ކ. މާލެ
|
29 ޖޫން 2021 | އަންގާރަ 15:04
ނައިފަރު ދާއިރާގެ މެމްބަރ އަހުމަދު ޝިޔާމް އަދި މާވަށު ދާއިރާގެ މެމްބަރ މުހައްމަދު ސައީދު
ނައިފަރު ދާއިރާގެ މެމްބަރ އަހުމަދު ޝިޔާމް އަދި މާވަށު ދާއިރާގެ މެމްބަރ މުހައްމަދު ސައީދު
ރާއްޖެއެމްވީ ލޯކަލް
ބޭރަށްފުރާ ފަސިންޖަރުން އަތުން ޓެކުހާއި ފީނެގުން
ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ސައީދު އާއި ޝިޔާމް ދެކޮޅު
 
އެއަރޕޯޓުން ފުރާ ފަރާތްތަކުގެ އަތުން ޓެކްސް ނަގަން ފަށާނީ 2022 ވަނަ އަހަރުގެ ޖެނުއަރީ 1ން ފެށިގެން ކަމަށް ވަނީ ފާސްކޮށްފައި
 
ކޮމިޓީ ރިޕޯޓް ފާސްކޮށްފައިވަނީ 43 މެމްބަރުންގެ ވޯޓުން

ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ހުށަހަޅާފައިވާ އިސްލާހު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކުރުމަށް ނެގުނު ވޯޓުގައި ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރ އަހުމަދު ޝިޔާމް އަދި މާވަށު ދާއިރާގެ ޕީއެންސީ މެމްބަރ މުހައްމަދު ސައީދު އެ ރިޕޯޓް ފާސްކުރުމަށް ނުފެންނަކަމަށް ވޯޓު ދެއްވައިފިއެވެ.

މިއީ ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކުހާއި ފީނެގުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު އިގްތިސާދީ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު، މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކުރުމަށްފަހު ވަކި ގޮތެއް ނިންމުމަށް ނެގި ވޯޓެކެވެ. އަންގާރަ ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި މިކަން ފާސްކޮށްފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިންނެވި 43 މެންބަރުންގެ ވޯޓުންނެވެ. މި ރިޕޯޓު ފާސްކުރުމަށް ނުފެންނަ ކަމަށް ވޯޓު ދެއްވީ ދެ މެމްބަރުންނެވެ. އެއީ ނައިފަރު ދާއިރާގެ މެމްބަރ ޝިޔާމް އާއި މާވަށު ދާއިރާގެ މެމްބަރ ސައީދެވެ.

މި ބިލަށް ކޮމިޓީން ބޮޑެތި އިސްލާހުތަކެއް ހުށަހަޅާފައެއް ނުވެއެވެ. ކޮމިޓީން އިސްލާހު ކޮށްފައިވަނީ ބިލުގައިވާ ބައެއް ތާރީޚުތައް އެކަންޏެވެ. ކޮމިޓީ ރިޕޯޓުގައި ބުނެފައިވަނީ ސަރުކާރުގެ ފަރާތުން ބިލު ހުށަހެޅުއްވިއިރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ދިވެހިރާއްޖޭން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން ނެގޭ އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ނެގުމަށް ބިލުގައި ހިމަނާފައިވާ މުއްދަތު ފާއިތުވެފައިވުމާއެކު، މިނިސްޓްރީ އޮފް ފިނޭންސުން މި ބިލަށް ހުށަހަޅާފައިވާ އިސްލާހާ އެއްގޮތަށް ތާރީޚު ބަދަލުކޮށް އިސްލާހު ގެނައުމަށް ނިންމާ ކަމަށެވެ.

އެގޮތުން އެއަރޕޯޓް ސަރވިސް ޗާޖް ނަގާނީ މި އަހަރުގެ 31 ޑިސެމްބަރ ގެ ނިޔަލަށްކަމަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ. އަދި އެއަރޕޯޓުން ފުރާ ފަރާތްތަކުގެ އަތުން ޓެކްސް ނަގަން ފަށާނީ 2022 ވަނަ އަހަރުގެ ޖެނުއަރީ 1ން ފެށިގެން ކަމަށް ވަނީ ފާސްކޮށްފައެވެ.

ބިލުގައިވާ ގޮތުން، އެއަރޕޯޓް ޓެކުހުގެ ގޮތުގައި، އިކޮނޮމިކް ކްލާހުން ދަތުރު ކުރާ ދިވެހިންގެ އަތުން 12 ޑޮލަރު ނަގާއިރު، ބިދޭސީއެއްގެ އަތުން 30 ޑޮލަރު ނެގުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބިޒްނަސް ކްލާހުން ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 60 ޑޮލަރު ނެގުމަށް ނިންމާފައިވާއިރު، ފަސްޓް ކްލާހުން ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 90 ޑޮލަރު ނެގުމަށް ހުށަހަޅާފައިވެއެވެ. އަދި މީގެއިތުރުން ޕްރައިވެޓް ޖެޓުގައި ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 120 ޑޮލަރު ނެގުމަށް ވެސް އެބިލުގައި ވެއެވެ.

ބިލުގައިވާ ގޮތުން އެއަރޕޯޓް ޓެކުހުގެ ގޮތުގައި އެއަރޕޯޓުން ފުރާ ކޮންމެ މީހެއްގެ އަތުން ޓެކުހެއް ނެގުމުގެ އިތުރަށް އެއަރޕޯޓް ޑިވެލޮޕްމަންޓް ޗާޖުގެ ގޮތުގައި ވެސް ހަމަ އެ އަދަދުތަކުން ފީ ނެގުމަށް ވަނީ ހިމަނާފައެވެ.

އެހެންކަމުން، އެއަރޕޯޓުން އިކޮނޮމިކް ކްލާހުން ފުރާ ކޮންމެ ދިވެއްސެއްގެ އަތުން ޖުމުލަ 24 ޑޮލަރު ނެގޭއިރު ބިދޭސީއެއްގެ އަތުން ޖުމުލަ 60 ޑޮލަރު ނެގޭނެ އެވެ. އަދި ބިޒްނަސް ކްލާހުން ދަތުރުކުރާ ކޮންމެ މީހަކު 120 ޑޮލަރު، ފަސްޓް ކްލާހުން ދަތުރުކުރާ ކޮންމެ މީހަކު 180 ޑޮލަރު އަދި ޕްރައިވެޓް ޖެޓުން ދަތުރުކުރާ ކޮންމެ މީހަކު 240 ޑޮލަރު އެއަރޕޯޓް ޓެކުހާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ދައްކަން ޖެހެއެވެ.

މިހާރު އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި ވައިގެ މަގުން ރާއްޖެއިން ބޭރަށް ފުރާ ކޮންމެ ދިވެެއްސެއްގެ އަތުން 12 ޑޮލަރު އަދި ކޮންމެ ބިދޭސީއެއްގެ އަތުން 25 ޑޮލަރު ނަގަމުން ދެއެވެ. އަދި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ވެސް ކޮންމެ ދިވެއްސެއްގެ އަތުން 12 ޑޮލަރު އަދި ބިދޭސީއެއްގެ އަތުން ވެސް 25 ޑޮލަރު ނަގަމުން ދެއެވެ. އެގޮތުން އެއަރޕޯޓުން ފުރާ ކޮންމެ ދިވެއްސެއްގެ އަތުން 24 ޑޮލަރު އަދި ކޮންމެ ބިދޭސީއެއްގެ އަތުން 50 ޑޮލަރު، ނަގަން ފެށީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި، ބަޖެޓަށް އާމްދަނީ އިތުރު ކުރުމަށް ކަމަށް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
20%
20%
0%
60%
0%
0%
ކޮމެންޓް
30 ޖޫން 2021 | ބުދަ 08:37
ހެެއްރަބެ
އެމްޑީޕީގެނަން މިހާރު ބަދަލުކުރަންވީ އެމްޓީޑީޕީ (މޯލްޑިވިއަން ޓެކްސް ނަގާ ޕާޓީ) އަށް!!! ނަގާ ޓެކްސްތަށް ގިނަވެގެން ގޮސް މިހާރުދެން ހިރިލެވޭކަށްވެސް ނެތް!!!! ކެއްސާ ލިޔަސް ޓެކްސް ކިނބިއްސެއް އެލުނަސް ޓެކްސް!!! ފުރަތަމަ އެމްޑީޕީ ވެރިކަމަށް އަންނާން ވެގެން ވައުދުތަށް ވަމުން ދިޔައިރު ބުނަމުން ގެންދިޔައީ އެޕާޓީގެ ވެރިކަމެއްގާ އެއްގޮތަކަށްވެސް އިމްޕޯޓް ޑިއުޓީ ނުނަގާނެކަމަށް!!!! ހަމައެކަނި ޖީއެސްޓީ އިން ސަރުކާރު ހިންގާނެ ފައިސާ ލިބޭނެ ކަމަށް!!! އެކަމަކު އެހެންވެސް ނުވިތާ!!! އެއްމެފަހުންގޮސް ޓެކްސް ތައް އިތުރު ކުރަމުންގޮސް ކުދި އަދި މެދުފަންތީގެ ވިޔާފާރި ވެރީންނާއި އާއްމު ރައްޔިތުން ދިރިއުޅެން ޖެހިފައި މިއޮތީ ހާސް ކަމެއްގެ ތޭރޭގައި!!! ސަހަރޯ ދެން ތިޔަކުޅުއްވާ ޓެކްސް ކުޅިގަނޑު ހުއްޓާލާކަށް އަދިވެސް ނުވޭތޯ؟؟؟ ތިޔަނަގާ ޓެކްސްތަށް މިހާރު މިއޮތީ ފޭރުމަކަށް ބަދަލުވެފަ!!!! އާމްދަނީ އިތުރުކުރެވޭނެ މަގެއް ނުދައްކާ ޓެކްސް ނެގުމަކީ ފޭރުމެއ!!!
30 ޖޫން 2021 | ބުދަ 06:07
ނށދ
ފުރަންދާއިރު ރޮއްވާލަނީ ދޯ، ތިފެލާލަނި، އާމްދަނީ ތިގޮތައް އިތުރުކުރަން މަވެސް ދެކޮޅު
29 ޖޫން 2021 | އަންގާރަ 19:38
ދޯރާ
ވާވް! ހެޑަރ ވަރަށް ސަޅި! އެކަމަކު މިނޫނަސް ޚަބަރު ލިޔާ ނޫސްތައް ވަރަށް ގިނަ، އެދެބޭފުޅުން ދެކޮޅީ ސަރުކާރަށް އާމްދަނީ ހޯދުންތޯ ނުވަތަ އެބޭފުޅުންދެއްކި ވާހަކައިގެ އަސްލަކީ ކޮބައިތޯ؟؟؟؟