ކ. މާލެ
|
1 ޖުލައި 2021 | ބުރާސްފަތި 23:27
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕެއިންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕެއިންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ
ޓްރީ ޓޮޕް ހޮސްޕިޓަލް
ވެކްސިންގެ ގައުމީ ކެމްޕެއިން
ބުދަ ދުވަހު ވެކްސިން ޖެހީ 667 މީހުން
 
ދެވަނަ ޑޯޒް ޖެހީ 502 މީހުން
 
ބުދަ ދުވަހު ފުރަތަމަ ޑޯޒް ޖެހީ 165 މީހުން

ބުދަ ދުވަހު ވެކްސިން ޖެހީ 667 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ވެކްސިންގެ ތަފާސް ހިސާބުތައް ދައްކާގޮތުން، ބުދަ ދުވަހު ފުރަތަމަ ޑޯޒް ޖަހާފައިވަނީ 165 މީހުންނެވެ. ދެވަނަ ޑޯޒް ޖަހާފައިވަނީ 502 މީހުންނެވެ. މާލެ ސަރަހައްދުން ފުރަތަމަ ޑޯޒް ޖަހާފައިވަނީ 76 މީހުންނެވެ. އަދި އަތޮޅު ތެރެއިން ފުރަތަމަ ޑޯޒް ޖަހާފައިވަނީ 89 މީހުންނެވެ.

މާލެ ސަރަހައްދުން ދެވަނަ ޑޯޒް ޖަހާފައިވަނީ 202 މީހުންނެވެ. އަތޮޅު ތެރެއިން 300 ދެވަނަ ޑޯޒް ޖަހާފައިވަނީ 300 މީހުންނެވެ. މި އަދަދުތަކަށް ބަލާއިރު ވެކްސިން ޖަހަމުން އަންނަ މީހުންގެ އަދަދު މިވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.

މިއާއެކު ރާއްޖޭގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 317،012ށް އަރާފައެވެ. އަދި ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދު ވަނީ 190،729ށް އަރާފައެވެ.

ހެލްތް މިނިސްޓަރ އަޙުމަދު ނަސީމް ވިދާޅުވެފައިވަނީ ސަރުކާރުން ރައްޔިތުންނަށް ބޭނުންވާ ވެކްސިންގެ ހޯދުމުގެ މަސައްކަތްކުރަމުން ދާކަމަށާއި، ޖުލައި މަހުގެ ތެރޭގައި އެކަށީގެންވާ އަދަދެއްގެ ވެކްސިން ޑޯޒް ލިބިގެންދާނެ ކަމަށެވެ. އެގޮތުން ވެކްސިން ޑޯޒްތައް ލިބޭނެ ސީދާ ވަކި ދުވަހެއް ދަންނަވަން ނޭނގުނު ނަމަވެސް މިހާތަނަށް ލިބިފައި ހުރި މައުލޫމާތުތައް ދައްކާގޮތުން ޖުލައި މަހުގެ 12ވަނަ ދުވަހާ 20ވަނަ ދުވަހާ ދޭތެރޭ އެސްޓްރަޒެނިކާ ވެކްސިންގެ އެކަށީގެންވާ އަދަދެއްގެ ޑޯޒް ލިބޭނެ ކަމަށެވެ.

މިނިސްޓަރ ނަސީމް ވަނީ އެމެރިކާއިން ވެކްސިން ފޯރުކޮށްދޭން ނިންމާފައިވާ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމަނާފައިވީ ނަމަވެސް ވެކްސިން ޑޯޒްތައް ލިބޭނެ ވަކި ދުވަހެއް ދަންނަވަން ނޭނގޭ ކަމަށް ވިދާޅުވެފައެވެ.

އޭގެ އިތުރުން ރަޝިއާގެ ސްޕަޓްނިކްވީ ވެކްސިން ރާއްޖެއަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެކަމާ ގުޅިގެން ނަން-ޑިސްކްލޯޝަރ އެގްރިމެންޓެއްގައި ސޮއިކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ. ރަޝިއާގެ ވެކްސިން ޑިސްޓްރިބިއުޓް ކުރާ ފަރާތުން މިކަން ބަލައިގަނެފައިވާ ކަމަށާއި، މިހާރު ކުރިއަށް ދަނީ އެގްރިމެންޓްގައި ހުރި ކުދިކުދި މައްސަލަތައް ހައްލު ކުރުމުގެ މަޝްވަރާތައް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މާލަސްތަކެއް ނުވެ ޕަރޗޭސިން އެގްރިމެންޓްގައި ސޮއިކުރެވިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް