ކ. މާލެ
|
6 ޖުލައި 2021 | އަންގާރަ 07:37
ބްރެޒިލާއި ޕެރޫ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބްރެޒިލް މޮޅުވީ 1-0 ން
ބްރެޒިލާއި ޕެރޫ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބްރެޒިލް މޮޅުވީ 1-0 ން
ގެޓީ އިމޭޖަސް
ކޮޕާ އެމެރިކާ
ޕެރޫ ބަލިކޮށް ބްރެޒިލް ފައިނަލަށް
 
ސެމީގައި ޕެރޫ އަތުން ބްރެޒިލް މޮޅުވީ 1-0 ގެ ނަތީޖާއަކުން
 
ފައިނަލުގައި ބްރެޒިލް ވާދަކުރަން ޖެހޭނީ އާޖެންޓީނާ ނުވަތަ ކޮލަމްބިއާއާ

ދެކުނު އެމެރިކާގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ ކޮޕާ އެމެރިކާގެ ފައިނަލަށް އެންމެ ފަހުގެ ޗެމްޕިއަން ބްރެޒިލް ދަތުރުކޮށްފިއެވެ.

އަމިއްލަ ގައުމުގައި ކުރިއަށްދާ މި މުބާރާތުގެ ފައިނަލަށް ބްރެޒިލް ދަތުރުކުރީ އަންގާރަ ދުވަހުގެ ފަތިހު ކުޅުނު ސެމީ ފައިނަލް މެޗުން ޕެރޫ އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. މި މެޗުން ހަނި ގޮތަކަށް ބްރެޒިލް މޮޅުވި ނަމަވެސް، ގްރޫޕް ސްޓޭޖުގައި މި ދެ ގައުމު ކުޅުނު މެޗުން ބްރެޒިލް ވަނީ ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

ބްރެޒިލުގެ އެސްޓާޑިއޯ އޮލިމްޕިކޯ ސްޓޭޑިއަމުގައި މިއަދު ކުޅުނު ސެމީގެ މެޗުގެ ފުރަތަމަ ހާފުގައި ބްރެޒިލަށް ވަނީ ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެކަމަކު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑުވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައެވެ. މެޗުގެ 35 ވަނަ މިނެޓުގައި ނޭމާ ދިން ބޯޅައަކުން މި ލަނޑު އެ ގައުމަށް ކާމިޔާބުކޮށްދިނީ ލޫކަސް ޕަކޭޓާއެވެ.

މި މެޗުގެ ދެވަނަ ހާފުގައި ޕެރޫއަށްވެސް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައިރު، އެ ޓީމުގެ ހަމަލާތައް ހުއްޓުވުމުގައި ބްރެޒިލުގެ ގޯލްކީޕަރު އެޑަސަން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. އަދި މި ހާފުގައި ބްރެޒިލުގެ ނޭމާއަށްވެސް ވަނީ ލީޑު ފުޅާކުރަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މި މޮޅާއެކު ކޮޕާ އެމެރިކާގެ ފައިނަލަށް ބްރެޒިލް ދަތުރުކުރިއިރު، ފައިނަލުގައި ބްރެޒިލް ބައްދަލުކުރަން ޖެހޭނީ އާޖެންޓީނާ އާއި ކޮލަމްބިއާ ކުޅޭ ސެމީގެ މެޗުން މޮޅުވާ ޓީމަކާއެވެ. އެ މެޗު ކުޅޭނީ ބުދަ ދުވަހުގެ ހެނދުނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
50%
0%
50%
0%
0%
ކޮމެންޓް