ސައުތު އެމެރިކާގެ ޗެމްޕިއަން އާޖެންޓީނާ އާއި ޔޫރަޕުގެ ޗެމްޕިއަން އިޓަލީ ބައްދަލުކުރި ފައިނަލިސިމާ މެޗު އާޖެންޓީނާ ކާމިޔާބު ކޮށްފިއެވެ.
އިނގިރޭސިވިލާތުގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު އާޖެންޓީނާ ކާމިޔާބުކުރީ 3-0ންނެވެ. މެޗުގައި ރަނގަޅަށް ކުޅުނު އާޖެންޓީނާ ފުރަތަމަ ހާފުގައި ދެލަނޑު ޖެހިއެވެ. ފުރަތަމަ ހާފުގެ 28 ވަނަ މިނެޓުގައި އާޖެންޓީނާއަށް ލީޑު ނަގައިދިނީ ލިއޮނެލް މެސީ ދިން ކަޓް ޕާހަކުން ލައުޓާރޯ މާޓިނޭޒްއެވެ. އޭގެ ފަހުން، ފުރަތަމަ ހާފު ނިމެނިކޮށް އާޖެންޓީނާއަށް ލީޑު ފުޅާކޮށްދިނީ އެންހެލް ޑިމާރިއާއެވެ. މިއީ ފުރަތަމަ ލަނޑު ޖެހި މާޓިނޭޒް ދިން ތުރޫ ބޯޅައެއް އިޓަލީގެ ކީޕަރު ޑޮނަރޫމާގެ ބޯމަތިން ގޯލުގެ ތެރެއަށް ސޮއްސާލައިގެން ޑިމާރިއާ ކާމިޔާބުކޮށްދިން ހިތްގައިމު ލަނޑެކެވެ.
ދެވަނަ ހާފުގައިވެސް އާޖެންޓީނާއަށް ލީޑު ފުޅާކުރުމަަށް ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. ނަމަވެސް ޑިމާރިއާ ގޯލުގެ ކަނަށް ފޮނުވާލި ބޯޅަ އިޓަލީގެ ކީޕަރު ޑޮނަރޫމާ ދިފާއުކުރިއިރު، އޭރިއާ ބޭރުން ޑިމާރިއާ ފޮނުވާލި ބާރު ވޮލީ ގޯލަށް ވަނަނުދީ ހުރަސްއެޅީވެސް ޑޮނަރޫމާއެވެ. އިޓަލީގެ އޭރިއާ ތެރެއިން ހުސްކޮށްލުމަށް ފަހު ލޮސެލްސޯއަށް މެސީ ދިން ބޯޅަ އޭނާއަށް ހުސް ގޯލުގެ ތެރެއަށް ފޮނުވާ ނުލެވުނެވެ. އޭގެ ފަހުން މެސީ އުފެއްދި ދެހަމަލާވެސް މަތަކުރީ ޑޮނަރޫމާއެވެ.
މުޅި މެޗުގައިވެސް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ޓެސްޓު ކޮށްލެވޭ ވަރުގެ ހަމަލާއެއް އިޓަލީއަށް ނުއުފެއްދުނެވެ.
އާޖެންޓީނާގެ ފަހި ލަނޑު ކާމިޔާބު ކޮށްދިނީ މެޗުގެ ފަހު ވަގުތުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ޕައުލް ޑިބާލާއެވެ.
މި ނަތީޖާއާއެކު އިޓަލީގެ ތަޖުރިބާކާރު ޑިފެންޑަރު ޖިއޮޖިއޯ ކިއެލީނީގެ އިންޓަރނޭޝަނަލް ފުޓްބޯޅަ ކެރިއަރު ނިންމާލަން ޖެހުނީ ބައްޔަކުންނެވެ. ކިއެލީނީ ވަނީ ޖުމްލަ 117 މެޗު އިޓަލީއަށް ކުޅެދީފައެވެ.
އަނެއްކޮޅުން މި މެޗުން މޮޅުވުމަކީ ކުރިއަށް އޮތް ފީފާ ވޯލްޑް ކަޕަށް ވާއިރަށް އާޖެންޓީނާއަށް ލިބުނު ރަނގަޅު ތަޖުރިބާއެކެވެ. މިފަހަރުގެ ވޯލްޑް ކަޕަށް އިޓަލީ ކޮލިފައި ނުވެއެވެ.