ކ. މާލެ
|
8 ޖުލައި 2021 | ބުރާސްފަތި 20:00
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ބިލް ފާސްކުރުން
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިސްގެ ނަމުގައި ވަކި އިދާރާއެއް އުފައްދާގޮތަށް، ތަފާސްހިސާބުގެ ބިލް ފާސްކޮށްފި
 
ތަފާސްހިސާބުގެ ގައުމީ ނިޒާމު ކުރިއެރުވުމަށް ލަފާދިނުމަށް ސްޓެޓިސްޓިކްސް ކައުންސިލުގެ ނަމުގައި ކައުންސިލެއް އޮންނަންޖެހޭ
 
ބިލް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 49 މެމްބަރުންގެ އިއްތިފާގުން

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިސްގެ މަސައްކަތްތަކާއި, ދިވެހިރާއްޖޭގެ ތަފާސްހިސާބާގުޅޭ ސިޔާސަތުތައް އެކުލަވާލުމަށާއި، ތަފާސްހިސާބުގެ ޤައުމީ ނިޒާމު ކުރިއެރުވުމަށް ލަފާދިނުމަށް، ސްޓެޓިސްޓިކްސް ކައުންސިލުގެ ނަމުގައި ކައުންސިލެއް އޮންނަންވާނެކަމަށް ބަޔާންކޮށް ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ބިލް މަޖިލީހުން ފާސްކޮށްފިއެވެ.

މިބިލް ފާސްކޮށްފައިވަނީ ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާގައި ބިލް ފާސްކުރުމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 49 މެމްބަރުންގެ އިއްތިފާގުންނެވެ.

މިބިލްގެ މަގްސަދުތަކުގެ ތެރޭގައި ދިވެހިރާއްޖޭގައި ތަފާސްހިސާބާބެހޭ ގައުމީ ނިޒާމެއް ގާއިމުކޮށް ރަސްމީ ތަފާސްހިސާބު އެއްކުރުމާއި، އެއްކުރެވޭ މައުލޫމާތުގެ ނަތީޖާ ހޯދުމާއި އާންމުކުރުމާއި ބޭނުންކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކުރުން ހިމެނެއެވެ. މީގެއިތުރުން ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ދާއިރާ ތަރައްގީކުރުމާއި، ގައުމުގެ އިޤްތިޞާދީ، އިޖްތިމާޢީ އަދި ތިމާވެށީގެ ހާލަތު އަންގައިދޭ މުހިންމު ތަފާސްހިސާބު ގައުމީ ފެންވަރުގައި އެއްކޮށް، ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުންނަށް އިތުބާރުހުރި ގޮތެއްގައި އެއްހަމައެއްގައި ފޯރުކޮށްދިނުމަކީވެސް މިބިލްގެ މަގްސަދެކެވެ.

މިގާނޫނަށް އަމަލުކުރަން ފެށުމާއެކު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ދަށުން ހިންގަމުން އައި ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގައި މަސައްކަތް ކުރަމުންދާ އެންމެހައި މުވައްޒަފުން މިގަނޫނުގެ ދަށުން އުފެދޭ އިދާރާއަށް ބަދަލުވެގެންދާނެއެވެ. އަދި ބިއުރޯގެ ފަންނީ އަދި އިދާރީ މުވައްޒަފުންގެ ވަޒީފާގެ ގިންތިތަކާއި މަސްއޫލިއްޔަތުތައް ބަޔާންކުރާ އިދާރީ އޮނިގަނޑެއް މިނިސްޓްރީގެ ލަފާގެމަތިން ބިއުރޯއިން އެކުލަވާލައި، ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހަޅަންޖެހެއެވެ. އަދި، އެ އޮނިގަނޑުގައި ބިއުރޯގެ މުވައްޒަފުންގެ މަގާމުތަކުގެ ޝަރުތުތަކާއި އެކި ކަންކަމަށް މުވައްޒަފުން ތިބެންވާނެ އަދަދު ކަނޑައަޅާފައި އޮންނަންވާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.

މީގެއިތުރުން މިބިލްގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ، ޗީފް ސްޓެޓިސްޓީޝަނެއް އައްޔަނުކުރަން ޖެހެއެވެ. މިއީ މިއިދާރާގެ އެންމެ އިސް ފަރާތެވެ. މިގާނޫނަށް އަމަލުކުރަން ފެށުމަށްފަހު އައްޔަނުކުރާ ފުރަތަމަ ޗީފް ސްޓެޓިސްޓީޝަން، މި ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވަންވާނެ ކަމަށް ވަނީ ބިލްގައި ހިމަނާފައެވެ.

އަދި މިގާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ކައުންސިލްގައި ތިއްބަވާ މެންބަރުންގެ ގޮތުގައި ސްޓެޓިސްޓިކަލް ކައުންސިލަށް އައްޔަނުކުރަންވާނީ، ތަފާސްހިސާބު، ނުވަތަ އިކޮނޮމިކްސް، ނުވަތަ ޑެމޮގްރަފީ، ނުވަތަ ސޯޝަލް ސައިންސް، ނުވަތަ އެންވަޔަރަމަންޓަލް ސްޓަޑީސް، ނުވަތަ ޑޭޓާ ސައިންސް، ނުވަތަ އެކައުންޓިންގ ފަދަ ރޮނގަކުން ޑިގްރީއެއް ނުވަތަ އެއާ އެއް ފެންވަރުގެ ސަނަދެއް ހާސިލުކޮށް، ހިންގުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކެއްކަމަށް ވަނީ ބުނެފައެވެ.

އަދި ސްޓެޓިސްޓިކަލް ކައުންސިލަށް މެމްބަރުން އައްޔަނުކުރައްވާނީ މިނިސްޓަރުކަމަށް ވަނީ ބުނެފައެވެ. ސްޓެޓިސްޓިކަލް ކައުންސިލްގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓަވާނީ ޗީފް ސްޓެޓިސްޓީޝަނެވެ. ޗީފް ސްޓެޓިސްޓީޝަން ފިޔަވައި ސްޓެޓިސްޓިކަލް ކައުންސިލަށް ޢައްޔަންކުރެވޭ މެންބަރުންގެ މެންބަރުކަމުގެ މުއްދަތަކީ 5 އަހަރު ދުވަހެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް