ކ. މާލެ
|
8 ޖުލައި 2021 | ބުރާސްފަތި 21:30
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
އިންކުއަރީ ރިޕޯޓް ހުށަހެޅުން
241 ކޮމިޓީގެ އިންކުއަރީ ރިޕޯޓް ހުށަހަޅާ ބަހުސް ފަށައިފި
 
ރިޕޯޓްގައި 242 ސަފްހާ ހިމެނޭއިރު ރިކޮމެންޑޭޝަންގެ ގޮތުގައި 45 ކަމެއް ވަނީ ހިމަނާފައި
 
ރާއްޖޭގައި ހަރުކަށި ފިކުރާއި ހައްދުފަހަނައަޅައި ދިޔުން މައްޗަށް ގޮސްފައިވާ މިންވަރު ފާހަގަވާކަމަށް ވިދާޅުވި
 
ރިޕޯޓްގައިވާ ކޮންމެ ލިޔުމަކީ އިންކުއަރީއަށް ލިބިފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ލިޔުންތަކެއް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މެއި 6ވަނަ ދުވަހު ދިން ހަމަލާއާ ގުޅިގެން ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ކުރިޔަށްގެންދިޔަ އިންކުއަރީގެ ރިޕޯޓް ހުށަހަޅައި، ބަހުސް ފަށައިފިއެވެ.

މިރިޕޯޓް މަޖިލީހަށް ހުށަހެޅުއްވީ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީ ނުވަތަ 241 ކޮމިޓީގެ މުޤައްރިރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރ މުޙައްމަދު އަސްލަމެވެ. އިންކުއަރީ ރިޕޯޓް ހުށަހަޅުއްވަމުން އަސްލަމް ވިދާޅުވީ މިރިޕޯޓުގައި ހިމެނޭ އެންމެހާ ކަންކަމަކީ އިންކުއަރީއަށް ހޯދާފައިވާ މައުލޫމާތުތައްކަމަށެވެ. އިންކުއަރީ އަށް ހާޒިރުކުރި ފަރާތްތަކުން ދީފައިވާ ޖަވާބުތަކަށް ރިޢާޔަތްކޮށް އަދި ލިޔެކިޔުންތަކަށް ރިޢާޔަތްކޮށް ލިޔެފައިވާ ލިޔުންތައްކަމަށް އަސްލަމް ވިދާޅުވިއެވެ.

އަދި މިއިން ކޮންމެ ވާހައަކީ ލިޔެކިޔުންތަކާއި، އިންކުއަރީއަށް ހާޒިރުވި ބޭފުޅުން ދެއްވާފައިވާ ޖަވާބަށް ބެލުމަށްފަހު ލިޔެފައިވާ ވާހަކަތަކެއްކަމަށް ވިދާޅުވިއެވެ.  

ހާޒިރުކުރި ފަރާތްތަކުން އިންކުއަރީގައި ކޮށްފައިވާ ސުވާލުތަކަށް ދެއްވާފައިވާ ޖަވާބާ ގުޅިގެން ލިޔެފައިވާ ލިޔުންތަކެއް. މިރިޕޯޓްގައި މިދެންނެވި ލިޔުންތަކުންނާއި ދެއްވާފައިވާ ޖަވާބުން ބާރު ލިބިގެން ނޫނީ ހަމަ އެންމެ އަކުރެއްވެސް އެންމެ ފިއްޔެއްވެސް ލިޔެފައިނުވާނެ ކަން އެންމެ މެމްބަރުންގެ ސަމާލުކަމަށް ދަންނަވަން. އަދި މިއިން ކޮންމެ ވާހަކައެއް އަޅުގަނޑުމެން ލިޔެފައިވާނީ ފުޓް ނޯޓުގައި އަޅުގަނޑުމެން ރިފަރ ކުރާއި ޔައުމިއްޔާ ނަންބަރު ކަމަށްވަނީނަމަ ޔައުމިއްޔާ ނަންބަރު އެ ރިފަރކުރާ ޑޮކިޔުމަންޓަށް ރިފަރކޮށްފައިކަން ފާހަގަކުރަން.
 ހިތަދޫ އުތުރު ދާއިރާގެ މެމްބަރ މުޙައްމަދު އަސްލަމް

މި ރިޕޯޓްގައި 242 ސަފްހާ ހިމެނޭއިރު ރިކޮމެންޑޭޝަންގެ ގޮތުގައި 45 ކަމެއް ވަނީ ހިމަނާފައެވެ.

އިންކުއަރީ ހެދުމުން ކަންބޮޑުވާ ވަރަށް ގިނަ ކަންކަން ފާހަގަވެގެން ގޮސްފިކަަމަށް އަސްލަމް ވިދާޅުވިއެވެ. ވަކިން ޚާއްސަކޮށް ރާއްޖޭގައި ހަރުކަށި ފިކުރާއި ހައްދުފަހަނައަޅައި ދިޔުން މައްޗަށް ގޮސްފައިވާ މިންވަރު ފާހަގަވާކަމަށް ވިދާޅުވިއެވެ. އަދި އެފަދަ ފަރާތްތަކާ ދެކޮޅަށް މަސައްކަތްކުރުމަށް މުއައްސަސާތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ފާހަގަކުރެވިފައިވާކަމަށް އަސްލަމް ވިދާޅުވިއެވެ.

މިއީ ކަންބޮޑުވުމެއްކަމަށް ވިދާޅުވެ ހަރުކަށި ފިކުރާ ދެކޮޅަށް ކުރަންޖެހޭ ހަނގުރާމައިގައި އެންމެން އެކައްޗެއް ކިޔައި އެއްގަލަކަށް އަރަންޖެހޭ ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި އަމަލުކުރަންޖެހޭ ގާނޫނުތައް އެކުލަވާލާ ފްރޭމް ވޯރކެއް އެކުލަވާލަން ޖެހޭކަމަށް އަސްލަމް ވިދާޅުވިއެވެ.

ލިބޭ މައުލޫމާތަށް އަމަލުނުކުރުމާއި އަޅަންޖެހޭ ފިޔަވަޅުތައް ނޭޅުން އަޅުގަނޑުމެންނަށް ހިތާމައަކާއެކު ފާހަގަކުރެވުނު. އެފަދަ ކަންކަމުން ވީހާވެސް އަވަހަށް ސަލާމަތްވާން ޖެހޭ. ރިޕޯޓްގައި ވާނެ 205 ކަމެއް ފާހަގަކުރެވުނު ކަން ބަޔާންކޮށްފައި.
 ހިތަދޫ އުތުރު ދާއިރާގެ މެމްބަރ މުޙައްމަދު އަސްލަމް

ކޮމިޓީން އިންކުއަރީ ރިޕޯޓް ފާސްކޮށްފައިވަނީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ 13 މެމްބަރުންގެ އިއްތިފާގުންނެވެ. މިއީ ގައުމީ ސަލާމަތާ ގުޅުންހުރި މައުލޫމާތު ހިމެނޭ ރިޕޯޓަކަށް ވާތީ މި ރިޕޯޓްގެ ބައެއް މައުލޫމާތުތަކީ ސިއްރުކޮށްފައިވާ މައުލޫމާތުތަކެވެ. އެހެންނަމަވެސް އިންކުއަރީ ރިޕޯޓްގެ ފުރިހަމަ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާއާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އުއްތަމަ ފަނޑިޔާރަށް އަރުވާނެކަމަށް އަސްލަމް ވިދާޅުވިއެވެ. މިހާރު ހިނގަމުންދާ ތަހުގީގާ ގުޅޭ މައުލޫމާތާއި ސީދާ ބައެއް ފަރާތްތަކުގެ ނަންތައް ހިމެނޭތީ އާންމުކުރާ ރިޕޯޓްގައި އެތަންތަން ހުންނާނީ އުނިކުރެވިފައެވެ. ނަމަވެސް އެމައުލޫމާތުތައް އުނިކުރެވޭ ސަބަބު ބަޔާންކޮށްފައިވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ރިޕޯޓްގެ 9 ވަނަ ބައިގައި ރައީސް ނަޝީދަށް ހަމަލާދިން ގޮތް ބަޔާންކޮށްފައިވާއިރު ރައީސް ނަޝީދުގެ ޕްރޮފައިލް އަދި ތްރެޓް ހިސްޓްރީ ބަޔާންކޮށްފައިވެއެވެ. މީގެއިތުރުން ރައީސް ނަޝީދަށް ހަމަލާދިން ވަގުތު ކަންކަން ހިނގައިދިޔަ ގޮތާއި ލިބިވަޑައިގެންނެވި ޒަޚަމްތައް ވެސް ރިޕޯޓްގައި ހިމަނާފައިވެއެވެ. އަދި ހަމަލާދިނުމުގެ ކުރީގައި ކަންކަން ހިނގާފައިވާ ގޮތާއި އޭގެ ފަހުން ކަންކަން ހިނގާދިޔަ ގޮތްވެސް ވެއެވެ. ހަމަލާދިނުމުގެ ކުރިން ހިނގައިދިޔަ ކަންކަމުގެ ގޮތުގައި ފަސް ކަމެއް ފާހަގަކޮށްފައިވާއިރު ހަމަލާދިނުމަށްފަހު ކަންކަން ހިނގައިދިޔަ ގޮތުގެ 19 ކަމަކަށް އިންކުއަރީގައި ބަލާފައިވެއެވެ.

މީގެއިތުރުން އޭޑީކޭ ހޮސްޕިޓަލްގެ ސެކިޔުރިޓީ ކަންކަމާއި ހޮސްޕިޓަލުގެ ފާޚާނާއިން ފެނުނު ފިސްތޯލައާ ގުޅޭގޮތުން 4 ކަމެއް ފާހަގަކޮށްފައިވެއެވެ. އަދި ރައީސް ނަޝީދަށް ސެކިޔުރިޓީ ދޭގޮތާއި، ހަމަޖެހިފައިވާ އުސޫލާއި، އެ އުސޫލުން ސެކިޔުރިޓީ ފޯރުކޮށްދޭތޯ އިންކުއަރީން ބަލައި އެކަންކަން ވަނީ ރިޕޯޓްގައި ހިމަނާފައެވެ. އެގޮތުން ގޭގައި އުޅުއްވާ ގަޑިތަކާއި ކަނޑުމަތީގައާއި މަގުމަތީގައި އުޅުއްވާ ގަޑިތަކުގެ އިތުރުން ވައިގެ މަގުން ދަތުރުކުރައްވާއިރު ސެކިޔުރިޓީ ފޯރުކޮށްދޭގޮތް ވަނީ ބަލާފައެވެ. މީގެއިތުރުން ރައީސް ނަޝީދުގެ ތްރެޓް ޕްރޮފައިލް އާއި ރައީސް ނަޝީދަށް ސެކިޔުރިޓީ ދޭ ޓީމުގެ ތަޖުރިބާ އާއި ތަމްރީންތަކަށް ބަލާފައިވެއެވެ. އަދި އެސްއޯޕީތަކަށް ފޮލޯކޮށްފައިވޭތޯ އާއި އެކަމާ ގުޅޭ ހޯދުންތައް ރިޕޯޓްގައި ހިމަނާފައިވެއެވެ. މައިގަނޑު 20 ކަމެއް ހިމަނާފައިވާއިރު ރިކޮމެންޑޭޝަންގެ ގޮތުގައި 45 ކަމެއް ވަނީ ހިމަނާފައެވެ. މީގެތެރޭގައި ރައީސް ނަޝީދުގެ ސެކިޔުރިޓީއާ ގުޅިގެން ވަކި ރިކޮމެންޑޭޝަންތަކެއް ވަނީ ހިމަނާފައެވެ.

މިރިޕޯޓަށް މެމްބަރުން ބަހުސްކުރެއްވުމަށްފަހު ރިޕޯޓް ފާސްކުރުމަށް ވޯޓަށް އަހާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް