ފުޓްބޯޅައިގެ އެންމެ ވަރުގަދަ ދެ ބައްރު ކަމަށްވާ ޔޫރަޕުގެ ޗެމްޕިއަނުންނާއި ދެކުނު އެމެރިކާގެ ޗެމްޕިއަނުން ވާދަކުރާ މެޗު އަންނަ އަހަރުގެ ޖޫން މަހު ކުޅެން ދެ ބައްރުގެ ފުޓްބޯޅައިގެ މައި އިދާރާ، ޔުއެފާ އާއި ކޮންމެބޯލުން ނިންމައިފިއެވެ.
މި އަހަރުގެ ހޫނު މޫސުމުގައި ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ އިޓަލީންނެވެ. އަދި ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަން ހޯދާފައިވަނީ އާޖެންޓީނާއިންނެވެ. އެހެންކަމުން ޔުއެފާ އާއި ކޮންމެބޯލުން ވަނީ އިޓަލީ އާއި އާޖެންޓީނާ ބައްދަލުކުރާ މެޗު އަންނަ އަހަރުގެ ޖޫން މަހުގައި ކުޅެން ނިންމާފައެވެ. އެކަމަކު މި މެޗު ކުޅޭނެ ސްޓޭޑިއަމަކާއި ތާރީޚެއް އަދި އިއުލާންކޮށްފައެއް ނުވެއެވެ.
އަންނަ އަހަރު ފުޓްބޯޅައިގެ އެންމެ ވަރުގަދަ ދެ ބައްރުގެ ޗެމްޕިއަނުން ކުރިމަތިލާއިރު، މީގެ ކުރިން ދެ ފަހަރެއްގެ މަތިން ވަނީ ޔޫރޯ އާއި ކޮޕާ އެމެރިކާގެ ޗެމްޕިއަނުންގެ މެދުގައި ސުޕަ ކަޕް މެޗު ކުޅެފައެވެ. އެއީ 1985 ވަނަ އަހަރާއި 1993 ވަނަ އަހަރެވެ. ކާރު އެކްސިޑެންޓެއްގައި މަރުވި ޔުއެފާގެ ކުރީގެ ރައީސް އިޓަލީގެ އާޓެމިއޯ ފްރާންޗީގެ ނަމުން ނަން ދީގެން އޭރު ކުޅުނު އެ މެޗުގައި ފުރަތަމަ ފަހަރަށް 1983 ގައި ވާދަކުރީ އުރުގުއޭ އާއި ފްރާންސެވެ. އެ މެޗުން ފްރާންސް މޮޅުވިއިރު، ދެވަނަ މެޗުގައި 1993 ވަނަ އަހަރު އާޖެންޓީނާއިން ވަނީ ޑެންމާކް ބަލިކޮށްފައެވެ.
ޔޫރަޕުގެ ޗެމްޕިއަނުންނާއި ދެކުނު އެމެރިކާގެ ޗެމްޕިއަނުންގެ މެދުގައި ޚާއްސަ މެޗެއް ކުޅޭއިރު، މި ދެ ބައްރުން އަންނަނީ ގުޅިގެން ގިނަ ހަރަކާތްތަކެއްވެސް ކުރިއަށްގެންދަމުންނެވެ. އެގޮތުން މި ފަހަރުގެ ޔޫރޯގައި ދެކުނު އެމެރިކާގެ ރެފުރީން އިންސާފުކުރިއިރު، ކޮޕަ އެމެރިކާގައި ޔޫރަޕުގެ ރެފުރީން ވަނީ އިންސާފުކޮށްފައެވެ.
ޔުއެފާ އާއި ކޮންމެބޯލް ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، ކޮންމެ ދެ އަހަރަކުން އެއް އަހަރު ފީފާ ވޯލްޑް ކަޕް ބާއްވާ ގޮތަށް ފީފާއިން ދާދި ފަހުން ހުށަހެޅި ޕްރޮޕޯސަލަށް އެންމެ ދެކޮޅު ހަދަމުން އަންނަ ބަޔަކީވެސް ޔުއެފާ އާއި ކޮންމެބޯލެވެ. އެކަމަކު ފީފާގެ އެ ޕްރޮޕޯސަލަށް ގިނަ ގައުމުތަކަކުން ތާއީދުކޮށްފައިވާއިރު، އެ ޕްރޮޕޯސަލް ޕްރޮމޯޓުކުރުމަށް އެންމެ ބޮޑަށް ހަރަކާތްތެރިވަމުން އަންނަ އެއް ބައްރަކީ އޭޝިއާއެވެ.