ކ. މާލެ
|
8 ޖުލައި 2021 | ބުރާސްފަތި 22:41
ވޯޓުލާގޮތް ބައްލަވާލެއްވުމަށް ރައީސް ނަޝީދު މަރުކަޒުތަކަށް ވަޑައިގެންނެވި ދުވަހު ސެކިޔުރިޓީންނާއެކު
ވޯޓުލާގޮތް ބައްލަވާލެއްވުމަށް ރައީސް ނަޝީދު މަރުކަޒުތަކަށް ވަޑައިގެންނެވި ދުވަހު ސެކިޔުރިޓީންނާއެކު
ޓްވިޓަރ
241 ކޮމިޓީން ކުރިޔަށްގެންދިޔަ އިންކުއަރީ
2018 ވަނަ އަހަރު ރާއްޖެ ވަޑައިގެންނެވިފަހުން ނަޝީދަށް އެކި ލެވެލްގައި ތްރެޓްތައް ލިބެމުން ދިޔަ: އިންކުއަރީ ރިޕޯޓް
 
މިއަހަރުގެ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހު ފޭސްބުކް އެކައުންޓަކުން އާންމުކުރި މަރާލަން ބޭނުންވާ މީހުންގެ ލިސްޓުގައި ނަޝީދުގެ ނަން ހިމެނޭ
 
2020 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 22 ވަނަ ދުވަހު ރާއްޖޭގެ ހައިލެވެލް ބޭފުޅުންނަށް ހަމަލާއެއް ދިނުމަށް ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވޭ
 
2019 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 29 ވަނަ ދުވަހު ރައީސް ނަޝީދު އަވަހާރަކޮށްލަން ބަޔަކު މަސައްކަތްކުރާ ކަމަށް ޑީއައިއެސް އަށް މައުލޫމާތު ލިބިފައިވޭ
 
2019 ވަނަ އަހަރުން ފެށިގެން ހަމަލާ ދިނުމާ ހަމައަށް ހިނގާފައިވާ އެފަދަ 9 ހާދިސާއެއް ވަނީ ހިމަނާފައި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ތްރެޓް ހިސްޓްރީގައި އިނގިރޭސިވިލާތުގައި ހުންނެވުމަށްފަހު 2018 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 1 ވަނަ ދުވަހު ރާއްޖެ އެނބުރި ވަޑައިގެންނެވިފަހުން ތަފާތު އެކި ތްރެޓްތައް ލިބިވަޑައިގަންނަވާފައިވާކަން އެނގޭކަމަށް ހަމަލާއާ ގުޅިގެން ކުރިޔަށް ގެންދިޔަ އިންކުއަރީން ހާމަވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީ ނުވަތަ 241 ކޮމިޓީން ކުރިޔަށް ގެންދިޔަ އިންކުއަރީ ރިޕޯޓް މިހާރު ވަނީ އާންމުކޮށްފައެވެ. މިރިޕޯޓްގައި ރައީސް ނަޝީދުގެ ތްރެޓް ހިސްޓްރީ ވަނީ ހިމަނާފައެވެ. އެގޮތުން ރައީސް ނަޝީދަކީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސް (އެމްއެންޑީއެފް)އިން ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދޭ ފަރާތެއްކަމުން އެމަނިކުފާނަށް ލިބެމުންދިޔަ ތްރެޓްތަކުގެ އަޕްޑޭޓުތައް އެމުއައްސަސާގެ ޑިފެންސް އިންޓެލިޖެންސް ސަރވިސް (ޑީއައިއެސް) އިން ބަލަމުން ގޮސްފައިވާކަމަށެވެ. އެގޮތުން އެކި ފަހަރުމަތުން ލިބިވަޑައިގެންނެވި ތްރެޓްތައް ރިޕޯޓްގައި ވަނީ ހިމަނާފައެވެ.

އެގޮތުން 2019 ވަނަ އަހަރުން ފެށިގެން ހަމަލާ ދިނުމާ ހަމައަށް ހިނގާފައިވާ އެފަދަ 9 ހާދިސާއެއް ވަނީ ހިމަނާފައެވެ.

އެންމެ ފުރަތަމަ ހާދިސާއެއްގެ ގޮތުގައި ހިމަނާފައިވަނީ 2019 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ކެމްޕެއިން ދަތުރެއްގައި ގދ މަޑަވެއްޔަށް ކުރެއްވި ދަތުރުފުޅުގައި ހަރުކަށި ފިކުރު ގަބޫލުކުރާ ބަޔަކު ރައީސް ނަޝީދަށް ހަމަލާދޭން އުޅޭކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާކަމަށް އިންކުއަރީއަށް މައުލޫމާތު ލިބިފައިވާކަމަށް ބުނެފައިވެއެވެ. އަދި ހަމައެއާއެކު ރައީސް ނަޝީދުގެ ތްރެޓް ލެވެލް "ސަސްބްޓޭންޝަލް" އަށް 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 25 ގައި ޑީއައިއެސް އިން ބަދަލުކޮށްފައިވެއެވެ.

2019 ވަނަ އަހަރުގެ ސެޕްޓެމްބަރ 4 ވަނަ ދުވަހު ފަނޑިޔާރުކަމަށް އަންހެން ބޭފުޅުން އައްޔަނުކޮށްފައިވާއިރު ސްޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނުކުރެވެނީ ރައްޔިތުންގެ މަޖިލީހުން ރުހުން ދީގެންނެވެ. ސްޕްރީމް ކޯޓަށް ފުރަތަމަ ފަހަރަށް އަންހެން ފަނޑިޔާރުން އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން 2019 ވަނަ އަހަރުގެ ދީފައިވަނީ ސެޕްޓެމްބަރ މަހުގެ 3 ވަނަ ދުވަހުއެވެ. ސްޕްރީމްކޯޓަށް އަންހެން ފަނޑިޔާރުން އައްޔަނުކުރުމަށް ނިންމުމާއި ގުޅުގެން އެ ނިންމުމާއި އެއްކޮޅަށް ވޯޓު ދޭ މަޖިލީހުގެ މެމްބަރުންތަކެއް މަރާލާނެކަމަށާއި ރައީސް ނަޝީދަކީ ފުރަތަމަ ޓާގެޓްކަމަށް ޑީއައިއެސް އަށް މައުލޫމާތު ލިބިފައިވެއެވެ. އަދި އެހާދިސާއާ ގުޅިގެންވެސް ރައީސް ނަޝީދުގެ ތްރެޓް ލެވެލް ސަބްސްޓޭޝަލް ކަމުގައި ކަނޑައަޅާފައިވެއެވެ.

2019 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 3 ވަނަ ދުވަހު ރައީސް ނަޝީދު އަވަހާރަކޮށްލަން ބަޔަކު ރާވަމުންދާކަމުގެ މައުލޫމާތު ހަރުކަށީ ފިކުރުގެ ފަރާތެއްގެ ކިބައިން ލިބިފައިވާކަމަށް ޓްވީޓްކުރުމާއި ގުޅިގެން ޑީއައިއެސް އިން ތްރެޓް އެސެސްކޮށްފައިވެއެވެ. އެޓްވީޓާ ގުޅިގެން އިތުރު މައުލޫމާތު ހޯދުމަށް މަސައްކަތްކުރި ނަމަވެސް ތްރެޓް ލެވެލް މަތިކުރަންޖެހޭ ވަރުގެ މައުލޫމާތެއް ލިބިފައިނުވާކަން ބަޔާންކޮށްފައިވެއެވެ.

އޮކްޓޯބަރ 17، 2019 ވަނަ ދުވަހު ރައީސް މުހައްމަދު ނަޝީދުގެ ބޮލަށް ވަޅިއެއް އަދި މެޔަށް ފުރޯއެއް ޖަހާފައިވާގޮތަށް އެޑިޓްކޮށްފައިވާ ފޮޓޯއެއް "އެންމެން އެކުގައި ދިވެހި" މިނަމުގައި ހަދާފައިވާ ފޭސްބުކް ޕޭޖެއްގައި ޕޯސްޓުކޮށްފައިވެއެވެ. އެޕޯސްޓާ ގުޅިގެން ޑީއައިއެސް އިން އެ ތްރެޓް އެސެސްކޮށްފައިވެއެވެ. ނަމަވެސް އެ މައުލޫމާތާ ގުޅިގެން އިތުރު ފިޔަވަޅެއް އަޅާފައެއްނުވެއެވެ.
އިންކުއަރީ ރިޕޯޓް

މީގެއިތުރުން 2019 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 29 ވަނަ ދުވަހުވެސް ރައީސް ނަޝީދު އަވަހާރަކޮށްލަން ބަޔަކު މަސައްކަތްކުރާ ކަމަށް ޑީއައިއެސް އަށް މައުލޫމާތު ލިބިގެން ތްރެޓް ލެވެލް ޑީއައިއެސް އިން އެސެސްކޮށްފައިވެއެވެ. ނަމަވެސް އޭރުގެ ހާލަތަށް ބަލާއިރު އިމިނެންޓް ތްރެޓެއްކަމަށް ކަނޑައެޅޭވަރަށް މައުލޫމާތު ލިބިފައިނުވާތީ ތްރެޓް ލެވެލަށް އިތުރު ބަދަލެއް ގެނެސްފައިނުވާކަމަށް ވަނީ އިންކުއަރީ ރިޕޯޓްގައި ބުނެފައެވެ.

2020 ވަނަ އަހަރުގެ ޖުލައި މަހުގެ 6 ވަނަ ދުވަހު އަޕްލޯޑްކޮށްފައިވާ ވީޑިއޯއެއްގައި ރައްޔިތުންގެ މަޖިލީހުން އިސްލާމީ ޝަރީޢަތާއި ޚިލާފުވާ ކަމަށާއި އަދި ގާނޫނުހެދުމަށް ހަދާފައިވާ އޮންނަ މަޖިލީހުން މާތްﷲ ހަރާމްކުރެއްވި ކަންތައްތައް ހަލާލުކުރާ ކަމަށާއި އަދި ހަލާލުކުރެއްވި ކަންތައްތައް ހަރާމްކުރާ ކަމަށް ވަނީ ބުނެފައެވެ. އަދި މިވީޑިއޯގައި ހަމަލާތައް ދިނުމަށާއި ޖިހާދަށް ދިޔުމަށް ގޮވާލާފައިވެއެވެ.

އަދި ހަރުކަށި ފިކުރުގެ ފަރާތްތަކުން ޓާގެޓްތައް ސެލެކްތްކުރުމުގައި ރައްޔިތުންގެ މަޖިލީހަށާއި މަޖިލީހުގެ މެމްބަރުންނަށް އަމާޒުކުރުމަށް ހިތްވަރުދޭފަދަ މޭރުމަކުން ވާހަކަތައް އެވީޑިއޯގައި ގެނެސްފައިވާކަން ފާހަގަކޮށްފައިވެއެވެ. އެވީޑިއޯއާ ގުޅިގެން ރައީސް ނަޝީދުގެ ތްރެޓް ލެވެލް އެސެސްކުރުމަށްފަހު ސަލާމަތީ މަސްރަހަށް އަންނަ ބަދަލުތަކަށް ރިޢާޔަތްކޮށް ތްރެޓް ލެވެލް ސިވިއަރ ކަމަށް ކަނޑައަޅާފައިވެއެވެ.
އިންކުއަރީ ރިޕޯޓް

މީގެއިތުރުން 2020 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 22 ވަނަ ދުވަހު ރާއްޖޭގެ ހައިލެވެލް ބޭފުޅުންނަށް ހަމަލާއެއް ދިނުމަށް ރާވަމުންދާ ކަމަށާއި އެގޮތުން ހަމަލާ ރައީސް ނަޝީދު އާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ޓާގެޓްކޮށްފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށް އިންކުއަރީ ރިޕޯޓްގައި ބުނެފައިވެއެވެ. މިމައުލޫމާތު އެސެސްކުރުމަށްފަހު އިމިނެންޓް ތްރެޓެއްގެ ގޮތުގައި ބެލެވިފައިނުވާކަމަށާއި އެހެންކަމުން ތްރެޓް ލެވެލް ސިވިއަރ ގައި ދެމެހެއްޓުމަށް ނިންމިއެވެ.

2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް އަމާޒުކޮށް ދީނުގެ ނަމުގައި ހަރުކަށި ފިކުރު ގަބޫލުކުރާ ފަރާތްތަކުން ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ ވިސްނުން ގެންގުޅޭކަމުގެ މައްޗަށް ބަލައި ދިވެހި ފުލުހުންގެ ޚިދުމަތުގެ އިންޓަލިޖެންސް ކޮމާންޑަށް މައުލޫމާތު ވަނީ ލިބިފައެވެ. އެމައުލޫމާތު އެމްއެންޑީއެފް އާ ހިއްސާކޮށްފައިވާކަމަށް ފުލުހުން ބުނެފައިވީނަމަވެސް އެފަރާތަށް މައުލޫމާތު ލިބިފައިނުވާކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
އިންކުއަރީ ރިޕޯޓް

މީގެއިތުރުން މިއަހަރުގެ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހު ފޭސްބުކް އެކައުންޓަކުން ވަނީ މަރާލަން ބޭނުންވާ މީހުންކަމަށް ބުނެ ލިސްޓެއް އާންމުކޮށް އިންޒާރުދީފައެވެ. އިންކުއަރީ ރިޕޯޓްގައި ވަނީ މިފޭސްބުކް އެކައުންޓްގެ ނަން އުނިކޮށްފައެވެ.

މިލިސްޓުގައި ރައީސް ނަޝީދުގެ ނަން ހިމެނިފައިވާކަމަށް ވަނީ ބުނެފައިވެއެވެ.

މިލިސްޓުގައި ރައީސް މުހައްމަދު ނަޝީދުގެ ނަން ހިމެނިފައިވެއެވެ. މިފަރާތްތައް މަރާލަން ބޭނުންވާ ސަބަބެއް ކަމަށް ބުނެފައިވަނީ މާތްﷲ އަށާއި ރަސޫލާއަށްޓަކައެވެ. ޑިފެންސް އިންޓަލިޖެންސް އިން ދެކޭގޮތުގައި މިއިންޒާރު ދީފައިވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ "މިޔުޒިކާ ގުޅޭ ގަރާރު" ގެ ސަބަބުންނެވެ.
އިންކުއަރީ ރިޕޯޓް

މިތްރެޓް އެސެސްކުރުމަށްފަހު ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު ރައީސް ނަޝީދުގެ ތްރެޓް ލެވެލްއަކީ ކްރިޓިކަލް ކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި ތްރެސްޓް އެސެސްމަންޓް ރިޕޯޓްގައި މަރޗް 2 ގައި އެމްއެންޑީއެފްގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕުގެ ކޮމާންޑަރު އެމައުލޫމާތު ހިއްސާކޮށްފައިވާކަމަށް އިންކުއަރީ ރިޕޯޓްގައި ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
0%
0%
0%
0%
ކޮމެންޓް