އިންޑިއާގެ ކޮވިޑް-19ގެ ހާލަތު ގޯސްވެ އެގައުމުން އުފައްދަމުން ދިޔަ ކޮވިޑް ވެކްސިންތައް އެކްސްޕޯޓްކުރުން ހުއްޓާލާފައިވާ ދަނޑިވަޅުގައި ގޮންޖެހުންތަކާއެކު ވެސް ރާއްޖެއަށް ބޭނުންވާ ވެކްސިންގެ ޑޯޒްތައް ފޯރުކޮށްދީފިއެވެ.
ރާއްޖެއަށް ބޭނުންވާ ކޮވިޝީލްޑް ވެކްސިންގެ ޑޯޒްތައް މިހާރު ރާއްޖެއަށް ލިބިފައިވާއިރު، ކޮވިޝީލްޑް ވެކްސިންގެ ދެ ވަނަ ޑޯޒް ޖެހުމުގެ މަސައްކަތް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ ފަށާފައެވެ. އެގޮތުން އެޕޮއިންޓްމެންޓްގެ އުސޫލުން ވެކްސިން ޖެހުމުގެ ކަންތަައްތައް ކުރިއަށް ގެންދާއިރު، އަލަށް މި ލިބުނު ވެކްސިންގެ ޑޯޒްތަކާއެކު ދަތިކަމެއް ނެތި ރައްޔިތުންނަށް ވެކްސިން ޖެހޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ފާހަގަކުރައްވައެވެ.
ރާއްޖޭޭގައި ކޮވިޑް-19 ވެކްސިނޭޝަން ޕްރޮގްރާމް ފެބްރުއަރީ އެއް ވަނަ ދުވަހު ފަށާފައި ވަނީ އިންޑިއާއިން ފޯރުކޮށްދިން ކޮވިޝީލްޑް ވެކްސިންގެ ޑޯޒްތަކުންނެވެ. އޭރު ފޯރުކޮށްދީފައި ވަނީ އެއް ލައްކަ ޑޯޒެވެ. ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހު އިންޑިއާއިން ވަނީ ކޮވިޝީލްޑް ވެކްސިންގެ އިތުރު އެއް ލައްކަ ޑޯޒް ރާއްޖެއަށް ފޯރުކޮށްދީފައެވެ. އިންޑިއާގެ ސިރަމް އިންސިޓިޓިއުޓްއިން ކޮވިޝީލްޑް ވެކްސިންގެ 3 ލައްކަ ޑޯޒް ގަތުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން ވެކްސިންގެ 1 ލައްކަ ޑޯޒު ރާއްޖެ ގެނައީ މަރޗް މަހުގެ 29 ވަނަ ދުވަހުއެވެ.
އިންޑިއާގެ ކޮވިޑް-19ގެ ހާލަތު ގޯސްވެ ވެކްސިންގެ ޑޯޒްތައް އެގައުމުން އެކްސްޕޯޓްކުރުން މެދުކަނޑާލުމާގުޅިގެން މާލޭގައި ކޮވިޝީލްޑް ވެކްސިންގެ ދެ ވަނަ ޑޯޒް ޖެހުން މެދުކަނޑާލާފައި ވަނީ މެއި ދެ ވަނަ ދުވަހުއެވެ.