ކ. މާލެ
|
7 ޖުލައި 2021 | ބުދަ 09:44
އާޖެންޓީނާ އާއި ކޮލަމްބިއާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އާޖެންޓީނާ މޮޅުވީ ޕެނަލްޓީގައި 3-2 ން
އާޖެންޓީނާ އާއި ކޮލަމްބިއާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އާޖެންޓީނާ މޮޅުވީ ޕެނަލްޓީގައި 3-2 ން
ގެޓީ އިމޭޖަސް
ކޮޕާ އެމެރިކާ
ފައިނަލުގެ ފަހު ޖާގަ އާޖެންޓީނާއަށް
 
ކޮލަމްބިއާ އަތުން އާޖެންޓީނާ މޮޅުވީ ޕެނަލްޓީގައި 3-2 ގެ ނަތީޖާއަކުން
 
މުބާރާތުގެ ފައިނަލުގައި އާޖެންޓީނާ ނުކުންނަން ޖެހޭނީ ބްރެޒިލާ ދެކޮޅަށް

ދެކުނު އެމެރިކާގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ ކޮޕާ އެމެރިކާގެ ސެމީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ކޮލަމްބިއާ ބަލިކޮށް ފައިނަލަށް އާޖެންޓީނާ ދަތުރުކޮށްފިއެވެ.

ބްރެޒިލުގައި ކުރިއަށްދާ މި މުބާރާތުގައި ބުދަ ދުވަހު ހެނދުނު ކުޅުނު ސެމީގެ ދެވަނަ މެޗު ފުރިހަމަ ވަގުތު ހަމަވިއިރު ދެ ގައުމުވެސް ވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ.

އެސްޓާޑިއޯ ނަސިއޮނާލުގައި ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އާޖެންޓީނާއެވެ. މެޗު ފަށައިގެން ހަތްވަނަ މިނެޓުގައި އޭރިއާ ތެރެއިން ކެޕްޓަން ލިއޮނެލް މެސީ ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލަޓާރޯ މާޓީނޭޒެވެ.

އޭގެ ފަހުން ކޮލަމްބިއާއިން ގިނަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް، އާޖެންޓީނާގެ ގޯލްކީޕަރު އެމިލިއާނޯ މާޓީނޭޒް ވަނީ އެ ހަމަލާތައް ހުއްޓުވާފައެވެ. އެކަމަކު މެޗުގެ 61 ވަނަ މިނެޓުގައި ކޮލަމްބިއާއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. އެޑްވިންގެ އެހީތެރިކަމާއެކު މި ލަނޑު އެ ޓީމަށް ކާމިޔާނިކޮށްދިނީ ލުއިސް ޑިއާޒެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ގައުމު އެއްވަރުވެފައި އޮތުމުން، މުބާރާތުގެ ގަވާއިދުގައިވާ ގޮތުން އިތުރު ވަގުތުގެ ދެ ހާފު ނުކުޅެ، ނަތީޖާ ނެރެން ޕެނަލްޓީ ވަނީ ޖަހާފައެވެ. ޕެނަލްޓީގައި އާޖެންޓީނާއިން ކުރިހޯދާފައިވަނީ 3-2 ގެ ނަތީޖާއަކުންނެވެ. މި ޕެނަލްޓީ ޝޫޓްއައުޓުގައި އާޖެންޓީނާގެ ގޯލްކީޕަރު އެމިލިއާނޯ މާޓީނޭޒް ވަނީ ކޮލަމްބިއާގެ ތިން ޕެނަލްޓީއެއް ހުއްޓުވާފައެވެ.

މި މޮޅާއެކު މުބާާރާތުގެ ފައިނަލަށް އާޖެންޓީނާ ދަތުރުކުރިއިރު، ފައިނަލުގައި އެ ގައުމު ބައްދަލުކުރަން ޖެހޭނީ ބްރެޒިލާއެވެ. ބްރެޒިލާ ދެކޮޅަށް އެންމެ ފަހުން އާޖެންޓީނާއިން ކޮޕާ އެމެރިކާ ފައިނަލެއްގައި ކުޅެފައިވަނީ 2007 ވަނަ އަހަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް