ބުނެފައެވެ.

ސެކިޔުރިޓީ އެންހޭންސް ކުރެވިފައިވާކަމަށް މިނިސްޓަރ ފާހަގަކުރެއްވި ނަމަވެސް އިންކުއަރީއަށް އެމްއެންޑީއެފުން ހިއްސާކޮސްފައިވާ ރިޕޯޓްތަކުން ހައިލެވްލް ސެކިޔުރިޓީ ދަރަޖައިގައި ފޯރުކޮށްދެވޭ ބައެއް ތަކެތި ހުރީ ފޯރުކޮށްނުދީ ކަމަށާއި ސެކިޔުރިޓީ އެންހާންސް ކުރުމަށް ކުރެވިދާނެ ބައެއްކަންކަން ނުކޮށްވާކަންވެސް ފާހަގަކުރެވިފައިވާކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

ނަމަވެސް މިމައުލޫމާތުތަކަކީ އެމްއެންޑީއެފްގެ ކަމާބެހޭ ފަރާތްތަކާ މިނިސްޓަރ ހިއްސާކުރައްވައި އެކަމާއި ގުޅިގެން އެމްއެންޑިއެފުން ފިޔަވަޅު ތަކެއް އަޅަންޖެހޭނެ ފަދަ ވާހަކަތަކެއްކަމަށް އިންކުއަރީއަށް ގަބޫލުކުރެވޭކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ. އެމައުލޫމާތު ލިބުނުއިރު ރައީސް ނަޝީދުގެ ތްރެޓް ލެވެލް ވަނީ "ކްރިޓިކަލް" ކަމަށް ކަނޑައަޅާފައެވެ. އަދި ކްރިޓިކަލް އަކީ ވަރަށް އަވަހަށް ހަމަލާއެއް ދީފާނެކަމަށް ބެލުން ކަމަށާއި އޭގެ މާނައަކީ ކޮންމެ ވަގުތެއްގައިވެސް ހަމަލާއެއް އަތުވެދާނެ ކަމުގެ ހާލަތުކަން މިއިންކުއަރީއަށް މައުލޫމާތުދިން މާހިރުން ވިދާޅުވެއެވެ.

އަދި އިންކުއަރީގައިވެސް ކްރިޓަިކަލޭ ބުނީމާ އިމިނެންޓްކަން އެނގޭކަމަށް ވަންޏާ އެއީ ކޮންމެ ފަދަ ވަގުތެއްގައިވެސް ތްރެޓް އޮތްކަން އެނގުނު ކަމަށް މިނިސްޓަރވެސް ވިދާޅުވެފައިވާކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

އެހެންކަމުން ނަޝީދުގެ ތްރެޓް ލެވެލް ކްރިޓިކަލް ކަމަށް އެމްއެންޑިއެފް އިން ކަނޑައަޅާފައިވާއިރު ތިން މިލިއަން ޑޮލަރު ދީގެން ނަޝީދު އަވަހާރަކޮށްލަން އުޅޭކަމުގެ ވާހަކައަކީ އެމްއެންޑީއެފް ގެ ލީޑަރޝިޕާ ހިއްސާކުރެވި ޑިފެންސް އިންޓެލިޖެންސް ސަރވިސް އާ ހިއްސާކުރެވެންވާނެ މައުލޫމާތުކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

މިފަދަ ހައްސާސް މައުލޫމާތެއް ޚާއްސަކޮށް ރައީސް ނަޝީދު ފަދަ ހައި ތްރެޓް އޮތް ފަރާތަކާއި ގުޅޭގޮތުން ލިބިއްޖެނަމަ އެއީ އިންޓެލިޖެންސް ސައިކްލް އަށް ވަންނަންޖެހޭނެ މައުލޫމާތެއްކަމަށް މިއިންކުއަރީއަށް މައުލޫމާތު ދެއްވި ހުރިހާ މާހިރުން އިއްތިފާގުވެފައިވާ ކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ. އެހެންކަމުން އިލްޔާސް ދެއްވި މައުލޫމާތަކީ އިންޓެލިޖެންސްގެ ގޮތުގައި ބޭނުންކުރެވޭނެ މައުލޫމާތެއްކަން ނުވަތަ ނޫންކަން ކަނޑައެޅޭނީ އިންޓަލިޖެންސް ސައިކްލް އަށް ލުމަށްފަހުގައި ކަން ފާހަގަކުރާކަމަށް ބުނެފައިވެއެވެ.

އަދި އެމައުލޫމާތު ފުލުހުންނާއި ހިއްސާކުރެއްވުމަށް އިލްޔާސް އަރިހު ދެންނެވިކަމަށް މާރިޔާ ވިދާޅުވިއަސް އެގޮތަށް ނާންގަވާކަމަށް އިލްޔާސް ވަނީ އިންކުއަރީގައި ވިދާޅުވެފައެވެ. އެހެންނަމަވެސް ކޮމިޓީން ގަބޫލުކުރާގޮތުގައި އެ މައުލޫމާތަކީ ޑިފެންސް މިނިސްޓަރުގެ އިތުރުން އިލްޔާސްވެސް ފުލުހުންނާއި ހިއްސާކުރަން ޖެހިވަޑައިގަންނަވާނެ މައުލޫމާތުކަމަށް ދެކޭކަމަށެވެ.

މީގެއިތުރުން ރައީސް ނަޝީދުގެ ތްރެޓް ލެވެލް ކްރިޓިކަލް އަށް ބަދަލުކޮށްފައިވަނިކޮށް މިފަދަ މައުލޫމާތެއް ރައީސް ނަޝީދުގެ ހިމާޔަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ ޒިންމާ މަތިކުރެވިފައިވާ ފަރާތަށް ލިބުމުން އެމައުލޫމާތުގެ މައްޗަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވުމާއި އެމްއެންޑީއެފްގެ އެތެރޭގައި ހިއްސާކޮށްފައި ނުވުމަކީ އިންކުއަރީއަށް ބަލައިގަނެވޭނެކަމެއް ނޫންކަމަށް ވަނީ ބުނެފައެވެ. އަދި އެމައުލޫމާތު ހިއްސާކުރުމަކީ އެފަދަ މަގާމެއްގައި ހުރި މީހެއްގެ ޒިންމާއެއްކަމަށް ދެކޭކަމަށް އިންކުއަރީން ވަނީ ފާހަގަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
71%
0%
0%
14%
14%
0%
ކޮމެންޓް