ކ. މާލެ
|
14 ނޮވެންބަރ 2022 | ހޯމަ 21:53
ކޮވިޑް ވެކްސިން ޖަހަނީ
ކޮވިޑް ވެކްސިން ޖަހަނީ
ރޮއިޓަރސް
ކޮވިޑް-19 ވެކްސިން
ފާއިތުވި ހަފުތާގައި ކޮވިޑް-19 ދެވަނަ ބޫސްޓަރ ޑޯޒް ޖެހީ ތިން މީހުން
ނޮވެމްބަރ މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް 1384މީހުން ބޫސްޓަރ ދެވަނަ ޑޯޒް ޖަހާފައިވޭ
ބޫސްޓަރ ޑޯޒް ޖަހާފައިވަނީ 167،145 މީހުން

ފާއިތުވި ހަފުތާގައި ކޮވިޑް-19 ދެވަނަ ބޫސްޓަރ ޑޯޒް ޖެހީ ތިން މީހުންކަމަށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ހާމަކޮށްފިއެވެ.

އެޗްޕީއޭން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު; ނޮވެމްބަރ މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް 1384 މީހުން ބޫސްޓަރ ދެވަނަ ޑޯޒް ޖަހާފައިވެއެވެ. އޭގެކުރީ ހަފުތާގައި ބޫސްޓަރ ދެވަނަ ޑޯޒް ޖަހާފައިވަނީ 1381 މީހުންނެވެ. ބޫސްޓަރ ޑޯޒް ޖަހާފައިވަނީ 167،145 މީހުންނެވެ. 385،060 މީހުން ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައިވެއެވެ. އަދި މިހާތަނަށް 399،143 މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ.

18 އަހަރުން މަތީގެ އުމުރުފުރާގެ މީހުންނަށް ކޮވިޑް ވެކްސިންގެ 4 ވަނަ ޑޯޒެއް، ސެޕްޓެމްބަރ 8 ވަނަ ދުވަހުން ފެށިގެން އަންނަނީ ޖަހަމުންނެވެ. އެގޮތުން މި ޑޯޒް ޖަހާނީ ކޮވިޑް-19ގެ ފުރަތަމަ ބޫސްޓަރ (3 ވަނަ ޑޯޒް) ޖެހިފަހުން 4 މަސް ދުވަސް ފުރިހަމަވެފައިވާ ފަރާތްތަކަށް ކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ.

ކޮވިޑް-19ގެ ވެކްސިން ޖަހާ މީހުން ވަރަށް ބޮޑަށް މަދުވެފައިވާކަމަށް އެޗްޕީއޭން ވަނީ ބުނެފައެވެ. މިހާރު ރާއްޖޭގައި ފެތުރެމުންދާ ތަފާތު ރޯގާތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުން އެޗްޕީއޭގެ ޕަބްލިކް ހެލްތު ޕްރޮގްރާމުގެ ޑިރެކްޓަރު އާމިނަތު އަރޫޝާ ވިދާޅުވީ، ވެކްސިން ޖަހާ މީހުންގެ އަދަދު މިހާރު ވަރަށް ބޮޑަށް މަދުވެފައިވާކަމަށެވެ. އެއީ ފަހުން ދިން ލުއިތަކުގެ ސަބަބުން ކަަމަށް ބެލެވޭކަމަށް އޭނާ ވިދާޅުވިއެވެ.

އަރޫޝާ ވިދާޅުވީ ކޮވިޑް-19 ޖެހިގެން ބަލީގައި ބޮޑުވަރުވާ މީހުންގެ ތެރޭގައި ހައި ރިސްކު މީހުން ހިމެނޭ ކަމަަށެވެ. ވެކްސިން ފުރިހަމަކޮށްގެން ބަލީގައި ބޮޑުވަރުވާ މިންވަރު ކުޑަކުރެވޭނެ ކަމަށާއި، މިހާތަނަށް ބަލީގައި ބޮޑުވަރުވެގެން ނިޔާވެފައިވާ ގިނަ މީހުންނަކީ ވެކްސިންގެ ޑޯޒްތައް ފުރިހަމަ ނުކޮށް ތިބި މީހުން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ފަރުވާ ކުޑަނުކޮށް ވެކްސިންގެ ޑޯޒްތައް ފުރިހަމަކުރުމަށް އަރޫޝާ އިލްތިމާސްކުރެއްވިއެވެ.

- ކޮމެންޓް