ކ. މާލެ
|
9 ޖުލައި 2021 | ހުކުރު 00:42
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޙަމަލާއާ ގުޅިގެން ހައްޔަރު ކުރި 4 މީހުން
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޙަމަލާއާ ގުޅިގެން ހައްޔަރު ކުރި 4 މީހުން
ރާއްޖެއެމްވީ
241 ކޮމިޓީން ކުރިޔަށްގެންދިޔަ އިންކުއަރީ
ހަރުކަށި ފިކުރުގެ މީހުން ނަޝީދު އުޅުއްވާ ގޮތް ބަލާ އަދި ސެކިޔުރިޓީ އޮންނަ ގޮތް ބަލާކަން ވެސް އެމްއެންޑީއެފަށް އެނގޭ: އިންކުއަރީ ރިޕޯޓް
 
ނަޝީދަށް ބަޔަކު ފާރަލުމާއި ގުޅިގެން އެބަޔަކު ހޯދުމަށް ދޭންޖެހޭ އަހައްމިއްޔަތުކަން ދީގެން އެބަޔަކު ދެނެގަތުމަށް މަސައްކަތް ކޮށްފައިވާކަމަށް ގަބޫލުނުކުރެވޭ
 
މިފަދަ ހަމަލާއެއް ދިނުމުގެ ގާބިލްކަން ދީނީ ހަރުކަށި ފިކުރުގެ މީހުންގެ ކިބައިގައި ހުރިކަމަށް ފުލުހުންނާއި ސިފައިން އިއްތިފާގުވޭ
 
ރައީސް ނަޝީދަށް ދީނީ ހަރުކަށި ފިކުރުގެ ބައެއް ފާރަލާނެ ސަބަބަކަށްވާނީ ރައީސް ނަޝީދަށް ހަމަލާއެއް ދިނުމަށް ތައްޔާރުވުމަށް ކަމަށް ވަނީ ބުނެފައި

ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ ދީނީ ހަރުކަށި ފިކުރުގެ މީހުން، ރައީސް މުހައްމަދު ނަޝީދުގެ މޫވްމަންޓްތައް ބަލާކަމަށާއި އެމަނިކުފާނުގެ ސެކިއުރިޓީ އޮންނަގޮތް އެސެސްކުރާކަމުގެ ނުވަތަ ދެނެގަތުމުގެ މަސައްކަތްކުރާ ކަމުގެ މައުލޫމާތު ލިބިފައިވާކަމަށް އެމްއެންޑީއެފުން ހަދާފައިވާ ތްރެޓް އެސެސްމަންޓް ރިޕޯޓްގައި ބަޔާންކޮށްފައިވާކަމަށް ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން 241 ކޮމިޓީން ކުރިޔަށްގެންދިޔަ އިންކުއަރީ ރިޕޯޓުގައި ބުނެފިއެވެ.

މިރިޕޯޓްގައި ރައީސް ނަޝީދަށް ބަޔަކު ފާރަލީކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައިވާކަން އިންކުއަރީއަށް ފާހަގަކުރެވޭ ކަންކަން ވަނީ ހިމަނާފައެވެ. އޭގެތެރެއިން އެއް ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ އެމްއެންޑީއެފް އަށް ލިބިފައިހުރި މައުލޫމާތަށް ބަލާއިރު ރައީސް މުހައްމަދު ނަޝީދަށް ދީނީ ހަރުކަށި ފިކުރުގެ ބަޔަކު ފާރަލީކަން އެމްއެންޑީއެފަށް އެނގިފައިވާކަމަށެވެ. އަދި މިއިންކުއަރީއަށް މައުލޫމާތުދިން ޑީއައިއެސް ގެ މާހިރުންގެ ބަހުންނާއި އެމްއެންޑީއެފުން ފޮނުވާފައިވާ ލިޔެކިޔުމުން މިކަން ކަށަވަރުވާކަމަށް ވަނީ ބުނެފައެވެ.

އެގޮތުން އިންކުއަރީއަށް މައުލޫމާތު ދެއްވަމުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ވިދާޅުވެފައިވާ ވާހަކަތަކަށް ބަލާއިރު ރައީސް ނަޝީދު ވަޑައިގަންނަވާތަންތަން ބަލާކަމުގެ މައުލޫމާތު ލިބިވަޑައިގަންނަވާކަމަށް ވިދާޅުވިކަމަށެވެ.

ޚާއްސަ ގޮތެއްގައި ރައީސް މުހައްމަދު ނަޝީދަށް ފާރަލާކަމުގެ މައުލޫމާތެއް އަޅުގަނޑުމެންނަށް ލިބުނީ، ވަޑައިގަންނަވާ ތަންތަން ބަލާކަމުގެ މައުލޫމާތު ލިބުނީ
ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް / ވައިސް ޗީފް އޮފް ޑިފެންސް ފޯސް

މިގޮތުން ރާއްޖޭގެ ހައިލެވެލް ޓާގެޓަކަށް އަމާޒުކޮށް ހަމަލާއެއް ދިނުމަށް ރާވަމުންދާކަމަށް މައުލޫމާތު 2020 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 22 ވަނަ ދުވަހު ލިބިފައިވާކަމަށް ވަނީ ބުނެފައެވެ. ރައީސް ނަޝީދަށް ހަރުކަށި ފިކުރުގެ ފަރާތްތަކުން ސަރވައިލްކުރުމުން ދާކަމުގެ މައުލޫމާތު ލިބިފައިވާކަމަށް އެމްއެންޑީއެފުން މިއިންކުއަރީއަށް މައުލޫމާތު ދީފައިވާކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ. އެއިރު ރައީސް ނަޝީދުގެ ތްރެޓް ލެވެލް ކްލެސިފައިކޮށްފައި އޮތީ "ސިވިއަރ"ގައި ކަމަށް ވަނީ ބުނެފައެވެ.

މީގެއިތުރުން ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީން ހުޅުމާލެ ދާއިރާއަށް ކުރިމަތިލެއްވި ކެންޑިޑޭޓް ރިޒްނާ ޒަރީރުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް މަރޗް މަހުގެ 12 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގެންނެވިއިރު ދީނީ ހަރުކަށި ފިކުރަށް ތާއީދުކުރާ ބައެއްކަމަށް ބެލެވޭ ބައެއް އެތަނުން ރައީސް ނަޝީދަށް ފާރަލަމުންދިޔަކަން ނަޝީދުގެ ކްލޯސް ޕްރޮޓެކްޝަން ޓީމުގެ މެމްބަރުންނަށް ފާހަގަކުރެވުނުކަމުގެ މައުލޫމާތު އެފަރާތްތަކުން އިންކުއަރީއަށް ދީފައިވާކަމަށް ވަނީ ބުނެފައެވެ. އެއިއިރު ރައީސް ނަޝީދުގެ ތްރެޓް ލެވެލް އޮތީ ކްރިޓިކަލްގައެވެ.

މީހަކަށް އާންމުކޮށް ފާރަލާނީ މައިގަނޑު ދެ ސަބަބަކަށްޓަކައި ކަމަށް މިއިންކުއަރީއަށް މައުލޫމާތު ދެއްވި މާހިރުން ފާހަގަކުރައްވާފައިވެއެވެ. ފުރަތަމަ ސަބަބަކީ މީހެއްގެ މަސައްކަތާއި ގުޅިގެން މިސާލަކަށް އޭނާ ކުރާ ވިޔަފާރިއަކާ ގުޅިގެން ނުވަތަ ސިޔާސީ ގޮތުން ބައްދަލުކުރާ ބައެއް ހޯދުންފަދަ ކަންކަމަށް ޖާސޫސް ކުރުމެވެ. ދެވަނަ ސަބަބަކީ މީހަކަށް ހަމަލާއެއް ދިނުމަށް ތައްޔާރުވުމަށްޓަކައި އޭނާގެ މޫވްމަންޓްތައް ނުވަތަ ހަރަކާތްތައް ބެލުމަށްޓަކައި ފާރަލުމެވެ.
އިންކުއަރީ ރިޕޯޓް

މިސަބަބުތަކަށް ބަލާއިރު ރައީސް ނަޝީދަށް ދީނީ ހަރުކަށި ފިކުރުގެ ބައެއް ފާރަލާނެ ސަބަބަކަށްވާނީ ރައީސް ނަޝީދަށް ހަމަލާއެއް ދިނުމަށް ތައްޔާރުވުމަށް ކަމަށް ވަނީ ބުނެފައެވެ. އެކަން އެގޮތަށް ފާހަގަކޮށް އެމްއެންޑީއެފްގެ "ރައީސް މުހައްމަދު ނަޝީދުގެ ތްރެޓް އެސެސްމަންޓް ރިޕޯޓް" ގައި ރައީސް ނަޝީދަށް ހަމަލާއެއް ދިނުމަށް ރާއްޖޭގައި ހަރަކާތްތެރިވާ ދީނީ ހަރުކަށި ފަރާތްތައް ގެންގުޅޭކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ވަނީ ބުނެފައެވެ.

ރައީސް މުހައްމަދު ނަޝީދަށް ހަމަލާއެއްދީ އެމަނިކުފާނު އަވަހާރަކޮށްލުމުގެ "އިންޓެންޝަން" ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ ދީނީ ހަރުކަށި ފަރާތްތައް ގެންގުޅޭކަމުގެ މައުލޫމާތު ލިބިފައިވެއެވެ.
އިންކުއަރީ ރިޕޯޓް

އިންކުއަރީއަށް މައުލޫމާތުދިން ތަޖުރިބާކާރުންނާއި ހަވާލާދީ ރިޕޯޓްގައި ބުނެފައިވަނީ މީހަކަށް ހަމަލާއެއް ދިނުމަށް ފުރިހަމަވާންޖެހޭނީ ތިން ކަމެއްކަމަށެވެ. ފުރަތަމަ ކަމަކީ ހަމަލާއެއް ދިނުމުގެ މޯޓިވް ނުވަތަ ނިޔަތް އޮތުންކަމާއި ދެވަނަ ކަމަކީ ހަމަލާއެއް ދިނުމުގެ ކޭޕަބިލިޓީ ނުވަތަ ގާބިލްކަން ހުރުންކަމަށެވެ. ތިން ވަނަ ކަމަކީ ހަމަލާ ދެވޭ މީހާއަށް އެކްސެސް ނުވަތަ ހަމަލާ ދިނުމަށް ހަމަލާ ދެވޭމީހާއަށް ވާސިލްވެވޭނެ ގޮތެއް އޮތުންކަމަށް ތަޖުރިބާކާރުން ފާހަގަކޮށްފައިވާކަމަށް ބުނެފައިވެއެވެ.

ދިވެހިރާއްޖޭގެ ސަލާމަތީ ކަންތައްތައް ގޮސްފައި އޮތް ހިސާބުން އާންމުކޮށް ޓެރަރިސްޓް ހަމަލާ ދީފާނެ ބައެއްގެ އޮންނާނެ "އިންޓެންޓް"، "ކެޕޭސިޓީ" އަދި "އެކްސެސް"ގެ ތެރެއިން އިންޓެންޓް އަދި ކޭޕަބިލިޓީ ދީނީ ހަރުކަށި ފިކުރުގެ މީހުންގެ ކިބައިގައި ހުރިކަމީ ޚިލާފު ނުއުފެދޭ މިންވަރަށް ކަށަވަރު ކުރެވިފައިވާ ކަމެއްކަމަށް، އެމްއެންޑީއެފް އާއި ފުލުހުން އިއްތިފާގުވެފައެވެ. ވީމާ މީހަކަށް ހަމަލާއެއް ދިނުމަށް އެފަދަ ބައެއް ބޭނުންވާނީ ހަމައެކަނި އެކްސެސްއެވެ.
އިންކުއަރީ ރިޕޯޓް

އިންކުއަރީ ރިޕޯޓްގައި އިތުރަށް ބުނެފައިވަނީ ރައީސް ނަޝީދަށް ތްރެޓް ލެވެލް "ސިވިއަރ" އަށް އަދި އެއަށްފަހު "ކްރިޓިކަލް" އަށް ބަދަލުކޮށްފައިވީއިރު އަދި "ސިވިއަރ"ގެ މާނައަކީ ހަމަލާއެއް ދިނުމަކީ ވަރަށް ބޮޑަށް އެކަށީގެންވާ ކަމެއްކަމާއި "ކްރިޓިކަލް" އަކީ ވަރަށް އަވަހަށް ހަމަލާއެއް ދީފާނެކަމަށް ބެލެވޭ ހާލަތެއްކަމަށްވީއިރު ރައީސް ނަޝީދަށް ބަޔަކު ފާރަލުމާއި ގުޅިގެން އެބަޔަކު ހޯދުމަށް ދޭންޖެހޭ އަހައްމިއްޔަތުކަން ދީގެން އެފަދަ ހަމަލާއެއް ދީފާނެ ބަޔަކު ދެނެގަތުމަށް މަސައްކަތް ކޮށްފައިވާކަމަށް ގަބޫލު ނުކުރެވޭކަމަށެވެ.

އެހެންކަމުން ހަމަލާއެއް ދިނުން ހުއްޓުވުމަށް ކުރަންޖެހޭނެ އެންމެ މުހިންމު މަސައްކަތްކަމަށްވާ، އެފަދަ ހަމަލާއެއް އަމާޒުކުރެވޭ މީހާއާ ހަމައަށް ވާސިލުވެވޭނެ ގޮތްތަކަށް ހުރަސްއެޅުމަށް ނުވަތަ ހަމަލާއެއް ދިނުމަށް ބޭނުންވާ ތަނެއްގައި އެއްޗެއް ބޭއްވުމަށް އެކްސެސް ހުއްޓުވުމަށް ހޯދަންޖެހޭ މައުލޫމާތު ހޯދާފައިނުވާކަމަށް އިންކުއަރީ ރިޕޯޓުން ވަނީ ފާހަގަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
100%
0%
0%
0%
ކޮމެންޓް