ކ. މާލެ
|
4 ޖުލައި 2021 | އާދީއްތަ 12:03
އާޖެންޓީނާ އާއި އެކުއެޑޯ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އާޖެންޓީނާ މޮޅުވީ 3-0 ން
އާޖެންޓީނާ އާއި އެކުއެޑޯ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އާޖެންޓީނާ މޮޅުވީ 3-0 ން
ގެޓީ އިމޭޖަސް
ކޮޕާ އެމެރިކާ
އާޖެންޓީނާ އާއި ކޮލަމްބިއާ ސެމީއަށް
 
އެކުއެޑޯ އަތުން އާޖެންޓީނާ މޮޅުވީ 3-0 ގެ ނަތީޖާއަކުން
 
އުރުގުއޭ އަތުން ކޮލަމްބިއާ މޮޅުވީ ޕެނަލްޓީގައި 4-2 ގެ ނަތީޖާއަކުން

ދެކުނު އެމެރިކާގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ ކޮޕާ އެމެރިކާގެ ސެމީ ފައިނަލުގެ ފަހު ޖާގަތައް އާޖެންޓީނާ އާއި ކޮލަމްބިއާއިން ހޯދައިފިއެވެ.

ސެމީގެ ޖާގައެއް އާޖެންޓީނާއިން ހޯދީ އާދީއްތަ ދުވަހުގެ ފަތިހު ކުޅުނު ކުއާޓާ ފައިނަލް މެޗުން އެކުއެޑޯ އަތުން 3-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

މި މެޗުގައި އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ތަފާތު މޮޅު ކުޅުމެއް ދެއްކިއިރު، ފުރަތަމަ ހާފު ނިމުމުގެ ކުރިން އާޖެންޓީނާއިން ވަނީ ލީޑު ނަގާފައެވެ. މި ހާފު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް މެސީ ހުސްކޮށްލާފައި ދިން ބޯޅައަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ރޮޑްރީގޯ ޑެ ޕޯލްއެވެ.

މި މެޗުގެ ދެވަނަ ހާފުގައިވެސް އާޖެންޓީނާއިން މޮޅު ކުޅުމެއް ދެއްކިއިރު، އެ ގައުމުން ލީޑު ފުޅާކޮށްފައިވަނީ މެޗު ނިމެން ހަ މިނެޓަށް ވެފައި ވަނިކޮށެވެ. މެސީ ދިން ބޯޅައަކުން މި ލަނޑު އާޖެންޓީނާއަށް ކާމިޔާބުކޮށްދިނީ ލަޓާރޯ މާޓީނޭޒެވެ.

އޭގެ ފަހުން މެޗުގެ އިތުރު ވަގުތުގައި އާޖެންޓީނާގެ އެންހެލް ޑި މާރިއާއަށް ކުރި ފައުލަކާ ގުޅިގެން އެކުއެޑޯގެ ޑިފެންޑަރު ޕިއޭރޯ ހިންކަޕީއޭއަށް ވަނީ ސީދާ ރަތް ކާޑެއް ދައްކާފައެވެ. އެ ފައުލަށް އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމުން މެސީ ވަނީ އާޖެންޓީނާގެ ތިންވަނަ ލަނޑު ޖަހައިދީފައެވެ. މިއީ މި ފަހަރުގެ މުބާރާތުގައި މެސީ ކާމިޔާބުކުރި ހަތަރުވަނަ ލަނޑެވެ.

މީގެ އިތުރުން ސެމީގެ ޖާގައެއް ކޮލަމްބިއާ ހޯދީ ހޮނިހިރު ދުވަހުގެރޭ ކުޅުނު ކުއާޓާ މެޗުގައި ޕެނަލްޓީ ޖަހައިގެން 4-2 ގެ ނަތީޖާއަކުން އުރުގުއޭ ބަލިކުރުމަށްފަހުއެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ. އެހެންކަމުން ނަތީޖާ ނެރުމަށް ޕެނަލްޓީ ޖެހިއިރު، އުރުގުއޭގެ ހޯސޭ ހިމެނޭޒް އާއި މަޓިއަސް ވީނާގެ ޕެނަލްޓީތައް ކާމިޔާބުވެފައެއް ނުވެއެވެ.

މިއާއެކު ސެމީގެ ދެވަނަ މެޗުގައި އާޖެންޓީނާ އާއި ކޮލަމްބިއާ ބައްދަލުކުރާއިރު، ސެމީގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ބްރެޒިލާއި ޕެރޫއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް