ޖުލައި މަހުގެ ތެރޭގައި ރާއްޖެއަށް ބޭނުންވާ ވެކްސިންގެ ޑޯޒްތައް ލިބިގެންދާނެ ކަމަށާއި ބޮޑަށް ގަބޫލުކުރެވޭ ގޮތުގައި ޖުލައި 12އާ 20އާ ދެމެދު ވެކްސިންގެ ޑޯޒްތައް ލިބިގެންދާނެ ކަަމަށް ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ ނަސީމް ވިދާޅުވީ، ސަރުކާރުން ދަނީ ރައްޔިތުންނަށް ބޭނުންވާ ވެކްސިންގެ ހޯދުމުގެ މަސައްކަތްކުރަމުން ކަމަށާއި، ޖުލައި މަހުގެ ތެރޭގައި އެކަށީގެންވާ އަދަދެއްގެ ވެކްސިން ޑޯޒް ލިބިގެންދާނެ ކަމަށެވެ. އެގޮތުން ވެކްސިން ޑޯޒްތައް ލިބޭނެ ސީދާ ވަކި ދުވަހެއް ދަންނަވަން ނޭނގުނު ނަމަވެސް މިހާތަނަށް ލިބިފައި ހުރި މައުލޫމާތުތައް ދައްކާގޮތުން ޖުލައި މަހުގެ 12ވަނަ ދުވަހާ 20ވަނަ ދުވަހާ ދޭތެރޭ އެސްޓްރަޒެނިކާ ވެކްސިންގެ އެކަށީގެންވާ އަދަދެއްގެ ޑޯޒް ލިބޭނެ ކަމަށެވެ.
މިނިސްޓަރ ނަސީމް ވަނީ އެމެރިކާއިން ވެކްސިން ފޯރުކޮށްދޭން ނިންމާފައިވާ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމަނާފައިވީ ނަމަވެސް ވެކްސިން ޑޯޒްތައް ލިބޭނެ ވަކި ދުވަހެއް ދަންނަވަން ނޭނގޭ ކަމަށް ވިދާޅުވެފައެވެ.
އޭގެ އިތުރުން ރަޝިއާގެ ސްޕަޓްނިކްވީ ވެކްސިން ރާއްޖެއަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެކަމާ ގުޅިގެން ނަން-ޑިސްކްލޯޝަރ އެގްރިމެންޓެއްގައި ސޮއިކުރެވިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ރަޝިއާގެ ވެކްސިން ޑިސްޓްރިބިއުޓް ކުރާ ފަރާތުން މިކަން ބަލައިގަނެފައިވާ ކަމަށާއި، މިހާރު ކުރިއަށް ދަނީ އެގްރިމެންޓްގައި ހުރި ކުދި މައްސަލަތައް ހައްލު ކުރުމުގެ މަޝްވަރާތައް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މާލަސްތަކެއް ނުވެ ޕަރޗޭސިން އެގްރިމެންޓްގައި ސޮއިކުރެވިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގެ ކޮވިޑް-19 ވެކްސިނޭޝަން ޕްރޮގްރާމް ފެބްރުއަރީ 1ވަނަ ދުވަހު ފަށާފައިވާއިރު، އެންމެ ފުރަތަމަ ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ ދީފައި ވަނީ ކޮވިޝީލްޑް ވެކްސިނަށެވެ. އޭގެ އިތުރުން ބައޯއެންޓެކް އަދި ފައިޒަރ ގުޅިގެން އުފައްދާފައިވާ ކޮވިޑް-19 ވެކްސިނާއި، ޗައިނާގެ ސިނޮފަރމް ކުންފުނީގެ ކޮވިޑް ވެކްސިނާއި، އެސްޓްރަޒެނެކާ ކުންފުނީގެ ކޮވިޑް ވެކްސިންގެ އިތުރުން، ސްޕަޓްނިކްވީ، މޮޑާނާގެ ކޮވިޑް ވެކްސިން، އަދި ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިން ބޭނުންކުރުމުގެ ހުއްދަ ރާއްޖެއިން ވަނީ މިހާރު ދީފައެވެ.